17 އޯގަސްޓް 2018 - 07:58

ގްރެމީ އެވޯޑް ހާސިލުކޮށްފައިވާ ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރަޔަން އެޑަމްސް އަންނަ އޮކްޓޯބަރު މަހު އިންޑިއާ އަށް ޓުއާއެއްގައި ދާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އޭނާ ކުރިއަށް ގެންދާ "ދި އަލްޓިމޭޓް ޓުއާ" ގެ ދަށުން އިންޑިއާ އަށް ކުރާ ދަތުރުގައި އެ ގައުމުގެ އާބާދީ ބޮޑު އެކި ސިޓީތަކުގައި ކޮންސަޓްތައް ބާއްވާނެ އެވެ.
އެނިލް އިން އިންތިޒާމުކޮށްގެން އިންޑިއާގައި ކުރިއަށް ގެންދާ ޓުއާ ފަށަން ހަމަޖެހިފައި ވަނީ އޮކްޓޯބަރު މަހުގެ 9 ގައި އަހުމަދުއާބާދުންނެވެ. އެގޮތުން އޮކްޓޯބަރު 11 ގައި ހައިދަރްއާބާދު، 12 ގައި މުމްބާއީގައި، 13 ގައި ބެންގަލޫރްގައި އަދި 14 ގައި ވެރިރަށް ނިއު ދިއްލީގައި ބްރަޔަން ޕަފޯމް ކުރާނެ އެވެ.
މިއީ އުމުރުން 58 އަހަރުގެ ލަވަކިޔުންތެރިޔާ އިންޑިއާ އަށް ޓުއާއެއްގައި ދާ ފަސް ވަނަ ފަހަރެވެ.
މި ޓުއާއާ ބެހޭ ގޮތުން ހިތްގައިމު ލަވަތަކެއް ގެނެސް ދީފައިވާ ލަވަކިޔުންތެރިޔާ ބުނީ އަނެއްކާ ވެސް އިންޑިއާގެ ފޭނުންނާ ގާތަށް އާދެވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އިންޑިއާއަކީ އޭނާ އަށް ވަރަށް ރީތި އަދި ވަރަށް ހިތްހަމަޖެހޭ ގައުމެއް ކަމަށް ބުންޏެވެ.
މި ފަހަރުގެ ޓުއާގައި ވެސް ބްރަޔަން އޭނާގެ ހިޓް ލަވަތައް ހުށަހަޅައި ދީ، އިންޑިއާގެ ފޭނުންނާ އެކު ފޯރި ނަގާނެ އެވެ. އޭގެ ތެރޭގައި "އެވްރިތީ އައި ޑިޑް ފޮ ޔޫ"، "ސަމާ އޮފް 69" އަދި "ޕްލީޒް ފޮގިވް މީ" ފަދަ ލަވަތައް ހިމެނޭނެ އެވެ.
"ދި އަލްޓިމޭޓް ޓުއާ" ފެ ދަށުން ބްރަޔަން މިހާތަނަށް ވަނީ ހަތަރު ބައްރެއްގެ 53 ސިޓީއެއްގައި ޕަފޯމްކޮށްފަ އެވެ.
މިހާތަނަށް ޖުމްލަ 13 އަލްބަމް ނެރުނު ލަވަކިޔުންތެރިޔާގެ އެންމެ ފަހުގެ އަލްބަމަކީ 2015 ގައި ނެރުނު "ގެޓް އަޕް" އެވެ.