16 އޯގަސްޓް 2018 - 08:16

އެޕަލް އެޕް ސްޓޯރުގައި ހުރި އެޕްލިކޭޝަންތަކުގެ ތެރެއިން ގަނޑުކޮށް އެއްފަހަރު އަގުދެއްކުމުން އަމިއްލަވާ ގޮތަށް ހުރި އެޕްތަކަށް އަގުނަގާ ގޮތް ބަދަލުކޮށް، އެއީ މަހު ފީ ދައްކަންޖެހޭ އެޕްލިކޭޝަންތަކަކަށް ހަދަން ޑިވެލޮޕަރުންގެ ކިބައިން އެޕަލް އެދެފި އެވެ. ބޭނުމަކީ އެޕަލް އަށް ފައިސާ ލިބެން ހުރި ގޮތްތައް އިތުރުކޮށް އަދި އެއީ ދާއިމަށް ލިބޭ މާލީ ތަނަވަސްކަމަކަށް ހެދުމެވެ.
އެޕަލް އިން ޑިވެލޮޕަރުންނާ އެކު ސިއްރު ބައްދަލުވުމެއް، އޭޕްރީލް 2017 ގައި ބޭއްވި ކަމަށް، އިންޓަނެޓްގައި މިހާރު އާންމުވެފައިވާ ރިޕޯޓެއް ބުނެ އެވެ. އެޕަލް އިން ބުނާ ގޮތަށް ކަންކުރުމުން ފައިސާ ލިބޭނެ މިންވަރު ޑިވެލޮޕަރުންނަށް ވަނީ ކިޔައިދީފަ އެވެ. އަދި އެ އަޑުއަހައި ރަނގަޅު ކަމެއް ކަމަށް ގަބޫލުކުރި ޑިވެލޮޕަރުން އުފައްދާ އެޕްލިކޭޝަންތައް، މަހު ފީ ނަގާ ގޮތަށް ބަދަލުކުރަން ފަށާފައިވާ ކަމަށް ވެސް ރިޕޯޓް ބުނެ އެވެ.
މަހު ފީ ނަގާ ގޮތަށް އެޕްލިކޭޝަނެއް ބަދަލުކުރުމަށް ފަހު ހިނގައިދާ ފުރަތަމަ އަހަރު އެ އެޕްލިކޭޝަނަކަށް ލިބޭ އާމްދަނީގެ 30 ޕަސެންޓް އެޕަލް އަށް ދޭނެ ކަމަށް އެއްބަސްވާން ޖެހެ އެވެ. އެކަމަކު އެއް އަހަރަށް ފަހު، އެ އެޕްލިކޭޝަނަކުން އެޕަލް އަށް ދައްކަންހޭ އަދަދު 15 ޕަސެންޓަށް ދަށްކުރަން އެޕަލް އެއްބަސްވެ އެވެ. މިއީ ޑިވެލޮޕަރުންނަށް ވެސް ވަރަށް ބޮޑު އާމްދަނީއެއް ލިބޭނެ ކަމެއް ކަމަށް ވެ އެވެ.
އެޕަލް އަށް މި ދާއިރާއިން ފާއިތުވި އަހަރު ލިބުނު 30 ބިލިއަން ޑޮަލަރު، 50 ބިލިއަނަށް ބަދަލުކުރަން ބޭނުންވާ ކަމަށް އެޕަލް އިން ވަނީ ބުނެފަ އެވެ. ޑިވެލޮޕަރުންގެ ބޮލަށް ވަދެގަނެ އެޕްލިކޭޝަންތަކަށް އަގު ނަގާ ގޮތް ބަދަލުކުރަނީ އެޕަލް ބޭނުންވާ ލަނޑުދަނޑި ހާސިލުކުރަން ކަމަށް ވެސް ރިޕޯޓް ބުނެ އެވެ.