އޮޅުވާލާފައިވާ ވީޑިއޯއެއް ޓުވީޓު ކުރުމުން މެމްބަރު ޔާމީނަށް ފާޑުކިޔުން
އޮޅުވާލާފައިވާ ވީޑިއޯއެއް ޓުވީޓު ކުރުމުން މެމްބަރު ޔާމީނަށް ފާޑުކިޔުން

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ މުހިއްމު ކަމާއި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ޕްރޮމޯޓް ކުރުމަށް އިދިކޮޅު ޕާޓީތަކުން ހަދާފައިވާ ވީޑިއޯއެއް އޭގެ މާނަ އޮޅޭގޮތަށް ބަޔަކު އެޑިޓް ކޮށްފައި ވަނިކޮށް، އެ ވީޑީއޯ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު ޓްވީޓް ކޮށްފައި ވާތީ ގިނަ ބައެއްގެ ފާޑުކިޔުން އޭނާ އަށް އަމާޒު ވެއްޖެ އެވެ.

މި އަހަރުގެ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ތައްޔާރުކޮށްފައިވާ އެ ވީޑިއޯގައި، ވޯޓު ލުމުގެ މުހިއްމު ކަމާއި އެ މީހުން ވޯޓު ލާނެ ސަބަބުތައް ކަމަށް ބުނެ، ވިއްސަކަށް ޒުވާނުން ވާހަކަ ދައްކާފައިވެ އެވެ. އަދި ރައީސް އަބްދުﷲ ޔާމީނަށް ވޯޓު ނުލާނެ ކަމާއި ވޯޓު ލާނީ އިދިކޮޅު ކެންޑިޑޭޓް އިބޫ އަށް ކަމަށް އެ ޒުވާނުން ވީޑިއޯގައި ބުނެފައި ވެ އެވެ.

އެކަމަކު މެމްބަރު ޔާމީން ޓްވީޓް ކުރެއްވީ އިބޫއަށް ވޯޯޓު ނުލާނެ ކަމަށް، ޒުވާނުން ބުނެފައިވާ ގޮތަށް ބަޔަކު އެޑިޓްކޮށްފައިވާ ވީޑިއޯ އެކެވެ. އަދި އެ ވީޑިއޯ، ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ވެސް ވަނީ ރީޓްވީޓްކުރައްވާފަ އެވެ.

ޔާމީންގެ ޓްވީޓަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވީ، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު މި ފަދަ ވީޑިއޯއެއް އާއްމު ކުރެއްވުމުންނެވެ. އަދި ވީޑިއޯގެ ޒަރީއާއިން މީހުންގެ ޝަހުސު ކަތިލާފައިވާތީ އެކަމަށް ވެސް ގިނަ ބަޔަކު ފާޑު ކިޔާފައި ވެ އެވެ. އޭގެ ތެރޭގައި އެ ވީޑިއޯގައި ވާހަކަ ދައްކާފައިވާ ޒުވާނުން ވެސް ހިމެނެ އެވެ.

"ބައެއްގެ އަމިއްލަ އުފެއްދުމެއް، ހުއްދައަކާ ނުލައި އެޑިޓްކޮށް، އާއްމު ކުރުމަކީ ގާނޫނީ ކުށެއްކަން، މަޖިލީހުގެ މެމްބަރަކަށް ނޭނގުމަކީ އަޅުވެތިވުން ނޫނީ ކުފޫ ހަމަނުވުން،" ޔާމީނަށް ފާޑުކިޔައި، އިޒްޔާންޓެގެ ނަމުގައި ޓްވީޓް ކުރި މީހަކު ބުނެފައި ވެ އެވެ.

މިކަމާ ގުޅިގެން، މެމްބަރު ޔާމީންނަށް ސޯޝަލް މީޑިއާގައި ފާޑުކިޔާ މީހުން ބުނާގޮތުން، ޕީޕީއެމްގެ ސަޕޯޓަރަކު މި ފަދަ ވީޑިއޯއެއް ޓުވީޓު ކުރުމަކީ މަޖިލީހުގެ މެމްބަރަކު މި ފަދަ އަމަލެއް ހިންގުމާ ވަރަށް ތަފާތެވެ.

ހުސެންގެ ނަމުގައި ޓްވީޓް ކުރި މީހަކު ބުނީ ރައީސް ޔާމީންގެ ސަޕޯޓަރުން އެޑިޓްކޮށް، ދޮގު މައުލޫމާތު ހިމަނާފައިވާ ވީޑިއޯއެއް އާއްމު ކުރަން، މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ޔާމީން ލަދުގަންނަން ޖެހޭނެ ކަމަށެވެ. އަދި އިބޫ އަށް ވޯޓުނުދިން ކަމުގައި ވިޔަސް، މި ފަދަ ކަންކަމުގައި އަމިއްލަ އަގާއި ޕްރޮފެޝަނަލިޒަމް ހިފަހައްޓަން ޖެހޭނެ ކަމަށް އޭނާ ބުނެފައި ވެ އެވެ.

"ދެން އަހަރުމެން ބޯލަނބައިގެން އުޅެންވީ މަޖިލީހުގައި މި މީހުން ހަދާ ގާނޫނުތަކަށްތަ؟،" އަބުރުގެ ގާނޫނު ފާސްކުރަން، ވޯޓު ދެއްވި މެމްބަރާ ދެކޮޅަށް އެހެން މީހަކު ކުރި ޓްވީޓެއްގައި ބުނެފައި ވެ އެވެ.

އިދިކޮޅު ކޯލިޝަނުގެ އެ ވީޑިއޯ ހެދުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި، އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސް މީކާއީލް ނަސީމް ވިދާޅުވީ މަޖިލީހުގެ މެމްބަރަކު އެ ފެންވަރަށް ވެއްޓުމަކީ ވަރަށް ހަޑި ކަމެއް ކަމަށާއި އެއިން ވެސް، އިންތިހާބުގައި ކެމްޕޭން ކުރުމަށް ޕީޕީއެމުން ގެންގުޅޭ މެތަޑް ސާފުވާ ކަމަށެވެ.

"އަޅުގަނޑުމެން އެންމެ ގިނައިން ދައްކަމުން އަންނަނީ ސަރުކާރުގެ ވައްކަމުގެ ވާހަކަ. މިއިން ވެސް އެ ކުރީ ވައްކަން،" މީކާއީލް ވިދާޅުވި އެވެ.

"މިހާރު" އާ ވާހަކަ ދައްކަވަމުން މެމްބަރު ޔާމީން ވިދާޅުވީ މިއީ ސޯޝަލް މީޑިއާއިން އޭނާ އަށް ފެނިވަޑައިގަތް ވީޑިއޯކޮޅެއް ކަމަށާއި އެއީ އެޑިޓްކޮށްފައިވާ އެއްޗެއްކަން އޭނާ އަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

"ހަމަ އަސްލުގައި ވެސް އަޅުގަނޑަކަށް ނޭނގެ އެއީ ހަދާފައި އޮތް ވީޑިއޯއެއް ކަމެއް. އަސްލެއް ކަމަށް ހީކުރީ. އަދިވެސް ނޭނގެ އެއީ ފޭކެއް ނޫން ކަމެއް،" ރައީސް ޔާމީންގެ ކެމްޕޭންގައި، ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް އަރިހުގައި މަސައްކަތް ކުރައްވާ މެމްބަރު ވިދާޅުވި އެވެ.

އޭނާ ވަނީ ނޫސްތަކުގައި ލިޔެފައި ހުންނަ މައުލޫމާތުތަކަކީ ސައްހަ އެއްޗެހިތޯ ރައްޔިތުން ގަބޫލު ކުރާނީ ކިހިނެއްތޯ ވެސް ސުވާލު ކުރައްވާފަ އެވެ.