އެމްޓީސީސީގެ ފްލެޓްތަކަށް ކުރިމަތިލާން ހުޅުވާލައިފި
އެމްޓީސީސީގެ ފްލެޓްތަކަށް ކުރިމަތިލާން ހުޅުވާލައިފި

އެމްޓީސީސީން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އަޅާ ފްލެޓްތަކުގެ ތެރެއިން އެއް ކޮޓަރީގެ ފްލެޓް، އަށް ލައްކަ ރުފިޔާ އަށް ވިއްކަން ނިންމައި، އެ މަޝްރޫއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްޓީސީސީގެ ފްލެޓްތަކަށް ކުރިމަތިލާން ހުޅުވާލައިފި
އެމްޓީސީސީގެ ފްލެޓްތަކަށް ކުރިމަތިލާން ހުޅުވާލައިފި

ސަރުކާރުގެ ހިޔާ މަޝްރޫއުގެ ދަށުން، އެމްޓީސީސީން 14 ބުރީގެ ދެ ޓަވަރު ތަރައްގީ ކުރެ އެވެ. އެ ދެ ޓަވަރުގައި، އެއް ކޮޓަރީގެ 160 ފްލެޓާއި، ދެ ކޮޓަރީގެ 80 ފްލެޓްގެ އިތުރުން ދެ ކޮޓަރި އާއި މެއިޑްރޫމް ހިމެނޭ ގޮތަށް 160 ފްލެޓް އެޅުމަށް ވަނީ ނިންމައިފަ އެވެ.

"އެމްޓީސީސީ ހިޔާ މަޝްރޫއު" އިފްތިތާހު ކުރުމަށް ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އިއުލާން ކުރި ގޮތުގައި އެއް ކޮޓަރީގެ ފްލެޓް، ހަތް ލައްކަ ނުވަތަ އަށް ލައްކަ ރުފިޔާ އަށް ވިއްކާއިރު، ދެ ކޮޓަރީގެ ފްލެޓް ވިއްކުމަށް ނިންމާފައިވަނީ 1.2 މިލިޔަން ރުފިޔާ އާއި 1.3 މިލިޔަން ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ. އަދި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ ފްލެޓް ވިއްކުމަށް ހަމަޖެހިފައިވަނީ 1.4 މިލިޔަން ރުފިޔާ އާއި 1.7 މިލިޔަން ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ މިއީ ބާޒާރުގައި ފްލެޓް ވިއްކާ އަގާ ބަލާއިރު ވަރަށް ހެޔޮ އަގެއް ކަމަށެވެ.

"މިއީ ރެއަލް ސްޓޭޓްގެ ބާޒާރުގައި 50 ޕަސެންޓް ހެޔޮ އަގެއް. މި ފްލެޓްތަކަށް ދައްކަން ޖެހޭ ޑައުންޕޭމަންޓް ވެސް މުވައްޒަފުންނަށް 24 މަހަށް ބަހާލައިގެން ދެއްކޭނެ،" ޒިޔަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި 2،000 އަށް ވުރެ ގިނަ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފަށާ މި މަަޝްރޫއުގެ ދަށުން، 330 ފްލެޓް ދޫކުރާނީ ކުންފުނީގެ މުވައްޒަފުންނަށެވެ. އޭގެ ތެރެއިން ވެސް، 10 ފްލެޓް، ހާއްސަ އެހީއަށް ބޭނުންވާ މުވައްޒަފުންނަށް ރިޒާވް ކުރާނެ ކަމަށް ޒިޔަތު ވިދާޅުވި އެވެ.

ބާކީ 70 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ އާއްމުންނަށެވެ.

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމާ މި ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު، އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

ހުޅުމާލޭގައި ލައްކައެއްހާ މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން 25 ބުރީގެ 62 ޓަވަރު އަޅަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި އޭގެ ތެރެއިން ބައެއް ޓަވަރުތައް ހަދަން ސަރުކާރުގެ ބައެއް ކުންފުނިތަކާ ހަވާލުކުރުމުން، އެ ކުންފުނިތަކުން އަންނަނީ އެކަން ކުރާނެ ބަޔަކު ހޯދަން އިއުލާން ކުރަމުންނެވެ. އަދި ބައެއް ކުންފުނިތަކުން ކޮންޓްރެކްޓަރުންނާ އެކަން ހަވާލުކޮށް، މަސައްކަތް ވަނީ ފަށައިފަ އެވެ.