15 އޯގަސްޓް 2018 - 22:22

އުރީދޫގެ ޑިޖިޓަލް ކަސްޓަމާ އެކްސްޕީރިއަންސް ޕްލެޓްފޯމްތައް ދައްކާލަން "އެވީ"ގެ ނަމުގައި ކެމްޕޭނެއް ފަށައިފި އެވެ
މުއާސަލާތީ ހިދުމަތް ފުޅާ ދާއިރާއެއްގައި ދޭ ކުންފުނިން މިއަދު ބުނީ އެ ކުންފުނީގެ އޮޕަރޭޝަންތައް ޑިޖިޓަލްކޮށް، ކަސްޓަމަރުންނަށް ބޭނުންތެރި ތަފާތު ހިދުމަތްތައް ޑިޖިޓަލްކޮށް ފޯރުކޮށްދިނުމަށް އުރީދޫން މުހިންމު ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ކަމަށެވެ.
"މިގޮތުން، އުރީދޫގެ 'އެވީ' ކެމްޕެއިނުން އަލިއަޅުވާލަދެނީ، ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކާއި ފުރުސަތުތައް ގެނެސްދޭ އުރީދޫގެ ޑިޖިޓަލް ޕްލެޓްފޯމްތައް. މި ކެމްޕެއިންގެ މަގުސަދަކީ މި ޕްލެޓްފޯމް މެދުވެރިކޮށް ލިބޭ ފައިދާތައް ގިނަ ބޭފުޅުންނާ ހަމައަށް ވާސިލްކޮށްދިނުން،" އުރީދޫން ބުންޏެވެ.
އެ ކުންފުނިން ބުނީ ވަރަށް ތަފާތު މިއުޒިކަލްއެއް މެދުވެރިކޮށް "އެވީ" ކެމްޕެއިންގައި ދައްކުވައިދެނީ އުރީދޫގެ ޑިޖިޓަލް ޕެލެޓްފޯމްތަކުގެ އެހީގައި އާންމު ދިރިއުޅުމުގައި ދިމާވާ ބައެއް ދަތިތައް ވަރަށް ފަސޭހަކަމާ އެކު ހައްލު ކުރެވޭ ގޮތްތަކެއް ކަމަށެވެ.
"ފަހުގެ ޓެކްނޮލޮޖީތަކާއި އީޖާދީ ޚިދުމަތްތައް މެދުވެރިކޮށް ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުން އިތުރަށް ތަރައްގީ ކުރުމަށް އުރީދޫން ކުރަމުންދާ މަސައްކަތްތަކަށް، 'އެވީ' ކެމްޕެއިން އިތުރު ހިތްވަރެއްދޭ. ދިވެހިރާއްޖެއަކީ ޖަޒީރާ ރަށްތަކަށް ބެހިފައިވާ ގައުމަކަށް ވެފައި، އެކި ކަންކޮޅުތަކަށް ބެހިފައިވާ އަޅުގަނޑުމެންގެ ކަސްޓަމަރުންނާ ހަމައަށް ފަސޭހަ އަދި އަވަސް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އުރީދޫގެ ޑިޖިޓަލް ކަސްޓަމަ އެކްސްޕީރިއަންސް ޕްލެޓްފޯމްތަކުގެ ދައުރު ވަރަށް މުހިންމު. އެހެންކަމުން، ޑިޖިޓަލް މެދުވެރިކޮށް ދިވެހިންނަށް ކުރިއެރުމާއި އިތުރު ފުރުސަތުތައް ގެނެސްދޭނެ ފަދަ އިންވެސްޓްމަންޓްތައް އަޅުގަނޑުމެން އަބަދުވެސް ކުރަމުންދާނަން،" އުރީދޫގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވި އެވެ.
އުރީދޫން ބުނީ "އެވީ" ކެމްޕެއިން މެދުވެރިކޮށް ޕްރޮމޯޓް ކުރަމުންދާ ޑިޖިޓަލް ޕްލެޓް ފޯމްތަކަކީ މައި އުރީދޫ އާއި މަގޭ ޕްލޭން، އުރީދޫ ނެކްސްޓް އަދި އުރީދޫ އެމް- ފައިސާ އެވެ.
މައި އުރީދޫ ޕްލެޓްފޯމް މެދުވެރިކޮށް ކޮންމެތާކު ހުރެގެން، ކޮންމެ ގަޑިއެއްގައި ވެސް އުރީދޫގެ ހިދުމަތްތައް ޚިޔާރުކޮށް އަދި މެނޭޖްކުރެވޭނެ ހިދުމަތެކެވެ. ވެބްސައިޓް އަދި އެޕް މެދުވެރިކޮށް މައި އުރީދޫ ޕޯޓަލް ބޭނުން ކުރެވޭއިރު، މައި އުރީދޫ އަކީ ރާއްޖޭގައި ހަދާފައިވާ އެންމެ ގިނަ ބަޔަކު ބޭނުންކުރާ އެޕެވެ.
އުރީދޫން ތައާރަފްކޮށްފައިވާ މަގޭ ޕްލޭން މެދުވެރިކޮށް، އަމިއްލަ ބޭނުންތަކަށް އެންމެ އެކަށޭނެ ގޮތަކަށް، ޑޭޓާ، ކޯލް، އެސްއެމްއެސް، އަދި އައިޑީޑީ އެޑް-އޯން އަމިއްލައަށް ފަރުމާކޮށްލެވޭނެ އެވެ. މައި އުރީދޫ އެޕް މެދުވެރިކޮށް ބޭނުންކުރެވޭ މި ހާއްސަ ހިދުމަތުގެ އެހީގައި، އެންމެ މަގްބޫލް އެޑް-އޯންތައް އަދި ވަކި ބަޖެޓަކަށް އެންމެ އެކަށޭނެ އެޑް-އޯންތަށް ގަނެވޭނެ އެވެ. އަދި ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް ހާއްސަކޮށް އެސްއެމްއެސް، ކޯލް، އަދި އައިޑީޑީ އެޑް-އޯން ފަރުމާކޮށް، ހަދިޔާ ވެސް ކުރެވޭނެ އެވެ.
އުރީދޫގެ އާޓިފިޝަލް އިންޓެލިޖެންސް އާއި މެޝިން ލާނިންގް ބޭނުންކުރާ ރިއަލް ޓައިމް އޭޕީއައި ޕްލެޓްފޯމެއްގެ އެހީގައި ހިނގާ އުރީދޫ ނެކްސްޓް މެދުވެރިކޮށް، ރާއްޖޭގެ ކޮންމެ މޮބައިލް ކަސްޓަމަރަކަށް ވެސް، ފޭސްބުކް މެސެންޖާ އަދި ވައިބާ ފަދަ ސޯޝަލްމީޑިއާގައި އުރީދޫއާ ބެހޭ ތަފާތު މައުލޫމާތު ސާފުކޮށް، ހިދުމަތް ހޯދޭނެ އެވެ.
އުރީދޫ އެމް-ފައިސާއަކީ ކޮންމެ ތަނެއްގައި އަދި ކޮންމެ ވަގުތެއްގައި ވެސް، ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ފައިސާ ނަގައި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި، ތަފާތު ހިދުމަތްތަކަށް ފައިސާ ދެއްކުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަނެކެވެ. މިއީ ކަރަންޓު، އިންޓަނެޓް ފަދަ އެންމެ ގިނަ ޔުޓިލިޓީ ބިލްތަކަށް އެއްތަނަކުން ފައިސާ ދެއްކުމަށް ރާއްޖޭގައި ބޭނުންކުރާ ޑިޖިޓަލް ޕްލެޓްފޯމެވެ.