އައިޝްވާރިޔާ ރާއީގެ ހަޔާތާ ބެހޭ ފިލްމެއް ހަދަން މައްސަލައެއް ނެތް
އައިޝްވާރިޔާ ރާއީގެ ހަޔާތާ ބެހޭ ފިލްމެއް ހަދަން މައްސަލައެއް ނެތް

ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންނަކީ އެ މީހުންގެ ޒާތީ ދިރިއުޅުން ވަރަށް ބޮޑަށް ފޮރުވަން އުޅޭ ބައެކެވެ. އެހެންވެ އެ މީހުންގެ ހަޔާތާ ބެހޭ ވާހަކަ ކިޔައިދޭ ފިލްމްތައް ބޮޑު ސްކްރީނަށް ގެންނާކަށް ވެސް ބައެއް ތަރިން ރުހޭ ކަމަކަށް ނުވެ އެވެ. އޭގެ ތެރެއިން އެކަކީ ސަލްމާން ހާނެވެ.

އެކަމަކު ދާދި ފަހުން ރިލީޒް ކުރި ސަންޖޭ ދަތުގެ ބައޮގްރަފިކަލް ޑްރާމާ "ސަންޖޫ" އަށް ލިބުނު ބޮޑު ތަރުހީބާ އެކު، ބައެއް ތަރިން ވަނީ އެ މީހުންގެ ވާހަކަ ވެސް ބެލުންތެރިންނަށް ފިލްމެއްގެ ސިފައިގައި ގެނެސް ދޭން ކަމުދާނެތޯ ދެވަނަ ވިސްނުމަކަށް ދާން ނިންމައިފަ އެވެ.

އޭގެ ތެރެއިން އެކަކީ ސަލްމާންގެ ހާންގެ ކުރީގެ ލޯބިވެރިޔާ އަދި އަބީޝެކް ބައްޗަންގެ އަންހެނުން އައިޝްވާރިޔާ ރާއީ އެވެ.

ޑީއެންއޭ އަށް ދިން އިންޓަވިއުއްގައި އޭނާ ބުނީ ބޮޑު ސްކްރީނަށް ގެންނަން އޭނާގެ ވާހަކަ ޝައުގުވެރި ކަމަށް ޑައިރެކްޓަރަކަށް ނުވަތަ ޕްރޮޑިއުސަރަކަށް ފެނިއްޖެ ނަމަ އެކަމާ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

"އެކަހަލަ އޮފާތަކެއް ކުރިން އައިސްފައި ވެސް އެބަހުރި. އެކަމަކު މި ދަނޑިވަޅުގައި އެކަހަލަ ކަމަކާ އެހާ ބޮޑަކަށް ސީރިއަސްކޮށް ނުވިސްނަން،" އުމުރުން މިހާރު 44 އަހަރުގެ، ކުރީގެ ރީތީގެ ރާނީ ބުންޏެވެ. "ނަމަވެސް އަހަރެންގެ ދިރިއުޅުމުގެ ވާހަކައަކީ ބަޔަކަށް އެހާ ޝައުގުވެރިވާ އެއްޗަކަށް ވަންޏާ ފިލްމެއް ހެދުން ހަމަ އެންމެ ރަނގަޅު ކަމެއްގެ ގޮތުގައި ދެކެނީ."

ކާމިޔާބު، ރީތި ފިލްމްތަކެއް ކުޅެފައިވާ އައިޝްވާރިޔާ ބުނި ގޮތުގައި އޭނާ ބޮލީވުޑަށް ނުކުތީ ކުރިން ޕްލޭންކޮށްގެން ނޫނެވެ. އެކަމަކު 1994 ގެ މިސް ވޯލްޑް ތާޖާއެކު ހުށަހެޅުންތައް އޮހެން ފެށީ އެވެ.

"އަހަންނަކީ ފުރަތަމަ އާކިޓެކްޗާ ދަރިވަރެއް މިސް ވޯލްޑްގެ ތާޖު ލިބުނު އިރު. އެހެންވެ ފިލްމްތަކުން އޮފާ ލިބެން ފެށީމަ ކެރިއާ ބަދަލުކޮށްލަން ޖެހުނީ،" މިހާރު ހަ އަހަރުގެ ދަރިއަކު ވެސް ހުރި ބަތަލާ ބުންޏެވެ.

އައިޝްވާރިޔާ ބުނި ގޮތުގައި އޭނާގެ އޮޓޯބައޮގްރަފީއެއް އަމިއްލަ އަށް ލިޔާނެތޯ ވެސް އަދި ބުނާކަށް ނޭނގެ އެވެ. އެކަމަކު އިތުބާރު ކުރެވޭ ކަހަލަ ލިޔުންތެރިޔަކާ ދިމާވެއްޖެ ނަމަ ކޮންމެވެސް ސިފައެއްގައި ބައޮގްރަފީއަކަށް ޝައުގުވެރިވާ ކަމަށް ބުންޏެވެ.

"މުހިއްމު ވާނީ އެ މީހަކު ރަނގަޅަށް ދަންނަ މީހަކާ ގުޅިގެން އެކަހަލަ މަސައްކަތެއް ކުރުން ކަންނޭނގޭ. އަހަންނާ ބެހޭ އެއްޗެއް ލިޔާ ނަމަ ބޭނުމެއް ނޫން އޭގެ ތެރެއަށް ހަގީގަތެއް ނެތް އެއްވެސް ވާހަކައެއް ހިމަނާކަށް." މި މަހުގެ 3 ގައި ރިލީޒް ކުރި "ފަނޭ" ހާން" ގެ ބަތަލާ ބުންޏެވެ. "އެކަމަކު އަހަރެން އޮޓޯބައޮގްރީއެއް ތަޖުރިބާކޮށްލަން ވެސް."