ފަހު ކޯޓާގެ މީހުން ހައްޖަށް ގެންދަން ހުރަސްތަކެއް!
ފަހު ކޯޓާގެ މީހުން ހައްޖަށް ގެންދަން ހުރަސްތަކެއް!

ރާއްޖެ އަށް އިތުރަށް ލިބުނު 1000 ކޯޓާ އަށް ހައްޖަށް މީހުން ގެންދިޔުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ހައްޖަށް މީހުން ގެންދާ ބައެއް ގްރޫޕުތަކުން މިއަދު ބުނެފި އެވެ.

ހައްޖަށް މީހުން ގެންދަން ސައޫދީން ދީފައި އޮންނަ ރަސްމީ ކޯޓާއަކީ 1،000 މީހުންނެވެ. ނަމަވެސް 2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އިތުރު 1،000 މީހުންގެ ޖާގަ ދެ އެވެ. ނަމަވެސް މިހާރު މައްސަލަ ދިމާވެގެން އުޅެނީ މި އަހަރު އިތުރަށް ދިން 1000 ޖާގަ މާ ފަހުން ލިބުމުން މީހުން ފޮނުވުމާއި ހޮޓާތައް ހަމަޖެއްސުމުގަ އެވެ.

"މިހާރު" އާ ވާހަކަ ދެއްކި ހައްޖު ގްރޫޕުތަކުން ބުނީ މި ވަގުތު ދިމާވާ އެންމެ ބޮޑު މައްސަލައަކީ ސައުދީ އަރަބިއްޔާ އަށް ދާނެ ފްލައިޓު ނެތުން ކަމަށެވެ. އެ ގްރޫޕްތަކުން ބުނި ގޮތުގައި ހައްޖު މަސް ފެށުމަށް ފަހު ހައްޖު ނިމެންދެން ޖިއްދާ އަށް ދަތުރުކުރެވެނީ ސައުދީ އެއާލައިނަށް އެކަންޏެވެ. އެހެންކަމުން ރާއްޖޭގެ ގްރޫޕްތަކަށް ވެސް ޖެހޭނީ އެ އެއާލައިނުން ޖާގަ ހޯދާށެވެ.

"ކުރިން ސައުދީ އެއާލައިނުން ބުނެފައި ވަނީ ދެ ފްލައިޓު ލިބޭނެ ކަމަށް. އެކަމަކު މިހާރު އެއް ފްލައިޓު ލިބޭ ކަހަލަ ގޮތަކަށް އަދި އޮތީ،" އިތުރަށް ލިބުނު ކޯޓާގައި 50 ހައްޖުވެރިން ގެންދަން މަސައްކަތް ކުރަމުން އަންނަ ތަޒްކިޔާ ގްރޫޕުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ތަޒްކިޔާގެ އިތުރުން އަލް ހަރަމައިން އަށް ވެސް 50 މީހުން ޖާގަ ދިނެވެ. ބާކީ އޮތް 900 ޖާގަ ހާއްސަކުރީ، ސަރުކާރުގެ ކުންފުނި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށެވެ. މި ދަނޑިވަޅުގައި އެ ވަރަށް ހައްޖުވެރިން ގެންދަން އެ ކޯޕަރޭޝަނަށް ވެސް ވަނީ ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފަ އެވެ. "މިހާރު"އަށް އެނގިފައިވާ ގޮތުގައި ހައްޖު ކޯޕަރޭޝަނުން ގެންދަނީ ފަހުން ލިބުނު ކޯޓާގެ ތެރެއިން 400 މީހުންނެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން ހައްޖު ކޯޕަރޭޝަނުން ސާފު މައުލޫމާތެއް މީޑިއާއާ ހިއްސާއެއް ނުކުރެ އެވެ.

މިހާރު މަސައްކަތްކުރަމުން އަންނަނީ ދިވެހި ހައްޖުވެރިން ގޮވައިގެން ސައުދީގެ ދެ ފްލައިޓެއް އެއް ދުވަހު ފުރާ ގޮތަށް ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް އެގޮތަށް މުޅިން ހަމަޖެހުނުކަން އަދި ކަށަވަރެއް ނުވެ އެވެ. އެހެންކަމުން ސްރީ ލަންކާ އަށް ހައްޖުވެރިން އުފުލައިގެން، އެ ގައުމުން ސައުދީ އަށް ދަތުރުކުރާ ސައުދީ އެއާލައިނުން ޖާގަ ހޯދުމުގެ ވިސްނުމެއް ވެސް ތަޒްކިޔާ އިން ގެންގުޅެ އެވެ.

"އަޅުގަނޑުމެން ވަރަށް މަސައްކަތް ކުރަން އެބަ މީހުން ގެންދަން. ރާއްޖޭން ސިލޯނަށް ފްލައިޓެއް ޗާޓަރުކޮށްގެން ގޮސް، ކޮލޮމްބޯ އިން ސައުދީ އަށް ދިއުމުގެ ވިސްނުމެއް ވެސް އެބަ ގެންގުޅެން،" ތަޒްކިޔާ ގްރޫޕްގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ރަސްމީކޮށް ލިބުނު 1،000 ޖާގަ އަށް ދާ ދިވެހި ހައްޖުވެރިން މިހާރު ތިބީ މައްކާގަ އެވެ.