16 އޯގަސްޓް 2018 - 10:23

މަޝްހޫރު ހަބޭސް ބޮޑުބެރު ބޭންޑްގެ ބޮޑުއީދު ޝޯތައް މި ފަހަރު ހއ. އާއި ހދ. އަތޮޅުގައި ބާއްވަން ނިންމައިފި އެވެ.
އެ ދެ އަތޮޅުގެ ބައެއް ރަށްތަކުގައި ދޭ ޝޯތަކުގައި ހަބޭސް ބޮޑުބެރު ބޭންޑްގެ އިތުރުން އޭގެ ދަށުން ހިންގާ ހަބޭސް ފިއުޝަން އާއި ލެވިޓޭޝަން ވެސް ބައިވެރި ވާނެ އެވެ.
ހަބޭސްގެ ވެރިޔާ (ހަބޭސް އައްޔަ) ޝިފާއު ބުނީ ޝޯތަކަށް ބޭންޑްތައް މާލޭން ފުރާނީ މި މަހުގެ 20 ވަނަ ދުވަހު ކަމަށާއި ފުރަތަމަ ޝޯ އޮންނާނީ 21 ވަނަ ދުވަހު އުތީމުގައި ކަމަށެވެ.
"މިހާރު ރޭވިފައި އޮތް ގޮތުން ދެ އަތޮޅުގެ ހަތަރު ރަށެއްގައި އަހަރެމެން ޝޯތައް ދޭނަން. ފަހަރުގައި ފަސް ވަނަ ރަށެއް ވެސް އިތުރު ވެދާނެ،" އޭނާ ބުންޏެވެ.
ދެ އަތޮޅުގައި ބާއްވާ އީދު ޝޯތަކުގައި، ޝޯތަކަށް ދާ މީހުންނަށް ކޫޕަން ދޫކޮށްގެން އިނާމުތަކެއް ވެސް ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އިނާމްތައް ހުށަހަޅާފައި ވަނީ މެކްސް ކޮމް އާއި ކޮޕީ ޕްލަސްގެ އިތުރުން އެލް މޮބައިލް އިންނެވެ.
އައްޔަ ބުނީ ދެ އަތޮޅުގައި ދޭ ޝޯތައް ވަރުގަދަކޮށް، ފޯރިގަދަ ކުރުމުގެ ގޮތުން ސަގާފީ އައިޓަމްތަކެއް ވެސް ހުށަހަޅައި ދޭނެ ކަމަށެވެ.
މި މަހުގެ 7 ވަނަ ދުވަހު 7 އަހަރު ފުރުނު ބޭންޑުން މިދިޔަ ފިތުރު އީދާ ދިމާކޮށް ހުޅުމާލޭގައި ބޭއްވި ޝޯއަކީ ވެސް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު ޝޯއެކެވެ.