15 އޯގަސްޓް 2018 - 19:27

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ނަތީޖާ ރައީސް އަބްދުﷲ ޔާމީން އޮޅުވާލާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތަކަށް އެމަނިކުފާނުގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ރައްދުދެއްވައިފި އެވެ.

އެތައް ސަތޭކަ ސަޕޯޓަރުންނާއެކު ފުވައްމުލަކުގައި ހަވީރު ބޭއްވި ސައިކަލު ބުރެއް ނިންމަވާލެއްވުމަށްފަހު، ޝަހީމް ވިދާޅުވީ ރައީސް ޔާމީނަށް އޮތް ތާއީދާއި އިންތިހާބުގެ ނަތީޖާ ވަރަށް ސާފު ކަމަށެވެ.

"އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދަނީ ރައީސް އަބްދުﷲ ޔާމީން އިންތިހާބު ކާމިޔާބު ކުރާނީ ވޯޓު އޮޅުވާލައިގެނޭ. އަޅުގަނޑު ދަންނަވާނީ މިއޮތިއްޔޭ ރާއްޖޭގެ ކަންކޮޅުތަކުން ފެންނަ މަންޒަރު. އިންތިހާބުގެ ނަތީޖާ ވަރަށް ސާފޭ. އެއީ އަބްދުﷲ ޔާމީން އިންތިހާބު ކާމިޔާބު ކުރުން،" ގިނަ ބަޔަކު އެއްވެ އޮތް ޖަމާއަތަށް އަތުން އިޝާރާތް ކުރައްވައި ޝަހީމް ވިދާޅުވި އެވެ.

އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާގެ މަގާމުގައި ވެސް ހުންނެވި ޝަހީމް ވިދާޅުވީ ޕީޕީއެމް ސަފުތައް ބަދަހިކަމާއެކު އޮއްވައި އެ ޕާޓީ ބަލި ނުކުރެވޭނެ ކަމަށެވެ.
"މިލަސްކަރު މިއީ ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންނާނެ ލަސްކަރު. މި ލަސްކަރު މިއީ ކުޅުދުއްފުށިންވެސް ފެންނާނެ ލަސްކަރު. މިލަސްކަރު މިއީ ﷲ އިރާދަކުރެއްވިއްޔާ ތިނަދޫން ވެސް ފެނިގެންދާނެ ލަސްކަރު. އައްޑޫ ސިޓީންވެސް ފެނިގެންދާނެ ލަސްކަރު،"
މިފަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާއިން ދިވެހި ރައްޔިތުން ދައްކައިދޭނީ އިސްތިއުމާރީ ފިކުރު ފޮހެލާނެކަން ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.
އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށް ފުވައްމުލަކަށް ކުރެއްވި ފަސް ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާދަމާ ޝަހީމް ވަޑައިގަތުމަށް ނިންމާފައިވަނީ ގދ. ތިނަދޫ އަށެވެ. އެމްޑީޕީގެ މެޖޯރިޓީ އޮންނަ ތިނަދޫއަކީ ޝަހީމުގެ އަނބިކަނބަލުންގެ އުފަން ރަށެވެ.