18 އޯގަސްޓް 2018 - 08:45

ތަފާތު ބަލިބަލީގެ މީހުންނަށް މުޖުތަމައަށް ނުކުމެ އުޅުމުގައި އެކި ކަހަލަ އުނދަގޫތަކާ ކުރިމަތިލާންޖެހެއެވެ. ނަމަވެސް ޓެކްނޮލޮޖީގެ އެހީގައި މި ދަތިތަކުން ސަލާމަތްވުމުގެ ފުރުސަތު މިހާރު އެބައޮތެވެ.
ސްޓެންފަޑް ޔުނިވަސިޓީގެ ޓީމަކުން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި ސުޕަޕަވަ ގްލާސްއަކީ އޯޓިސްޓިކް ކުދިންނަށް ވަރަށް ޚާއްސަ އައިނެކެވެ. ކުދިން ގަޔާވާނެހެން މީގެ ނަމަކަށް ސުޕަޕަވަ ގްލާސް ކިޔަސް، ހަގީގަތުގައި މިއީ ގޫގްލް ގްލާސްއެވެ. އާންމު ބޭނުންތަކަށް ގޫގްލް ގްލާސް ވައިގައި ނުހިފިޔަސް މި ޓެކްނޮލޮޖީއަކީ އޯޓިސްޓިކް ކުދިންނަށް ލިބުނު އިތުރު ހިތްވަރެއް ކަމަށް ދިރާސާ ޓީމުން ހާމަކުރެއެވެ.
ލޮލުގައި އަޅާ އައިނަކަށް ފައްތައިގެން އުފައްދާފައިވާ ސުޕަޕަވަ ގްލާސް މައިގަނޑު ގޮތެއްގައި ކޮށްދޭ ކަމަކީ ހަތަރުކަޅި ހަމަކުރުމަށް އޯޓިސްޓިކް ކުދިންނަށް ހުރި ހުރަސް ކުޑަކޮށްދިނުމެވެ. އާންމުކޮށް މިފަދަ ކުދިންނަކީ އެކުދިންގެ އަމިއްލަ ދުނިޔެއެއްގައި އެހެން މީހުންނާ މުއާމަލާތުނުކޮށް ވަގުތު ހޭދަކުރާ ބަޔެކެވެ. ނަމަވެސް މީގެ އައިނުގައި ހިމެނޭ ޚާއްސަ ސިފަތަކުގެ ތެރޭން އައިނު އަޅައިގެން އެހެން މީހުންނާ ދިމާއަށް ބަލައިލުމުން އެމީހެއްގެ މޫނުމަތިން ފެންނަ އިހުސާސް ތަރުޖަމާކުރަން އެކުދިންނަށް ފަސޭހަކޮށްދެއެވެ. ނަތީޖާއެއްގެ ގޮތުން މުއާމަލާތުކުރުމާއި އިޖުތިމާއީ ގުޅުން ރަގަޅުކުރުމަށް ބާރަކަށްވެއެވެ.
ސްޓެންފަޑް ޔުނިވަސިޓީގެ ޓީމުން ކުރި ދިރާސާގައި ބައިވެރިކުރީ 14 އާއިލާއެކެވެ. މިއިން ކޮންމެ އާއިލާއެއްގައި ވެސް އުމުރުން 3 އަހަރާއި 17 އަހަރާ ދެމެދުގެ އޯޓިސްޓިކް ކުއްޖަކު ހިމެނެއެވެ. 4 މަސްދުވަހަށް ކުރިއަށް ގެންދިޔަ މި ދިރާސާއިން އެނގުނު ގޮތުގައި ކުރިއާ ޚިލާފަށް އައިނުގެ ބޭނުންކޮށްގެން ކުދިންނާ މުއާމަލާތުކުރަން ފަސޭހަވިކަމަށް 12 އާއިލާއަކުން ބުންޏެވެ. އަދި މީގެތެރެއިން ހަ ކުއްޖެއްގެ އޯޓިސްޓިކް ބަލީގެ ދަރަޖަ، އިހުނަށްވުރެ ކުޑަވިކަން ވެސް އާއިލާތަކުން ފާހަގަކުރިއެވެ.
ސުޕަޕަވަ ގްލާސް ބޭނުންކުރެވޭނީ މިއާ އެކު ސްޓެންފަޑް ޔުނިވަސިޓީން ފަރުމާކޮށްފައިވާ އެޕްގެ އެހީގައެވެ. މި އައިނަކީ އޯޓިސްޓިކް ކުދިންނަށް ފަރުވާ ދިނުމުގެ މަރުހަލާގެ ތެރޭގައި ބޭނުންކުރުމަށް އުފައްދާފައިވާ އައިނެކެވެ. އައިނުގައިވާ ބިއްލޫރިކޮޅުގެ އިތުރުން ކުޑަ ކެމެރާއަކީ ސްޕީކަރެއް ހިމެނެއެވެ. ކެމެރާއިން އައިނު އަޅާ ކުއްޖާއަށް ފެންނަ މަންޒަރުތައް ރިކޯޑުކުރަމުންދާނެއެވެ. އަދި އެކުއްޖާއަށް ފެންނަ މަންޒަރުތަކާ ބެހޭ ގޮތުން ސްޕީކަރުން މައުލޫމާތު ދެމުންދާނެއެވެ. މި އައިނު އަޅައިގެން ދޭ ފަރުވާގެ ތެރޭގައި ކުދިންނަށް އެހެން މީހުންގެ މޫނަށް ބަލައިގެން އެމީހުންގެ މޫނުމަތިން ފެންނަ އިހުސާސްތައް ގޫގްލް ގްލާސް ސްޕީކަރުން ތަރުޖަމާކޮށްދެއެވެ.
ހަފުތާއަކު 3 ދުވަހު، 20 މިނިޓަށް ކުރިއަށް ގެންދާ ސެޝަންތަކުގައި މިކަން ތަކުރާރުވާ ވަރަކަށް ކުދިން މިއަށް ހޭނި، އެކުދިންގެ ކިބައިގައިވާ އަބުއިކަން ކެނޑި، އެހެން ކުދިންނެކޭ އެއްގޮތަށް އެކުދިންގެ އުޅުންވެސް ބަދަލުކުރެވިދާނެ ކަމުގެ ފެހި ސިގްނަލް މައިންބަފައިންނަށް ލިބުނެވެ. ސްޓެންފަޑް ޔުނިވަސިޓީގެ ދިރާސާގައި ބައިވެރިވި އާއިލާތަކުން ބުނާ ގޮތުގައި ތިން މަސްދުވަހުގެ ތެރޭގައި ކުދިންގެ އުޅުމަށް އާދަޔާ ޚިލާފް ހެޔޮ ބަދަލުތަކެއް އަންނަން ފެށިއެވެ.