15 އޯގަސްޓް 2018 - 15:44

ވާމަންޓް (އޮގަސްޓް 15) - އުމުރުން 14 އަހަރުގެ އެމެރިކާ ކުދިންނާ ޚިލާފަށް އީތަން ސޮނެބޯން އިޚްތިޔާރު ކުރީ އެހެން މަސައްކަތެކެވެ.
ސްކޫލް ކުއްޖެއްގެ ގޮތުގައި ހުރެ އޭނާ ވިސްނީ އެމެރިކާގެ އިރުއުތުރުގެ ސްޓޭޓް ވާމަންޓުގެ ގަވަރުނަރު ކަމަށް ވާދަކޮށް ސިޔާސީ ދާއިރާ އަށް ވަންނާށެވެ. އެކަމަށް އޭނާ އަށް ގާނޫނީ ހުރަހެއް ނެތެވެ. ވާމަންޓުގެ ގަވަރުނަރު ކަމަށް ވާދަކުރުމަށް އުމުރުގެ ވަކި ލިމިޓެއް އެ ސްޓޭޓުގެ ގާނޫނުތަކުގައި ކަނޑައަޅައިފައެއް ނުވެ އެވެ. ހަމައެކަނި ޝަރުތަކީ އެ ސްޓޭޓުގައި ހަތަރު އަހަރު ދުވަހު އުޅުމެވެ. އީތާން އުފަންވީއްސުރެ ދިރިއުޅެފައި ވަނީ ވާމަންޓުގަ އެވެ. އެހެންވެ އޭނާގެ ޝަރުތު ފުރިހަމަވެ އެވެ.
އީތަންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި އޭނާ އަކީ މެދު ފަންތީގެ އާއިލާތަކާއި މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ޗެމްޕިއަނެކެވެ. ސްޓޭޓުގެ ސިއްހީ، ތައުލީމީ އަދި އިގްތިސާދީ ހާލަތު ރަނގަޅު ކުރާނެ ގޮތް އޭނާގެ ވިސްނުމުގައި އެބަހުރި ކަމަށް ދަނީ ބުނަމުންނެވެ.
"އަޅުގަނޑަށް ހީވަނީ ވާމަންޓުގެ ރައްޔިތުން ބޭނުންވާ ބަދަލު ގެނެވޭނެ ހަމައެކަނި ކެންޑިޑޭޓަކީ އަޅުގަނޑުހެން،" ކެމްޕޭނުގައި އެ ކުއްޖާ ބުނެފައިވެ އެވެ.
ޑިމޮކްރެޓިކް ޕްރައިވަރީ އަށް އީތަން ނުކުމެފައި ވަނީ ވަރަށް ތަޖްރިބާކާރު މީހުންނާ ވާދަކުރުމަށެވެ. އުމުރުން ޅަ ކުއްޖެއް ނަމަވެސް އޭނާގެ ސިޔާސީ ފިކުރު ގިނަ ބަޔަކަށް ކަމުދިޔަ ނަމަވެސް ވާމަންޓުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން މިހާރު ދަނީ ގަވަރުނަރު ކަމަށް ކުޑަ ކުދިން ކުރިމަތި ނުލެވޭ ގޮތް ހަދަން ވިސްނަމުންނެވެ.
އީތާން ކިތަން މަސައްކަތެއް ކުރި ނަމަވެސް އިއްޔެގެ ޕްރައިމަރީ ވަނީ އޭނާ އަށް ގެއްލިފަ އެވެ. ޕްރައިމަރީ ކާމިޔާބު ކުރި ކްރިސްޓީން ހަލްކުއިސްޓް، ނޮވެމްބަރު މަހު އޮންނަ އިންތިޚާބުގައި ވާދަކުރަން ޖެހޭނީ ރިޕަބްލިކަން ކެންޑިޑޭޓް ފިލް ސްކޮޓްއާ އެވެ. އޭނާ އަކީ ވާމަންޓުގެ މިހާރު ވެސް ގަވަރުނަރެވެ.