ބީރައްޓެއްސަކަށް ކޮފީއެއް ދީގެން އެތައް ބައެއްގެ ލޯބި
ބީރައްޓެއްސަކަށް ކޮފީއެއް ދީގެން އެތައް ބައެއްގެ ލޯބި

ހިތްހެޔޮކަމާ އެކު މީހަކަށް ކޮށްލަދޭ ކުޑަކުޑަ ކަމަކުން ވެސް އެތައް ބައެއްގެ ލޯބި ލިބި ދާނެ އެވެ. އުމުރުން 19 އަހަރުގެ ދަރިވަރެއް ކަމަށްވާ މެކެންޒީ މުލާ އަށް ދިމާވި ގޮތަކީ މިއީ އެވެ. އެމެރިކާގެ އޮހައިއޯ ސިޓީގެ ސްޓާބަކްސްގެ އައުޓްލެޓަކަށް ކޮފީއެއް ބޯލަން ވަދެފައި އޭނާ ނުވެސް ދަންނަ މީހަކަށް ކޮފީއެއް ދިނީ އެވެ.

މެކެންޒީ ބުނި ގޮތުގައި އޭނާ އިން މޭޒުގެ ފަހަތުގައި އަންހެނަކު އެއްވެސް އެއްޗަކަށް އޯޑަރު ނުކޮށް، މާ ގިނަ އިރު އިންނާތީ ކަންބޮޑުވާން ފެށީ އެވެ. އެހެންވެ އެ އަންހެން މީހާ އަށް އޭނާގެ ހަރަދުގައި ކޮފީއެއް ދިނެވެ. އެވަރުގެ ކަމެއް މެކެންޒީކޮށްލީ ހަމަ ހެޔޮ ނިޔަތުގައި ހިތްހެޔޮކަމާ އެކު މީހަކަށް ކަމެއްކޮށްލަ ދިނުމުގެ ގޮތުންނެވެ.

އެއީ ސަމާލުކަން ހޯދަން އޭނާ ކުރި ކަމެއް ނޫނެވެ. އެކަމަކު ފަހުން ގެއަށް ގޮސްފައި މެއިލް ޗެކްކޮށްލި އިރު، ޝުކުރުގެ ސިޓީއެއް ލިބިފައި އޮތެވެ. ރަނގަޅަށް ބަލައިލި އިރު، އެއީ އޭނާ ކޮފީ ދިން އަންހެން މީހާގެ މެއިލެކެވެ.

އެ މެއިލްގައި ވަނީ ކޮފީއެއް ދިން ކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކޮށް، އޭނާގެ ބައެއް ވާހަކަތައް ވެސް ހިއްސާކޮށްފަ އެވެ. މެކެންޒީ ވަނީ އަންހެން މީހާ ފޮނުވި ސިޓީ ޓްވިޓާގައި ހިއްސާކޮށްފަ އެވެ. އެ ޓްވީޓް އެތައް ހާސް ބަޔަކު ރިޓްވީޓްކޮށް، އެތަކެއް ހާސް ލައިކެއް ވެސް ދީފައިވެ އެވެ.

އޭގައި ނިކޯލް ކްލާޒަން ކިޔާ އަންހެން މީހާ ބުނެފައި ވަނީ އޭނާއަކީ ވަރަށް މަދުން ނޫނީ ސްޓާބަކްސް އަށް ވަންނަ މީހެއް ނޫން ކަމަށެވެ. އަދި އެ ދުވަހު ސްޓާބަކްސް އަށް ވަނީ ދަރިންގެ ހެނދުނު ނާސްތާ ގަންނަން ނުކުމެފައި ކަމަށް ބުންޏެވެ.

"އެ ދުވަހު ދަރިން ވެސް ބަލައްޓައިދޭ މީހާ ނާންނާތީ ފިހާރައަކަަށް ދާން ނުކުމެފައި ސްޓާބަކްސް އަށް ވަނީ،" އޭނާ ލިޔެފައިވެ އެވެ.

އެކަނިވެރި މައެއްގެ ގޮތުގައި ދަރިން ބަލަމުން އަންނަ ނިކޯލް ބުނި ގޮތުގައި ކުރިން އޭނާ ވަޒީފާއެއް ވެސް އަދާ ކުރި އެވެ. އޭރު ދަރިން ބަލަހައްޓައި ދިނީ ބައްޕަ އެވެ. އެކަމަކު މީގެ ދުވަސްތަކެއް ކުރިން ބައްޕަ މަރުވެފައިވާ ކަމަށް ބުންޏެވެ.

ނިކޯލް ބުނި ގޮތުގައި އޭނާގެ ކޮފީ އަށް ލާރިު ދެއްކި ކާކުތޯ ސާފު ކުރުމަށް ފަހު، އެ މީހަކު ކުރި މަސައްކަތުގެ ތެރެއިން މެކެންޒީއަކީ އޭނާ ދިރިއުޅޭ ހިސާބާ ވެސް މާ ދުރު ނުން ހިސާބެއްގައި އުޅޭ ޒުވާނެއްކަން އެނގުނެވެ.

"އެ މީހަކު ހޯދައި ޝުކުރު އަދާ ކުރަން ބޭނުންވި އެންމެ ބޮޑު ސަބަބަކީ އެވަރުގެ ހިތްހެޔޮ ކަމެއް ކޮށްދިނީތީ. މިއީ ހަމައެކަނި އަހަންނަށް ލިބުނު ކޮފީއެއް ނޫން. އެއީ އެ ޒުވާނާގެ ހިތްހެޔޮކަމާއި އެހެން މީހުންނަށް އަޅާލާ ކަމުގެ ސާބިތު ހެއްކެއް،" ނިކޯލް ބުންޏެވެ. "އެއީ އަހަރެންގެ ލޮލުން ކަރުނަ ފާއްދާލި އަދި މޫނުމައްޗަށް ހިނިތުވުން ގެނުވައި ދިން ކަމެއް. ހިތުގެ އަޑިން މެކެންޒީ އަށް ޝުކުރު ވެސް އަދާ ކުރަން."

އޭނާ އަށް މެކެންޒީގެ ފަރާތުން ލިބުނު ހަދިޔާގެ ވާހަކަ ދަރިންނަށް ވެސް ނިކޯލް ކިޔައި ދިނެވެ. އަދި މެކެންޒީ ކަހަލަ ދަރިންނަށް އޭނާގެ ދަރިން ބޭނުންވާ ކަމަށް ވެސް ބުންޏެވެ.

މެކެންޒީ އަށް ނިކޯލްގެ ފަރާތުން ލިބުނު ސިޓީ އަށް ރައްދު ދީ އޭނާ ބުނީ އޭނާގެ ދަރިން ވެސް ބަލަހައްޓައި ދޭން ތައްޔާރަށް ހުރި ކަމަށެވެ.