އެލެން ޑިޖެނެރެސްގެ އަގު ހެޔޮ ކްލޯތިން ލައިނެއް
އެލެން ޑިޖެނެރެސްގެ އަގު ހެޔޮ ކްލޯތިން ލައިނެއް

އެމެރިކާގެ ޓީވީ ތަރި އެލެން ޑެޖެނެރެސް، މަޝްހޫރު ވިޔަފާރި ކުންފުނި ވޯލްމާޓާ ގުޅިގެން އޭނާގެ އަމިއްލަ ކްލޯތިން ލައިނެއް އަންހެނުންނަށް ހާއްސަކޮށްގެން ލޯންޗްކުރަން ތައްޔާރުވެއްޖެ އެވެ.

އެލެން ޑިޖެނެރެސްގެ އަގު ހެޔޮ ކްލޯތިން ލައިނެއް
އެލެން ޑިޖެނެރެސްގެ އަގު ހެޔޮ ކްލޯތިން ލައިނެއް

"އީވީ1" ގެ ނަން ދީފައިވާ މި ކްލޯތިން ލައިންގެ ދަށުން 60 އައިޓަމެއް ނެރޭނެ އެވެ. އޭގެ ތެރޭގައިި ޓީޝާޓާއި އެކްސެސަރީޒާއި ޑެނިމް ހެދުމާއި ފައިވާނާއި ބޫޓް ފަދަ ބާވަތްތައް ހިމެނެ އެވެ. "އީވީ1" ގެ އުފެއްދުންތަކުގެ އަގު އުޅޭނީ 30 ޑޮލަރު ނުވަތަ އެއަށް ވުރެ ދަށުގަ އެވެ.

ވޯލްމާޓުން ބުނި ގޮތުގައި "އީވީ 1" ކަލެކްޝަންގެ ދަށުން ހުރިހާ ސައިޒެއްގެ އުފެއްދުންތައް ވެސް ލިބޭނެ އެވެ. މީގައި ފަލަ މީހެއް، ހިކި މީހެއް ތަފާތެއް ނޯންނާނެ އެވެ. އެހެންވެ ސައިޒްގެ މައްސަލާގައި އަންހެންވެރިން ހާސްވާން ނުޖެހޭނެ ކަމަށް ބުންޏެވެ.

އެލެންގެ ކްލޯތިން ލައިނާ ބެހޭ ގޮތުން ވޯލްމާޓްގެ ފެޝަން ހެޑް ޑެނިޒް އިންކެންޑެލާ ބުނީ މިއީ ހުރިހާ އުމުރެއްގެ މީހުންނާ ވެސް ގުޅޭ "ކޫލް އަދި އެކްސިސެބަލް" ކްލޯތިން ލައިނެއް ކަމަށެވެ.

"އަދި މިއީ އެލެން ފެޝަން ރަހަ ވެސް ވަރަށް ބޮޑަށް ދައްކުވައި ދޭނެ ބްރޭންޑެއް،" އޭނާ ބުންޏެވެ.

"އީވީ1" އާ ބެހޭ ގޮތުން އެލެން ބުނީ އޭނާގެ ކަލެކްޝަންތަކަކީ އާންމު ދިރިއުޅުމުގައި ކޮންމެ ދުވަހަކު ވެސް ފަސޭހަކަމާ އެކު ބޭނުންކޮށްލެވޭ އުފެއްދުންތަކެއް ކަމަށެވެ.

"މީތި އަހަރެން ސިފަކުރާނީ ހުރިހާ އަންހެނުންނާ ވެސް ގުޅޭ ކަލެކްޝަނެއްގެ ގޮތުގައި،" އެލެން ބުންޏެވެ. "އަދި މިއީ ހުރިހާ ގިންތިއެއްގެ އަންހެނުންނަށް ހާއްސަ އަތްފޯރާ އަގުތަކެއްގައި ލިބޭނެ ކަލެކްޝަނެއް."

އަންނަ މަހުގެ 10 އިން ފެށިގެން "އީވީ1" ގެ އުފެއްދުންތައް ވޯލްމާޓްގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ގަނެލެވޭނެ އެވެ. އަދި ބައެއް އުފެއްދުންތައް ވޯލްމާޓްގެ އައުޓްލެޓްތަކުން ވެސް ގަންނަން ލިބޭނެ އެވެ.