15 އޯގަސްޓް 2018 - 12:11

އެންމެ ފަހުން އެކުލަވާލި ޓީމުން ފުރުސަތު ގެއްލުނު ޒަޔާން ޒަކީ އާއި ތަޖުރިބާކާރު އަންހެން ކުޅުންތެރިޔާ ނީލާ ނަޖީބު ހިމަނައިގެން ގައުމީ ބެޑްމިންޓަން ޓީމުން އަށް ކުޅުންތެރިންނާ އެކު އޭޝިއަން ގޭމްސް އަށް ފުރައިފި އެވެ.

މޮރިޝަސް މުބާރާތަށް ނެގި ސްކޮޑުން ޒަޔާނަށް ފުރުސަތު ގެއްލުނީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)އާ އުފެދުނު ހިޔާލުތަފާތުންވުންތަކެއްގަ އެވެ. ނީލާ އަށް މި ފުރުސަތު ލިބުނީ ވެސް ދުވަސްތަކަކަށް ފަހު އެވެ.
އިންޑޮނީޝިއާގައި ހޮނިހިރު ދުވަހު ފަށާ ގޭމްސް އަށް ނެގި ސްކޮޑުގައި ދެން ހިމެނެނީ މޮރިޝަސް މުބާރާތުގައި ރަނގަޅު ނަތީޖާތަކެއް ނެރުނު މުހައްމަދު ސާރިމާއި މުހައްމަދު އަޖުފާނާއި އަހުމަދު ތޯއިފާއި ދެބެން ކަމަށްވާ ނަބާހާ އަބްދުލް ރައްޒާގާއި ނަބީހާ އަބްދުލް ރައްޒާގުގެ އަދި ޝަހުރުނާޒް މޫސާ އެވެ.
މިދިޔަ ޖޫން މަހު އޮތް މޮރިޝަސް މުބާރާތުގައި ވާދަކުރި ރާއްޖޭގެ ބެޑްމިންޓަން ޓީމުގައި ހިމެނުނު ހުރިހާ ކުޅުންތެރިން ވެސް ވަނީ އެކި އިވެންޓުތަކުގައި ކުއާޓާ ފައިނަލްގައި ކުޅެފަ އެވެ. އަދި ދެ ރިހި މެޑަލްގެ އިތުރުން ދެ ލޯ މެޑަލް ހޯދި އެވެ. އެއީ އަންހެން ޑަބަލްސް އިވެންޓުން ނަބާހާ އާއި ނަބީހާގެ ޕެއާ އާއި މިކްސް ޑަބަލްސްގައި ސާރިމް އާއި ޝަހުރުނާޒްގެ ޕެއާ އިންނެވެ. އަދި އޭގެ އިތުރުން ފިރިހެން ޑަބަލްސް ބައިން އަޖުފާން އާއި ތޯއިފްގެ ޕެއާ އަދި މިކްސް ޑަބަލްސް ބައިން ތޯއިފް އާއި ނަބީހާގެ ޕެއާ ވަނީ ލޯ މެޑަލް ހާސިލްކޮށްފަ އެވެ.
ގައުމީ ބެޑްމިންޓަން ޓީމުން އަންނަނީ އިންޑިއާ ކޯޗު އަފްޒަލްގެ ބެލުމުގެ ދަށުން ގަވާއިދުން މާލޭގައި ފަރިތަކުރަމުންނެވެ. މީގެ ކުރިން "މިހާރަ"ށް ދިން އިންޓަވިއުއެއްގައި ބީއޭއެމްގެ ރައީސް މޫސާ ނާޝިދު ވިދާޅުވީ އަފްޒަލްގެ ބެލުމުގެ ދަށުން ކުޅުންތެރިންގެ ފަރާތުން ބޭނުންވާ ކުރިއެރުން ފެންނަ ކަމަށާއި ކުރިމަގާ މެދު ގިނަ އުއްމީދުތަކެއް ކުރެވޭ ކަމަށެވެ.
ޕްލޭނަކާ އެކު ބީއޭއެމުން އެންމެ ފުރަތަމަ ރަން މެޑެއްޔަކަށް ޓާގެޓް ކުރީ 2015 ވަަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގަ އެވެ. އެ ފަހަރު އެކަން ހާސިލްނުވުމުން ދުރު ރާސްތާ ޕްލޭނަކާ އެކު އަންނަ އަހަރުގެ އައިއޯއައިޖީން ރަން މެޑެއްޔަކަށް ފެށި އެވެ.
ފަހަކަށް އައިސް ބެޑްމިންޓަނުން ހޯދަމުން އަންނަ ކުރިއެރުންތަކާ އެކު މޫސަ ވަނީ ބޮޑެތި ކާމިޔާބީތަކަށް ވެސް ރާއްޖޭން މަސައްކަތްކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އެއީ ބޮޑެތި ކާމިޔާބީތަކަށް ޓާގެޓްކޮށް އެކަން ހާސިލްވެނުދިޔަސް ދެން އޮންނާނީ ދެން ހުރި ކާމިޔާބީތަކާ ހަމައަށް ވާސިލްވެފައިކަމަށްވާތީ އެވެ.