ރަޖިސްޓްރީވާކަށް ހުށައެއް ނާޅާ، އެކަމަކު ވޯޓުލުން ބޭރު ގައުމުތަކުގައި!
ރަޖިސްޓްރީވާކަށް ހުށައެއް ނާޅާ، އެކަމަކު ވޯޓުލުން ބޭރު ގައުމުތަކުގައި!

ރީ-ރަޖިސްޓްރީވުމަށް ފޯމު ހުށަނާޅާ ގއ. ވިލިނގިލީގެ ބައެއް މީހުން، ދުރު ރަށްރަށާއި ރާއްޖޭން ބޭރުގެ ބައެއް ގައުމުތަކުގައި ބަހައްޓާ ފޮށިތަކަށް ވޯޓު ލާން އިލެކްޝަންސް ކޮމިޝަނުން ރަޖިސްޓްރީ ކޮށްފައިވާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފޯމު ހުށަނާޅަނީސް، އެހެން ތަންތަނުގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވަނީ އާއްމު ގޮތެއްގައި، އުމުރުން ދުވަސްވީ މީހުންނެވެ. އޭގެ ތެރެއިން ބައެއް މީހުން ހއ. އުތީމާއި ހދ. ކުޅުދުއްފުއްޓާއި ށ. ކޮމަންޑޫ ފަދަ ރަށްރަށުގެ ވޯޓު ފޮއްޓަށް ރަޖިސްޓްރީވެފައި ވެ އެވެ. އަދި ސްރީލަންކާ އާއި މެލޭޝިޔާ އާއި ލަންޑަނުގައި ބަހައްޓާ ވޯޓު ފޮއްޓަށް ވެސް ބައެއް މީހުން ވަނީ ރަޖިސްޓްރީވެފަ އެވެ.

ވިލިނގިލީގައި ހިންގާ އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ ޖިހާދާ އަލީ ބުނީ އަބަދު ވެސް ރަށުގައި ދިރިއުޅޭތީ އޭނާ ދުވަހަކު ވެސް ރީ-ރަޖިސްޓްރީ ނުވާ ކަމަށާއި ވޯޓުލާން ޖެހޭ ފޮށީގެ ގޮތުގައި، މީގެ ހަތަރު ދުވަސް ކުރިއާ ހަމައަށް އޮތީ ވިލިނގިލީގައި ހުންނަ ވޯޓު ފޮށި ކަމަށެވެ. އެކަމަކު ރޭ ޗެކް ކުރި އިރު، އޭނާގެ ނަން އޮތީ މެލޭޝިޔާގައި ހުންނަ ވޯޓު ފޮއްޓަށް ރަޖިސްޓްރީވެފައި ކަމަށް ބުންޏެވެ.

"ރީ-ރަޖިސްޓްރީ ވާކަށް އަޅުގަނޑު ފޯމެއް ނުލަން. އެކަމަކު އިލެކްޝަންސް ކޮމިޝަނަށް އިތުބާރު ނުކުރެވޭތީ، ވޯޓުލާން ޖެހޭ ފޮށި ދޭތެރެއަކުން އަޅުގަނޑު ޗެކްކޮށްލަން. މީގެ ހަތަރު ދުވަސް ކުރިން ބެލި އިރު ވެސް އޮތީ ރަށަށް ވޯޓުލާ ގޮތަށް. އެކަމަކު ރޭ ޗެކް ކުރި އިރު އޮތީ، މެލޭޝިޔާގައި ބަހައްޓާ ފޮއްޓަކަށް ވޯޓުލާން،" ޖިހާދާ ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވީ ރެންޑަމްކޮށް، އެ ރަށުގެ ބައެއް މީހުންގެ އައިޑީކާޑު ނަމްބަރު އިއްޔެ ޗެކް ކުރި އިރު، ގިނަ އަދަދެއްގެ ބަޔަކު ދުރު ރަށްރަށުގައި ވޯޓު ކާން ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ހިމެނެނީ އިދިކޮޅު ކޯލިޝަނަށް ވޯޓު ދޭނެކަން ޔަގީންވާ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭގެ ތެރޭގައި ގިނައިން ހިމެނެނީ އަޅުގަނޑުމެންގެ ތެރޭގައި އުޅޭ ކުދިންގެ މައިންބަފައިން. އެ މީހުންނަކީ ރަށުގައި ތިބޭ ބައެއް. ރީ-ރަޖިސްޓްރީވުމަށް ފޯމު ހުށައެއްވެސް ނާޅާ. އެކަމަކު އެ މީހުން ވޯޓުލާން މި އޮންނަނީ ކުޅުދުއްފުށީ ފަދަ ދުރު ރަށްރަށަށް،" ސައުދު ވިދާޅުވި އެވެ.

ފޯމު ހުށަނާޅާ މީހުން އެހެން ރަށްރަށުގައި ވޯޓު ލުމަށް ރަޖިސްޓްރީވެފައިވާ އިރު، ވޯޓުލުމަށް ގއ.ކޫއްޑޫގައި ރަޖިސްޓްރީވި މީހުންނާއި މާލޭގައި އުޅޭ މީހުން ވެސް، އެހެން ރަށްރަށުގެ ވޯޓު ފޮށިތަކަށް ރަޖިސްޓްރީވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޫއްޑޫގައި އުޅޭ ގިނަ މުވައްޒަފުން ވެސް ރަޖިސްޓްރީވީ ކުންފުނި މެދުވެރިކޮށް. ފޯމުގައި ޖަހާފައި އޮތީ ވިލިނގިލި ނަމަވެސް ރަޖިސްޓްރޭޝަން މެސެޖްތަކުގައި މި އޮންނަނީ އެހެން ރަށެއް،" ސައުދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން އެ މައްސަލަ 100އެއްހާ މީހުންނަށް ދިމާވެފައިވާ ކަމަށާއި އިތުރު އައިޑީކާޑު ޗެކްކުރާ އިރު، އެ އަދަދު ގިނަ ވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ސައުދު ތުހުމަތު ކުރެއްވި ގޮތުގައި އޮޅުވާލާފައިވަނީ އިދިކޮޅު ކޯލިޝަނަށް ވޯޓު ދޭނެކަން ޔަގީންވާ މީހުންގެ ރަޖިސްޓްރޭޝަނެވެ.

އޭނާ ވިދާޅުވީ ފިންގަޕްރިންޓް ޗެކްކޮށް، ފުލުހުން މެދުވެރިކޮށް ފޯމުތަކުގެ ސައްހަކަން ކަށަވަރުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ ކަމަށެވެ. އެކަމަކު ރީ-ރަޖިސްޓްރޭޝަން ނިމުނު އިރު ފޯމުތައް ވަރަށް ބޮޑަށް އޮޅުވާލާފައިވާ ކަން ފާހަގަކުރެއްވި އެވެ. އަދި މައުލޫމާތު އޮޅުވާލާފައިވާ ފޯމުތައް އީސީ އަށް ހުށަހެޅީ ކޮން ބައެއްކަން އެނގެން ބޭނުންވާ ކަމަށް ސައުދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަޖިސްޓްރޭޝަން އޮޅުވާލާފައިވާ އިތުރު މީހުންގެ މައުލޫމާތު ހޯދުމަށް ފަހު އެ މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ފޯމު ހުށަނާޅާ ވިލިނގިލީ ބައެއް މީހުން، އެހެން ރަށްރަށަށް ވޯޓުލާން ރަޖިސްޓްރީވެފައިވާކަން އެ ތަނުގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ.

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 13 ވަނަ ދުވަހު ހަމަވި އިރު، ރީ-ރަޖިސްޓްރީވުމަށް 95،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް އީސީން ވަނީ ބުނެފަ އެވެ.

އަދި ފޯމުތައް ޕްރޮސެސް ކުރުމުގެ މަސައްކަތް މިދިޔަ އަންގާރަ ދުވަހު ނިމޭނެ ކަމަށް އެ ކޮމިޝަނުން ބުނި ނަމަވެސް، އެ މަސައްކަތް ވަނީ ދިގުލައިގެން ގޮސްފަ އެވެ. ރީ-ރަޖިސްޓްރީވި މީހުންގެ ސައްހަ އަދަދު އެނގޭނީ ފޯމުތައް ޕްރޮސެސްވުމުންނެވެ.