15 އޯގަސްޓް 2018 - 14:50

ދައުލަތުގެ ހަރުމުދާ ވިއްކުމުގެ ސަގާފަތުން އެމްޑީޕީ ދުރަށް ނުދާކަން ޔަގީންވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ޓެގް ކުރައްވައި ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެސްޓީއޯ މިން އަޅައި ސައިޒް ކުޑަކުރަން އެމްޑީޕީން ބުނުމުން، ދައުލަތުގެ ހަރުމުދާ ވިއްކުމުގެ ސަގާފަތުން ދުރަށް ނުދާކަން ޔަގީންވާ ކަމަށެވެ.
އެސްޓީއޯ ގޭސް، އަދި އެސްޓީއޯ ސިމެންތި އުވާލުމަށް އިބޫ މަސައްކަތް ކުރައްވަނީ ކޯލިޝަންގައި ހިމެނޭ ވިޔަފާރިއަކަށް ޖާގަ ދޭންތޯ ސައީދު ވަނީ އިބޫއާ ސުވާލު ކުރައްވައިފަ އެވެ.
މިނިސްޓަރު ސައީދު އެގޮތަށް ވިދާޅުވީ، އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި، އެސްޓީއޯގެ ވިޔަފާރީގެ ބޮޑު ބައެއް އާންމު ވިޔަފާރިވެރިންނަށް ދޫކޮށްލާނެ ކަމަށް އިބޫ ވިދާޅުވެފައި ވާތީ އެވެ.
"އެސްޓީއޯއިން ކުރަމުންދާ ވިޔަފާރިތަކުގެ ތެރެއިން ބޮޑު ބައި އާންމު ވިޔަފާރިވެރިންނަށް ދޫކޮށްލާނަން. އެސްޓީއޯއަކީ ހަމައެކަނި ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ދައުލަތެއްގެ ފަރާތުން ރައްޔިތުންނަށް ކޮންމެހެން ކުރަންޖެހޭ ކަންތައް ކުރުމަށް ވިޔަފާރިކުރާ ތަނެއްގެ ގޮތުގައި އަޅުގަނޑުމެން ބަދަލު ކުރާނަން،" އިބޫ ވިދާޅުވި އެވެ.
ސަރުކާރަށް ތާއީދު ކުރައްވާ ބޭފުޅުން، އެންމެ ބޮޑަށް ފާޑު ކިޔާ އެއް ކަމަކީ، އެމްޑީޕީގެ ތިން އަހަރު ދުވަހުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު، އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް 78 މިލިއަން ޑޮލަރަށް "ނުއަގުގައި" ވިއްކާލި ކަމަށް ބުނެ އެވެ. އެކަމަކު، އެމްޑީޕީން ތަކުރާރުކޮށް ބުނަމުން އަންނަނީ، އެއާޕޯޓު ވިއްކާލީ ނޫން ކަމަށާއި އެތަން ޖީއެމްއާރަށް ކުއްޔަށް ދިނީ ތަރައްގީކުރަން ކަމަށެވެ.