15 އޯގަސްޓް 2018 - 11:19

ނިއު ދިއްލީ (އޮގަސްޓް 15) - އިންސާނުންނާ އެކު އިންޑިއާ އިން 2022 ވަނަ އަހަރު ޖައްވަށް އުޅަނދެއް ފޮނުވާނެ ކަމަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

"އިންޑިއާ އިން 2022 ވަނަ އަހަރު އަންހެނެއް ނޫނީ ފިރިހެނަކާ އެކު ޖައްވީ އުޅަނދެއް ފޮނުވާނަން،" އިންޑިއާގެ 72 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ވެރިރަށް ދިއްލީގެ ރެޑް ފޯޓުގައި ގައުމާ މުޚާތަބް ކުރައްވާ ދެއްވި ތަގްރީރުގައި މޯދީ ވިދާޅުވި އެވެ. "އިންޑިއާގެ އެސްޓްރޮނޯޓް ދަތުރު ކުރާނީ ގައުމު ދިދަ ހިފައިގެން."

ބޮޑު ވަޒީރު ވިދާޅުވީ އިންޑިއާ ވެގެން ދާނީ އިންސާނުންނާ އެކު ޖައްވަށް އުޅަނދެއް ފޮނުވާ ހަތަރު ވަނަ ގައުމަށް ކަމަށެވެ. އިންސާނުންނާ އެކު ޖައްވީ އުޅަނދުތައް މީގެ ކުރިން ފޮނުވާފައި ވަނީ ރަޝިޔާ، އެމެރިކާ އަދި ޗައިނާ އިންނެވެ.
ޗައިނާއާ އޮންނާ ވާދަވެރިކަމުގައި އިންޑިއާ އިން ވަނީ ޖައްވީ ޕްރޮގްރާމްތަކަށް ވޭތުވެދިޔަ ދިހަ އަހަރު ބޮޑު ހޭދައެއް ކޮށްފަ އެވެ.
އިންޑިއަން ރިސާޗް އޮގަނައިޒޭޝަން އިން މިދިޔަ ހަފުތާގައި ވަނީ އަންނަ ޖެނުއަރީ މަހު މީހަކާ ނުލައި ހަނދަށް އުޅަނދެއް ފޮނުވާނެކަން އިއުލާންކޮށްފަ އެވެ. ޗާންދުރަޔާން-2 އެންމެ ފުރަތަމަ ހަނދަށް ފޮނުވަން ނިންމާފައި ވަނީ މި އަހަރު އެވެ. ނަމަވެސް އުޅަނދުގެ ޑިޒައިނަށް ގެނައި ބަދަލަކާ ގުޅިގެން މިޝަން ވަނީ ލަސްކޮށްލައިފަ އެވެ. ޗާންދުރަޔާން-1، 2008 ވަނަ އަހަރު ވަނީ ހަނދަށް ފޮނުވައިފަ އެވެ. އިންޑިއާ އިން 2013 ވަނަ އަހަރު މާސް އަށް ފޮނުވި އުޅަނދު އަދިވެސް މަސައްކަތް ކުރެ އެވެ. އިންޑިއާ އިން މިދިޔަ އަހަރު ވަނީ އެއް ފަހަރާ 104 ސެޓެލައިޓް ޖައްވަށް ފޮނުވާލައިފަ އެވެ.