ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވެގެން ދާނީ އިންޑިއާގެ ބޮކްސް އޮފީހުގައި ގަދަ ހިފުމަކަށް ދާނެ ދުވަހަކަށެވެ. ލޯބީގެ މައްސަލަގަނޑެއްގައި ހައިޖާނު އުފައްދާފައިވާ ކަންގަނާ ރަނާވަތާއި ރިތިކް ރޯޝަން ލީޑް ރޯލް ކުޅެފައިވާ ދެ ފިލްމެއް އެ ދުވަހު ސިނަމާތަކަށް އަންނާނެ އެވެ.

އެއީ ކަންގަނާގެ ތާރީހީ ބޮޑު ފިލްމް "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" އާއި ރިތިކް ކުޅޭ ބައޮގްރަފިކަލް ޑްރާމާ "ސުޕަ 30" އެވެ. އެ ފިލްމް ބިނާކޮށްފައި ވަނީ އިންޑިއާގެ ހިސާބު އިލްމުވެރިޔާ އާނަންދު ކުމާރްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

ކަންގަނާގެ ފިލްމް ޖެނުއަރީ 25 އަށް ބަދަލުކުރީ ރިތިކްގެ ފިލްމް މާ ކުރިން އެ ތާރީހަށް ތާވަލުކޮށްފައި ވަނިކޮށެވެ. އެހެންވެ ގިނަ ބަޔަކު މިހާރު އެންމެ ބަލަން ބޭނުން ވަނީ އެއް ދުވަހެއްގައި ފިލްމްތައް ރިލީޒްކޮށްގެން ކުރި ހޯދަނީ ކާކުތޯ އެވެ.

އަނެއްކޮޅުން ޖެނުއަރީ 25 ގައި އެހެން ފިލްމެއް ވެސް ސިނަމާތަކަށް އަންނާނެ އެވެ. އެއީ އިމްރާން ހާޝިމީގެ "ޗީޓް އިންޑިއާ" އެވެ.

"މަނިކަރްނިކާ" އަކީ އިންޑިއާގެ ތާރީހުގައި ވަރަށް ފާހަގަކޮށްލެވުނު އަންހެން ހަނގުރާމަވެރިއެއް ކަމަށްވާ ރާނީ ލަކްޝީބާއީގެ ވާހަކަ ކިޔައިދޭ ތާރީހީ ފިލްމެކެވެ. ކަންގަނާ ޓައިޓްލް ރޯލް ކުޅޭ ފިލްމްގެ ޕޯސްޓަރު ވެސް މިހާރު ދައްކާލައިފައިވާ އިރު، ފިލްމަށް ކުރެވޭ އިންތިޒާރީތައް ވެސް މިހާރު ބޮޑެވެ.

"މަނިކަރްނިކާ" ވަރަށް ވެސް ވަރުގަދަ ވާނެކަން ޕޯސްޓަރަށް ބަލައިލުމުން ވެސް އެނގެ އެވެ. މި ފިލްމަކީ "ބާހްބަލީ" ގެ ލިޔުންތެރިޔާ ވިޖެންދްރަ ޕްރަސާދާއި މަޝްހޫރު ޅެންވެރިޔާ ޕްރަސޫން ޖޯޝީގެ ސްކްރީންޕްލޭއަކަަށް ކްރިޝް ޑައިރެކްޓްކޮށްފައިވާ ބޮޑު ބަޖެޓް ފިލްމެކެވެ.

"މަނިކަރްނިކާ" ގެ ކާސްޓުންގެ ތެރޭގައި ސޯނޫ ސޫދް، އަތުލް ކުލްކަރްނީ، ސުރޭޝް އޮބެރޯއީ އަދި ޓީވީ ބަތަލާ އަންކިތާ ލޯކަންދޭ ހިމެނެ އެވެ.

ރަންވީރް ސިންގް ފުލުހެއްގެ ރޯލް ކުޅޭ ފިލްމް "ސިމްބާ" ގެ ޝޫޓިންގެ ތެރެއިން އެކްޝަން މަންޒަރުތަކެއް ނަގާ ވީޑިއޯއެއް ބެލުންތެރިންނަށް ދައްކާލައިފި އެވެ.

ރޯހިތު ޝެޓީ ޑައިރެކްޓް ކުރާ "ސިމްބާ" އަކީ ޑިސެމްބަރު މަހުގެ 28 ގައި ސިނަމާތަކަށް އަންނާނެ ފިލްމެކެވެ. އަދި މިއީ މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމް ވެސް މެ އެވެ. ރަންވީރު ބުނި ގޮތުގައި "ސިމްބާ" އަކީ އޭނާގެ ކެރިއަރުގެ އެންމެ ބޮޑު ފިލްމެވެ. މިއީ ބެލުންތެރިން ގަޔާވާނެ ހުރިހާ ރަހައެއް އެކުލެވޭނެ ވަރަށް ވެސް މުނިފޫހި ފިލުވައިދޭ ފިލްމަކަށް ވާނެ ކަމަށް ބުންޏެވެ.

ކަރަން ޖޯހަރް ޕްރޮޑިއުސް ކުރާ "ސިމްބާ" ގެ ބަތަލާއަކީ ސާރާ އަލީ ހާނެވެ. ފިލްމްގެ ވިލަންއަކީ ސޯނޫ ސޫދެވެ.

އަނޫރާގް ބާސޫ 2007 ގައި ގެނެސް ދިން ފިލްމް "ލައިފް އިން އަ...މެޓްރޯ" ގެ ދެވަނަ ބައެއް ގެނެސް ދޭން ނިންމާފައި ވަނިކޮށް، އޭނާ ޓީ ސީރީޒާ އަތުގުޅާލައިފި އެވެ. އެހެންވެ އޭނާ ދެން ޑައިރެކްޓް ކުރާ ފިލްމްގެ ޕްރޮޑިއުސް ކުރާނީ ޓީ ސީރީޒްގެ ބުޝަން ކުމާރެވެ.

ބުޝަން ބުނި ގޮތުގައި އަނޫރާގް ކަހަލަ ޑައިރެކްޓަރެއްގެ ފިލްމެއް އަނެއްކާ ވެސް ޓީ ސީރީޒްގެ ތައްގަނޑާ އެކު ގެނެސް ދެވުމަކީ އޯޑިއަންސް ވެސް ލައްކަ އުފާވާނެ ކަމެކެވެ. އެކަމަކު ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަނޫރާގް މި ފަހަރު ގެނެސް ދޭނީ ބޮޑު ކާސްޓެއް ހިމެނޭ ރިލޭޝަންޝިޕް ޑްރާމާއެކެވެ. އަދި ފިލްމްގެ ކާސްޓުން މިހާރު ހަމަޖައްސަމުން އަންނަ ކަމަށް ފިލްމް ކްރިޓިކްސް ތަރަން އަދާޝް ބުންޏެވެ.

މިޑިއާތަކުން ބުނީ މި ފިލްމްގެ ރޯލަކަށް ރާޖްކުމާރް ރާއޯ މިހާރު ސޮއިކޮށްފައިވާ ކަމަށެވެ. "މާޑާ" އާއި "ބަރްފީ" ފަދަ ފިލްމްތައް ގެނެސް ދިން އަނޫރާގް އެންމެ ފަހުން ގެނެސް ދިން ޖައްގާ ޖާސޫސް (2017) އަކީ ބޮޑު ފްލޮޕެކެވެ.

"ހައިދަރް" އާއި "ކަމީނޭ" ފަދަ ފިލްމްތައް ބެލުންތެރިންނަށް ގެނެސް ދީފައިވާ ޑައިރެކްޓަރު ވިޝާލް ބަދަރްވާޖްގެ އާ ފިލްމް "ޕަޓާކާ" ގެ ޓްރެއިލާ ދައްކާލައިފި އެވެ. ރަށްފުށަށް ނިސްބަތްވާ އަންހެން ދެބޭންގހެ ވާހަކަ ކިޔައިދޭ މި ފިލްމްގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ "ޑަންގަލް" އިން ވިދައިލި ބަތަލާ ސާނިޔާ މަލްއުރުތާ އާއި ޓީވީ ބަތަލާ ރާދިކާ މަދަންގެ އިތުރުން ސުނިލް ގްރޯވާ އެވެ.

"ޕަޓާކާ" އަކީ ރާދިކާ ބޮލީވުޑަށް ތައާރަފުވާ ފިލްމް ވެސް މެެ އެވެ. މި ފިލްމް ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 28 ގަ އެވެ. އެ ތާރީހަކީ އަނުޝްކާ ޝަރްމާ އާއި ވަރުން ދަވަންގެ "ސުއީ ދާގާ: މޭޑް އިން އިންޑިއާ" ވެސް ރިލީޒް ކުރަން އޮތް ދުވަހެވެ.