17 އޯގަސްޓް 2018 - 07:53

ކައިވެނި ކުރާނީ ދެބެންގެ ދެދަރި ކޮއްކޮ އަދި ޕްރޮޑިއުސަރު ރިއާ ކަޕޫރާއި އެއްބަނޑު އެއްބަފާ ކޮއްކޮ އަންޝުލާ ކަޕޫރް ކައިވެނި ކުރުމުން ކަމަށް އެކްޓަރު އަރްޖުން ކަޕޫރް ބުނެފި އެވެ.
އެޗްޓީ ކެފޭ އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ރިއާ، 31، އާއި އަންޝުލާ، 25، ކުރިއަށް އޮތް ދެ އަހަރު ނުވަތަ ހަތަރު އަހަރުގެ ތެރޭގައި ކައިވެނިކޮށްދާނެ ކަމަށެވެ.
"ފަހަރުގައި އެކަމަށް އަދި ހަ އަހަރު ވެސް ނަގައިފާނެ. އަހަންނަކަށް ނޭނގެ ސީދާ އެއްޗެއް ބުނާކަށް. އެކަމަކު ޔަގީނުން ވެސް އަހަރެން ކައިވެނި ކުރާނަން އެ ދެ މީހުން ކައިވެނި ކުރީމަ،" މިހާރު އުމުރުން 33 އަހަރުގެ އަރްޖުން ބުންޏެވެ.
ރިއާއަކީ އަނިލް ކަޕޫރްގެ ދެވަނަ އަންހެން ދަރިފުޅު އަދި ބަތަލާ ސޯނަމް ކަޕޫރްގެ ކޮއްކޮ އެވެ. އޭނާ ވަރަށް އަވަހަށް ކައިވެނިކޮށްފާނެ މީޑިއާތަކުން ރިޕޯޓް ކުރަމުން އަންނަ އިރު، މި މަހުގެ ކުރީކޮޅު ރިއާ އާއި ލޯބިވެރިޔާ ކަރަން ބޫލާނީ ވަނީ ރާއްޖޭގައި ޗުއްޓީ ވެސް ހޭދަކޮށްފަ އެވެ.
އަރްޖުންއާ އެއްބަނޑު އެއްބަފާ ކޮއްކޮ އަންޝުލާއަކީ ފިލްމީ ދާއިރާއާ ދުރު ކުއްޖަކަށްވާތީ، އާންމުންގެ ތެރޭގައިި އެހާ މަޝްހޫރު މީހެއް ނޫނެވެ. އެކަމަކު އަރްޖުންގެ އެއްބަފާ ކޮއްކޮއިން ކަމަށްވާ ޖާންވީ، 21 ކަޕޫރާއި ހުޝީ ކަޕޫރް، 17، ވަރަށް މަޝްހޫރެވެ. ޖާންވީ ވަނީ ދާފި ފަހުން ރިލީޒް ކުރި ފިލްމް "ދަޅަކް" އިން ބޮލީވުޑަށް ވެސް ތައާރަފުވެފަ އެވެ.
އަރްޖުންގެ އާއިލާގެ ތެރޭގައި އެންމެ ފަހުން ބޭއްވި ސޯނަމްގެ ކައިވެންޏެވެ. މެއި މަހުގެ 7 ގައި ބޭއްވި ކައިވެނީގެ ހަފުލާގައި އެންމެ ފޯރި ނެގި އެކަކީ ވެސް އަރްޖުން އެވެ.
ކައިވެނި ކުރާނީ ރިއާ އާއި އަންޝުލާ ކައިވެނި ކުރުމުން ކަމަށް އަރްޖުން ބުނެފައިވާ އިރު، އޭނާގެ 33 ވަނަ އުފަން ދުވަހުގެ ހަދިޔާއަކަށް މާމަ ފޮނުވި ތަހުނިޔާގެ ނޯޓެއްގައި ވަނީ ވީހާ ވެސް އަވަހަކަށް ކައިވެނި ކުރަން އެދިފަ އެވެ.
އެކަމަކު އަރްޖުން ބުނި ގޮތުގައި ކައިވެންޏަކާ ދޭތެރޭ ސީރިއަސްކޮށް ވިސްނާ ވަރަށް ވުރެ އޭނާ މި ވަގުތު މަސައްކަތުގައި ބިޒީ އެވެ.
ރާޖްކުމާރް ގުޕްތާގެ "އިންޑިއާސް މޯސްޓް ވޯންޓެޑް" ގެ މަސައްކަތް އަރްޖުން މިހާރު ކުރަމުން އަންނަ އިރު، އަޝުތޯޝް ގޮވަރިކާގެ "ޕަނިޕަޓް" ގެ ޝޫޓިން މި އަހަރުގެ ފަހުކޮޅު ފަށާނެ އެވެ.
އަރްޖުންގެ ދެ ފިލްމެއް ރިލީޒް ވާން ވެސް އެބަ އޮތެވެ. އެއީ އޮކްޓޯބަރު 19 ގައި ރިލީޒް ކުރާ "ނަމަސްތޭ އިންގްލެންޑް" އާއި މާޗް، 1، 2019 ގައި ރިލީޒް ކުރާ "ސަންދީޕް އޯރް ޕިންކީ ފަރާރް" އެވެ.