15 އޯގަސްޓް 2018 - 18:19

ސާފް ސުޒުކީ ކަޕަށް ތައްޔާރުވުމުގެ ގޮތުން ރޭ ރާއްޖެ ކުޅުނު މެޗުން ގަތަރުގެ ދެ ވަނަ ޑިވިޝަނުގެ އަލް-މަރްޚިޔާ ސްޕޯޓްސް ކްލަބް އަތުން 4-3 އިން މޮޅުވިއިރު، އެންމެ ހިތްހަމަ ޖެހުނީ ބުރަ ބޮޑު ޓްރެއިނިންތަކަކަށް ފަހު ކުޅުންތެރިން ދެއްކި ހިތްވަރު ފެނިފައި ކަމަށް ގައުމީ ޓީމުގެ ކޯޗު ޕީޓަ ސެގާޓް ބުނެފި އެވެ.

"މިއީ ވަރަށް އުނދަގޫ ހާލަތެއްގައި ކުޅުނު މެޗެއް. އެއީ އެހާ ބައިވަރު ޓްރެއިނިންތަކެއް ގާތްގާތުގައި ކޮށްފައި ކުޅުނީމަ. މި މެޗު ވަރަށް އުނދަގޫވި،" ރޭގެ މެޗަށް ފަހު ސެގާޓް ބުންޏެވެ.
"ކުޅުމާ މެދު ވަރަށް ހިތްހަމަ ޖެހޭ. އަހަރެމެންނަށް ގޯސްތަކެއް މި މެޗުތަކުގައި ހެދިދާނެ. ޓެކްޓިކަލް މިސްޓޭކްތަކެއް ވެސް ހެދިދާނެ. އެކަމަކު ހުރިހާ ކުޅުންތެރިން ދެއްކި ކުޅުމާ މެދު އަހަރެން ވަރަށް ހިތްހަމަ ޖެހޭ. އަހަންނަށް ފެނޭ އެ ކުޅުންތެރިން ދުވެފައި މަސައްކަތްކުރާތަން. ވަގުތު ނެގިޔަސް އެ ހިތްވަރު ފެނިފައި އަހަރެން އުއްމީދުގައި މިހުރީ،"
މިއީ ސެގާޓްގެ އިރުޝާދުގެ ދަށުން ރާއްޖެ ކުޅުނު ތިން ވަނަ މެޗެވެ. ފުރަތަމަ މެޗުން އެކުވެރިކަމުގެ މެޗެއްގައި ސިންގަޕޫރު އަތުން އެ ގައުމުގައި ބަލިވީ 3-2 އިންނެވެ. ދެ ވަނަ މެޗުން އޭޝިއަން ކަޕް ކޮލިފައިންގައި ވަނީ މާލޭގައި 7-0 އިން ބޫޓާން ބަލިކޮށްފަ އެވެ. ރޭ ތިން ވަނަ މެޗުން ހަތަރު ލަނޑާ އެކު މޮޅުވުމުން ސެގާޓް ވަނީ އެކަން ފާހަގަކޮށްފަ އެވެ.
"އަހަރެންގެ ފިލޯސަފީ އަކީ ގިނަ ލަނޑު ޖެހުން. މި މެޗުގައި އަހަރެމެން ހަތަރު ގޯލު ޖެހީ. އަހަރެން އަބަދުވެސް އިސްކަން ދެނީ އެޓޭކިން ފުޓްބޯޅަ އަށް. މި ޓީމު ބައްޓަންކުރާނީ ވެސް އެގޮތަށް. އަހަރެން މިހާތަނަށް ކޯޗު ކޮށްދިން ތިން މެޗުގައި 13 ގޯލު ޖެހުމަކީ ވެސް ހިތްހަމަ ޖެހުމެއް. އުއްމީދުތައް އިތުރުވާ ކަމެއް،" ސެގާޓް ބުންޏެވެ.
ރޭގެ މެޗުގައި ރާއްޖޭގެ ފަހަތުން ދެ ބަދަލެއް ފެނުނެވެ. އަނިޔާގައި ހުރި އަކުރަމް އަބްދުލް ގަނީ (އަކޫ)ގެ ބަދަލުގައި ސަމްދޫހު މުހައްމަދު ފަހަތަށް ކުޅުނުއިރު، މުޖުތާޒް މުހައްމަދު (މުޖޭ) ކުޅުނު މަގާމަށް ކުޅުނީ މުހައްމަދު ސާމިރު އެވެ. އޭގެ އިތުރުން ވެސް ޓީމުގައި މެޗު ކުޅެވޭ ހާލަތުގައި ތިބި ހުރިހާ ކުޅުންތެރިންނަށް ފުރުސަތު ދިނެވެ.
ސެގާޓް ބުނީ ރޭގެ މެޗުގެ ޑިފެންސުން ރަނގަޅުކުރަން ޖެހޭ ކަންތައްތަކެއް ފާހަގަވެގެންދިޔަ ކަމަށެވެ.
"އަކޫ އާއި މުޖޭ ނެތުމުން ފަހަތުގައި އެ މައްސަލަތައް ހުރުމާ އެކު އަހަރެން ބޭނުންވީ އެޓޭކިން ކުޅުމަަކަށް ދާން. ފެނުނު މައްސަލަ އަކީ ވަރަށް ފަސޭހައިން ކޮޅަށް ގޯލު ވަނުން. މާލޭ ލީގުގައި ވެސް ފެނުނު ވަރަށް ފަސޭހައިން ގޯލު ވަންނަތަން. ޑިފެންޑަރުން އެކަންޏެއް ނޫން މީގެ ޒިންމާ ނަގަން ޖެހެނީ. ފޯވާޑުން ވެސް ޖެހޭ. އެއީ ޑިފެންސް ކުރާ ލައިން އަސްލު ފަށާނެ ފޯވާޑާ ހަމައިން ވެސް. މި މެޗުގައި ވަން ގޯލުތަން ވަރަށް ފަސޭހަ. މިއީ އަހަރެމެން ޓްރެއިނިންގައި މަސައްކަތްކުރަން ޖެހޭ ކަމެއް،" ކުރިން އަފްގާނިސްތާން ޓީމަށް ކޯޗުކޮށްދިން ސެގާޓް ބުންޏެވެ.
ރާއްޖޭގެ ޓީމުން ރޭގެ މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއިރު އޭގެ ގިނަ ބޯޅަތަކުގެ ބޭނުން ނުހިފުމަކީ ވެސް ފެނުނު ކަމެއް ކަމަށާއި އެކަމާ މެދު ވެސް ވިސްނަން ޖެހޭ ކަމަށް ސެގާޓް ބުންޏެވެ.
"ފޯވާޑުންނަށް ކުރިއަށް އަރާ ކުޅުންތެރިންނަށް މައްސަލަ އަކަށް މިވަނީ ފަހު ވަގުތު އޭރިއާ ތެރެއިން ކޮންސަންޓްރޭޝަން (ސަމާލުކަން) ދިއުމުގެ މައްސަލަ. އެންމެ ފަހު ޕާސް ދިނުމުގައި މައްސަލަތަކެއް ދިމާވަނީ. ދެން ދިމާވާ އަނެއް މައްސަލައެއް ފަހު ވަގުތު އެހިސާބުން (އޭރިއާތެރެއިން) ވަރުބަލިވުން ވެސް. އެކަން ރަނގަޅުވާނީ ވިސްނުން ވެސް ބަދަލުކޮށްގެން." ސެގާޓް ބުންޏެވެ.
އޭނާ ބުނީ މިހާތަނަށް ކުރެވުނު ޓްރެެއިނިންތަކުގައި އެންމެ އިސްކަމެއްދީގެން ކުރި ކަމަކީ ކުޅުންތެރިން ފިޒިކަލީ ތައްޔާރުކުރުން ކަމަށާއި ދެން އޮންނާނީ ޓެކްޓިކަލީ ކިޔައިދޭން ޖެހޭ އެއްޗެހި ކުޅުންތެރިންނަށް ބޮޑަށް ބުނެދިނުން ކަމަށެވެ.
"މިހާތަނަށް އަހަރެމެން އެންމެ އިސްކަމެއް ދީގެން ކުރަމުން އައި މަސައްކަތަކީ ކުޅުންތެރިން ފިޒިކަލީ ތައްޔާރުކުރުން. ދެން އަހަރެމެން ޓެކްޓިކްސްއާ އެހެން ކަންތައްތަކަށް އިސްކަންދޭނަން. އަހަރެމެންގެ ފޯކަސް ދެން އޮންނާނީ ޕާކިސްތާން މެޗަށް. އޭރަށް ގިނަ ކަންތައްތަކެއް އަދި ރަނގަޅުކުރާނަން،" ސެގާޓް ބުންޏެވެ.
އެނގިފައިވާ ގޮތުގައި ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ މި މަހު 26 ވަނަ ދުވަހު އެވެ. މިހާރު ގައުމީ ޓީމު ޓްރެއިނިން ކޭމްޕް ކުރިއަށްގެންދަނީ 27 ކުޅުންތެރިންނާ އެކު އެވެ. އަންނަ މަހު ދެ ވަނަ ދުވަހު ގަތަރު މަގުން ސާފް ސުޒުކީ ކަޕް ކުޅެން ބަންގްލަދޭޝްގެ ޑާކާ އަށް ދާނީ 20 ކުޅުންތެރިންގެ ސްކޮޑަކާ އެކު އެވެ.
އަންނަ މަހު 4-15 އަށް އޮންނަ ސާފްގައި ރާއްޖެ އޮތީ އިންޑިއާ އާއި ސްރީލަންކާއާ އެއް ގްރޫޕެއްގަ އެވެ. ސާފްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު ހަތް ވަނަ ދުވަހު ބައްދަލުކުރާނީ ސްރީލަންކާއާ އެވެ. ދެ ވަނަ މެޗުގައި އޭގެ ދެ ދުވަސް ފަހުން އިންޑިއާއާ ދެކޮޅަށް ކުޅޭނެ އެވެ.