ފަސްޓް ގްލޯބަލް ރޮބަޓް މުބާރާތުގައި ރާއްޖޭގެ "ރަނި ކަނބާ"
ފަސްޓް ގްލޯބަލް ރޮބަޓް މުބާރާތުގައި ރާއްޖޭގެ "ރަނި ކަނބާ"

މެކްސިކޯގައި ބާއްވާ "ފަސްޓް ގްލޯބަލް" ރޮބޮޓިކްސް ޗެލެންޖްގައި ރާއްޖޭގެ ތިން ކުދިން ހިމެނޭ ޓީމުން "ރަނި ކަނބާ"ގެ ނަމުގައި ރޮބަޓެއް ބައިވެރިކޮށްފި އެވެ.

މިދިއަ އާދިއްތަ ދުވަހު މެކްސިކޯއަށް ފުރި ޓީމުގައި ހިމެނެނީ މަޖީދިއްޔާ ސްކޫލްގެ ޔާމީން ޔޫޝާއު ،15، އާއި ޖަމާލުުއްދީން ސްކޫލްގެ ރިދާ އަނީސް، 15، އަދި ސީއެޗްއެސްއީގެ 17 އަހަރުގެ ހަސަން ނާސިހެވެ.

ޓީމުގެ ފެސިލިޓޭޓަރެއްގެ ގޮތުން ދިޔައީ މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީގެ މައުމޫނާ އަބްދުﷲ އެވެ.

ދިވެހި ޓީމު ހެދި "ރަނި ކަނބާ" ރިމޯޓަކުން ކޮންޓްރޯލްކުރާ އިރު، އެއް ތަނުން އަނެއް ތަނަށް އެއްޗެހި އުފުލައިދީ، ބަހައްޓައިދެ އެވެ.

މުބާރާތުގެ އެންމެ ފަހު ބުރަށް ހޮވާ ހަ ރޮބަޓް ނަގަނީ، އެކި ބުރުތަކުގައި ހަވާލުކުރާ މަސައްކަތްތައް ފުރިހަމަކުރާ ގޮތަށް ބަލައިފަ އެވެ.

އުމުރުން 14 އާއ 18 އަހަރުގެ ކުދިންނަށް ހާއްސަކޮށްގެން 2016 އިން ފެށިގެން ބާއްވަމުން އަންނަ ފަސްޓް ގްލޯބަލްގައި މި އަހަރު 175 ގައުމަކުން ބައިވެރިވެ އެވެ.

ޔާމީން އާއި ރިދާ އަދި ނާސިހު އަށް ފުރުސަތު ލިބުނީ ރާއްޖޭގައި އަންހެނުންގެ ކުރިއެރުމަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ ވުމެން އެންޑް ޑިމޮކްރަސީއަށް ލިބުނު ދައުވަތެއްގަ އެވެ. ކުދިން ނެގީ އެކަމަށް އިއުލާންކޮށްގެން ކުރިމަތިލި ދަރިވަރުންގެ ތެރެއިން އިންޓަވިއުކޮށް، އެންމެ ރަނގަޅު ކުދިން ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.

ވުމެން އެންޑް ޑިމޮކްރަސީގެ ނައްޔިފާ ނިހާދް ވިދާޅުވީ މިއީ އުމުރުން ހަގު ކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މުބާރާތަކަށް ވުމުން، އެ ކުދިންނަކީ އޭގެ ކުރިން ރޮބޮޓިކްސް ކަންކަމުގައި އުޅުނު ބަޔަކަށް ވާން ނުޖެހޭ ކަމަށެވެ.

"މީގައި ބައިވެރިވުމަށް އެދުނު ކުދިން އިިންޓަވިއު ކޮށްގެން އަޅުގަނޑުމެން އެ ކުދިން ހޮވީ. ހާއްސަ ސަމާލުކަމެއް ބެހެއްޓިން ސްޓެމްގެ [ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގް އަދި ހިސާބުގެ] މާއްދާތަކުން ކިޔަވާ ކުދިން ހޮވަން،" ނައްޔިފާ ވިދާޅުވި އެވެ.

އޭނާ ވިދާޅިވި ގޮތުގައި މި މުބާރާތުގައި ރާއްޖޭގެ ތިން ކުދިން ރޮބަޓް ހެދީ ފަސްޓް ގްލޯބަލް އިން ދިން ތަކެތި ބޭނުން ކޮށްގެނެވެ.

"ބައިވެރިވާ ހުރިހާ ކުދިންނަށް ހަމަހަމަ ފުރުސަތެއް ދިނުމަށްޓަކައި އެކޮޅުން [ފަސްޓް ގޮލޯބަލުން] ރޮބޮޓު ހެދުމަށް ބޭނުންވާ ތަކެތި ފޮނުވާ. އެ އެއްޗެހި ބޭނުން ކޮށްގެން މި ކުދިން ރޮބޮޓު ހެދީ ދެ މަސް ދުވަހުގެ ތެރޭގައި،" ނައްޔިފާ ވިދާޅުވި އެވެ.

މުބާރާތް ކުރިއަށް ދާނީ މާދަމައިން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމައަށެވެ. ރާއްޖޭގެ ޓީމު އެނބުރި އަންނާނީ އަންގާރަ ދުވަހެވެ.

މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ދަތުރުކުރުމުގެ ހަރަދާއި، ހުންނާނެ ތަނުގެ ހަރަދު ހަމަޖައްސައިދެނީ ފަސްޓް ގްލޯބަލުންނެވެ.