ޖަޔަލަލީތާއާ ބެހޭ ފިލްމެއް ހަދަން ނިންމައިފި
ޖަޔަލަލީތާއާ ބެހޭ ފިލްމެއް ހަދަން ނިންމައިފި

ޓަމިލް ނާޑޫގެ ކުރީގެ ޗީފް މިނިސްޓަރު އަދި ކުރީގެ ބަތަލާ ޖަޔަލަލީތާގެ ހަޔާތާ ބެހޭ ފިލްމެއް ހަދަން ނިންމައިފި އެވެ.

އިންޑިއާގެ ސައުތު ފިލްމް އިންޑަސްޓްރީ އާއި ބޮލީވުޑްގެ ކާސްޓުންތަކެއް ބައިވެރިވާ މި ފިލްމް ބެލުންތެރިންނަށް ގެނެސް ދެނީ ޕްރޮޑިއުސަރު ވިޝްނޫ ވަރްދާން އިންދޫރީ އާއި ބްރިންދާ ޕްރަސާދެވެ.

މިހާރު ޕްރި-ޕްރޮޑަކްޝަން މަރުހަލާގައި އޮތް ޖަޔަލަލީީތާގެ ބައޮގްރަފިކަލް ޑްރާމާ ޑައިރެކްޓް ކުރަން ހަމަޖެހިފައި ވަނީ ތަމަޅަ ޑައިރެކްޓަރު ވިޖޭ އެވެ. މި ފިލްމް ތިން ބަހަކުން ސިނަމާތަކަށް ގެންނާނެ އެވެ. އެއީ ތަމަޅަ، ހިންދީ އަދި ތެލެގޫ އެވެ.

ފިލްމްގެ ޕްރޮޑިއުސަރުންނާ ހަވާލާދީ މަޝްހޫރު ފިލްމް ކްރިޓިކް ތަރަން އަދާޝް ކުރި ޓްވީޓްތަކެއްގައި ބުނީ ޖަޔަލަލީތާގެ ފިލްމް ރަސްމީކޮށް ލޯންޗް ކުރުން އޮންނާނީ ފެބްރުއަރީ، 24، 2019 ގައި ފާހަގަ ކުރާ އޭނާގެ 71 ވަނަ އުފަން ދުވަހު ކަމަށެވެ.

އެ ދުވަހު ފިލްމްގެ ނަމާ އެކު ރަސްމީ އޭގެ ފަސްޓްލުކް ވެސް ދައްކައިލާނެ އެވެ. އެކަމަކު އަދި ފިލްމް ސިނަމާތަކަށް ގެންނާނެ ތާރީހެއް ކަނޑައައެއް ނާޅަ އެވެ.

އިންޑިއާގެ އެންމެ ނުފޫޒު ގަދަ އަންހެނުންގެ ތެރޭގައި ހިމެނުނު ޖަޔަލަލީތާގެ ވާހަކަ ބޮޑު ސްކްރީނަށް ގެންނަން ނިންމުމާ އެކު، ގިނަ ބަޔަކު މިހާރު އެންމެ ބޮޑަށް ބަލަން ބޭނުން ވަނީ އޭނާގެ ރޯލް ކުޅޭނީ ކޮން ބަތަލާއަކުތޯ އެވެ.

ސިޔާސީ ދާއިރާ އަށް ނުކުމެ ތަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރުކަން ހަ ދައުރެއްގައި އަދާ ކުރި އަދި އައްމާގެ ނަމުން މަޝްހޫރުވި ޖަޔަލަލީތާ މަރުވީ ހާޓްއެޓޭކެއް ޖެހިގެން ފަރުވާ ދެމުން ދަނިކޮށް ޑިސެމްބަރު، 5، 2016 ގަ އެވެ.

ޖަޔަލަލީތާ ވަނީ އޭނާގެ އެންމެ ޒުވާން ދުވަސްވަރު 140 ފިލްމެއްގައި މަސައްކަތްކޮށްފަ އެވެ. އިންޑިއާގެ ވަރަށް ބަހުރުވަތަކުގެ ފިލްމްތަކުގައި މަސައްކަތްކޮށްފައިވާ ބަތަލާ ކުޅުނީ އެންމެ ހިންދީ ފިލްމެކެވެ. އެއީ ދަރްމެންދުރާއާ އެކު 1968 ގެ ފިލްމް "އިއްޒަތު" އެވެ.

ޖަޔަލަލީތާއަކީ ޕްރޮފެޝަނަލްކޮށް ނޫން ނަމަވެސް ކޮންމެވެސް ވަރަކަށް ލަވަ ވެސް ކިޔައި އުޅުނު ފަންނާނެކެވެ.