ސަޕޯޓަރުން ނެތި ވެސް އިނގިރޭސި ކްލަބްތަކަށް ފައިދާ!
ސަޕޯޓަރުން ނެތި ވެސް އިނގިރޭސި ކްލަބްތަކަށް ފައިދާ!

ލަންޑަން (އޮގަސްޓް 15) - އިނގިރޭސި ލީގުތަކުގައި ވާދަކުރާ ކްލަބްތަކުގެ މެޗުތައް ބަލަން ސަޕޯޓަރުން ދަނޑަށް ނުވަނަސް އޭގެ ތެރެއިން ގިނަ ޓީމުތަކަށް މުޅި އަހަރަށް ބަލާއިރު ފައިދާވާ ކަމަށް ބީބީސީގެ ދިރާސާ އަކުން ދައްކައިފި އެވެ.

ފައިނޭންސް ސްޕެޝަލިސްޓެއް މެދުވެރިކޮށް ބީބީސީން ހެދި ދިރާސާ އަކުން ދައްކާ ގޮތުގައި އިނގިރޭސި ޕްރިމިއާ ލީގުގައި 2016-2017 ގައި ވާދަކުރި 20 ޓީމުގެ ތެރެއިން 11 ކްލަބަށް ސަޕޯޓަރުންގެ ފަރާތުން ލިބުނު އާމްދަނީ ނުލައި ވެސް ފައިދާވި އެވެ.

އެ ސީޒަނުގައި އިނގިރޭސި ކްލަބްތަކަށް ޓީވީ ރައިޓްސް ވިއްކައިގެން އާމްދަނީގެ ގޮތުގައި 10.5 ބިލިއަން ޑޮަލަރު ލިބިފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާކިޔާއިރު 11 އިންސައްތަ ކުރިއެރުމެކެވެ. ޓީވީ ރައިޓްސް ފައިސާ ކްލަބްތަކަށް ބެހުމުގައި ގެންގުޅޭ އުސޫލުތަކުގެ ތެރެއިން އެންމެ ބޮޑަށް ބަލަނީ ކްލަބް އެ ސީޒަނެއްގައި ހޯދާ ކާމިޔާބީ އާއި މެޗުތައް ކުޅޭ އަދަދެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޓީވީ ރައިޓްސް ވިއްކައިގެން ލިބޭ އާމްދަނީ އަހަރުން އަހަރަށް ގިނަވަމުން އަންނައިރު، ގިނަ ކްލަބްތަކުން މިހާރު އަންނަނީ ޓްރާންސްފާ މާކެޓްގައި ބޮޑު ހޭދައެއް ކުޅުންތެރިން ހޯދުމަށް ކުރަމުންނެވެ. ބީބީސީގެ ދިރާސާއިން ދައްކާގޮތުގައި 2016-2017 ވަނަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ކޮންމެ ކްލަބަކަށް މަދުވެގެން 150 މިލިއަން ޑޮލަރު ޓީވީ ރައިޓްސްގެ ގޮތުގައި ލިބެ އެވެ.

ޕްރިމިއާ ލީގުގައި އެންމެ މަދު ސަޕޯޓަރުން ވަދެވޭ ދަނޑަކީ ބޯންމައުތެވެ. އެ ޓީމުގެ ދަނޑަށް ވަދެވެނީ 11،450 މީހުންނަށެވެ. އެ ޓީމަށް މުޅި އަހަރަށް ސަޕޯޓަރުންގެ އަތުން ހަ މިލިއަން ޑޮލަރު ލިބެ އެވެ. ލީގުގެ 2016-2017 ސީޒަނުގައި ބޯންމައުތަށް ސަޕޯޓަރުންގެ ފަރާތުން ލިބުނު ކަމަށް ރެކޯޑް ކުރެވުނީ 6.6 މިލިއަން ޑޮލަރެވެ. އެ ޓީމަށް އެ އަހަރު ޓީވީ ރައިޓްސް އިން 115 މިލިއަން ޑޮލަރު ލިބުނެވެ. ބޯންމައުތުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރަ އާއި ކްލަބް ހިންގުމަށް ހަރަދުވަނީ ގާތްގަނޑަކަށް 60 މިލިއަން ޑޮލަރެވެ. ދިރާސާތަކުން ދައްކާގޮތުގައި ހުރިހާ ހަރަދަކަށް ފަހު ބޯންމައުތަށް އެ ސީޒަނުގައި 49 މިލިއަން ޑޮލަރު ވަނީ ފައިދާވެފަ އެވެ.

އިނގިރޭސި ކްލަބްތަކަށް ޓީވީ ރައިޓްސްގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވެ ޓްރާންސްފާ މާކެޓްގައި އެ ޓީމުތަކުން ނިސްބަތުން ބޮޑު އަގުދީފައި ކުޅުންތެރިން ގަންނަ އަދަދު އަންނަނީ އަހަރަކަށް ފަހު އަހަރެއް އިތުރުވަމުންނެވެ. އޭގެ ސަބަބުން ޔޫރަޕްގެ އެހެން ގައުމުތަކުގެ ކްލަބްތަކަށް ޓްރާންސްފާ މާކެޓްގައި ގިނަ ގޮންޖެހުންތަކާ އަންނަނީ ކުރިމަތިލަމުންނެވެ.

ޓޮޓެންހަމްގެ ޗެއާމަން ޑެނިއަލް ލެވީ ދާދި ފަހުން ވިދާޅުވީ ބްރެކްސިޓް (އިނގިރޭސިވިލާތް އީޔޫ އިން ވަކިވުން) އަށް ފަހު ފުރަތަމަ އަހަރުތަކުގައި ޓީވީ ރައިޓްސްގެ ފައިދާތަކެއް ފެނުނު ނަމަވެސް ހަމައެކަނި އޭގެ އަށް ބަރޯސާވެެގެން ދުރު މުސްތަގުބަލަކަށް ވިސްނާ ޓީމުތަކަށް މަސައްކަތް ނުކުރެވޭނެ ކަމަށެވެ.