18 އޯގަސްޓް 2018 - 08:49

ބޮލީވުޑްގައި ޑައިރެކްޓަރުންގެ ގޮތުގައި މަސައްކަތްކުރާ އަންހެނުންގެ އަދަދު މަދެވެ. އޭގެ ތެރޭގައި ފާހަގަކޮށްލެވޭ ޑައިރެކްޓަރުންގެ ތެރޭގައި ފަރާ ހާން، މެގްނާ ގުލްޒާރް، ޒޯޔާ އަހްތަރު، ރީމާ ކަތުގީ، ގޯރީ ޝިންޑޭ އަދި ނަންދިތާ ދާސް ފާހަގަކޮށްލެވެ އެވެ.
މި ލިސްޓަށް އަލަށް އަންނަނީ ފީޗާ ފިލްމެއް ޑައިރެކްޓް ކުރަން ނިކުމެ ހުރި އެކްޓަރު އަޔޫޝްމަން ކުރާނާގެ އަންހެނުން ތާހިރާ ކެޝަޕް ކުރާނާ އެވެ.
މިހާރު ދެ ދަރިން ވެސް ތިބި ތާހިރާ މީގެ ކުރިން ވަނީ ބައެއް ތިއޭޓަ ޕްލޭތައް ޑައިރެކްޓްކޮށްފަ އެވެ. އޭނާއަކީ ލިޔުންތެރިއެކެވެ. ބައެއް ފޮތްތައް ވެސް ތާހިރާ ވަނީ ޝާއިއުކޮށްފަ އެވެ.
މާސް ކޮމިއުނިކޭޝަން އެންޑް ޖާނަލިޒަމް ޓީޗަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ތާހިރާ ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމަކީ ޓީ ސީރީޒް އާއި "ނީރްޖާ" ގެނެސްދިން ޕްރޮޑިއުސަރު އަތުލް ކަސްބޭކަރްގެ އެލިޕްސިސް އެންޓަޓައިންމަންޓް ގުޅިގެން ހަދާ ފިލްމެކެވެ.
މިކަމާ ގުޅޭ ގޮތުން އެ ދެ ސްޓޫޑިއޯ އިން ނެރުނު ބަޔާނުގައި ބުނީ އަނެއްކާ ވެސް ހުނަރުވެރި އެހެން ޑައިރެކްޓަރަކު ބޮލީވުޑަށް ތައާރަފުކޮށް ދިނުމަކީ ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަަށެވެ. އަދި ތާހިރާއަކީ ވަރަށް ވެސް ހުނަރުވެ މީހެއް ކަމަށާއި އޭނާ ވަރަށް ކުޅަދާނަ ޑައިރެކްޓަރެއްކަން ސާބިތުކޮށް ދޭނެ ކަމަށް ބުންޏެވެ.
ތާހިރާ ބުނި ގޮތުގައި ބޮލީވުޑްގައި ފާހަގަކޮށްލެވޭ ކާމިޔާބު ޕްރޮޑިއުސަރުންތަކަކާ ގުޅިގެން އޭނާ އަށް ފީޗާ ފިލްމެއް ހަދަން ފުރުސަތު ލިބުމަކީ ހުވަފެނެއް ހަގީގަތަކަށްވުމެވެ. އަދި ކެރިއަރުގެ އާ މިސްރާބާ ދޭތެރޭ ކުރެވޭ އުންމީދުތައް ވެސް ބޮޑު ކަމަށް ބުންޏެވެ.
ތާހިރާ ޑައިރެކްޓް ކުރާ ފިލްމްގެ ކާސްޓުން ވަރަށް އަވަހަށް އިއުލާން ކުރަން ހަމަޖެހިފައިވާ އިރު، ފިލްމްގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ. އަދި ނަން އިއުލާންކޮށް ނުވާ މި ފިލްމަކީ މުމްބާއީގެ ވާހަކައެއް ކިޔައި ދޭނެ ފިލްމެކެވެ.
ތާހިރާގެ ފިރިމީހާ އަޔުޝްމަންކީ މި ވަގުތު ބޮލީވުޑްގައި ތިބި އެކްޓަރުންގެ ތެރެއިން އެންމެ އުންމީދީ އެކެކެވެ. އޭނާ ވަނީ ވަރަށް ކާމިޔާބު ފިލްމްތަކެއް ކުޅެފަ އެވެ. ކުރިން އެމްޓީވީގެ ވީޖޭއަކަށް އުޅުނު އަޔޫޝްމަން "ވިކީ ޑޯނާ" އިން ބޮލީވުޑަށް ނުކުމެ ކުޅުނު ފިލްމްތަކުގެ ތެރޭގައި "ބެރިލީ ކީ ބަރްފީ،" "ޝުބް މަންގަލް ސާވްދާން" އަދި "ދަމް ލަގާ ކޭ ހައިޝާ" ހިމެނެ އެވެ.
އަޔުޝްމަން، 33، ގެ ކުރިއަށް ހުރި ފިލްމްތަކަކީ "އަންދާދުން" އާއި "ބަދާއީ ހޯ" އެވެ.