16 އޯގަސްޓް 2018 - 08:19

ނާދިރު ބައްޔަކަށް ފަރުވާ ހޯދަން އިނގިރޭސިވިލާތަށް މިދިޔަ މާޗް މަހު ފުރުމުގެ ކުރިން އިރްފާން ހާން ކުޅެން ފަށާފައިވާ އޮތް އެމެޒޯން ޕްރައިމް ވީޑިއޯގެ ސީރީޒްގެ "ގޯމިންޓް" ވެސް އޭނާ ދޫކޮށްލައިފަ އެވެ.
ފޭސްބުކްގައި އާންމުކުރި ބަޔާނެއްގައި އިރްފާން ބުނީ ހާލަތު މި ވަގުތު ހުރި ގޮތުން އެ މަސައްކަތް ދޫކޮށްލުން ނޫން ގޮތެއް ނެތް ކަމަށެވެ. އެކަމަކު "ގޯމިންޓް" ގައި ހިއްސާވުމަކީ ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށް ބުންޏެވެ.
އޭނާ ބުނި ގޮތުގައި އެ ސީރީޒުގައި މިހާތަނަށް އޯޑިއަންސް ތަޖުރިބާ ނުކުރާ ކަހަލަ ވާހަކައެއް ކިޔައި ދޭނެ އެވެ. އެކަމަކު އެކަހަލަ ތަފާތު ޕްރޮޖެކްޓެއްގައި ބައިވެރިވެވި، އޭގެ މަސައްކަތް ފުރިހަމަ ކުރަން ފުރުސަތު ނުލިބުމަކީ ދެރަވާ ކަމެއް ކަމަށް 51 އަހަރުގެ އެކްޓަރު ބުންޏެވެ.
އިރްފާން ބުނި ގޮތުގައި "ގޯމިންޓް" ދޫކޮށްލަން ނިންމީ އޭގެ ޓީމާ ވަރަށް ގިނަ ދުވަހު މަޝްވަރާތައް ކުރުމަށް ފަހު، އޭނާގެ ހާލަތު މި ވަގުތު ހުރި ގޮތުން މަސައްކަތަށް އެނބުރި އަލުން ރުޖޫއަވެވޭނެ ދުވަހެއް ވެސް ނޭނގޭތީ އެވެ. އެކަމަކު އެ ސީރީޒާއި މުޅި ޓީމަށް ކާމިޔާބީ އަށް އެދޭ ކަމަށް ބުންޏެވެ.
އިރްފާންގެ މި ނިންމުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު މިހާރު ތިބީ އޭނާގެ ބަލި ހާލަތާ މެދު ފިކުރު ބޮޑުވެފަ އެވެ. ބައެއް މީޑިއާތަކުން ވަނީ އިރްފާން މަސައްކަތްތަކާ ދުރުވުމަކީ އޭނާގެ ސިއްހީ ހާލަތު މެދު އަދިވެސް ސުވާލުތަކެއް ހުރިކަން ދޭހަކޮށްދޭ ކަމެކެވެ.
މިކަމާ ގުޅިގެން އޭނާގެ ފޭނުން ވެސް ތިބީ ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ.
އިރްފާން "ގޯމިންޓް" ދޫކޮށްލަން ނިންމިކަން އިއުލާން ކުރުމާ އެކު އެމެޒޯން ޕްރައިމް ވީޑިއޯގެ އިންޑިއާ ޑިރެކްޓަރު އެންޑް ކޮންޓެންޓް ހެޑް ވިޖޭ ސުބްރަމާނިއަން ބުނީ އެއީ މުޅި ޓީމަށް ލިބުނު ވަރަށް ހިތާމަވެރި ހަބަރެއް ކަމަށެވެ.
އެކަމަކު އިރްފާން ކަހަލަ މޮޅު އެކްޓަރެއް އެ މީހުންގެ ޕްރޮޖެކްޓެއްގެ ހިއްސާއަކަށްވުމަކީ ލިބުނު ފަހުރަކާއި ޝަރަފެއް ކަމަށް ބުންޏެވެ.
"އަދި އިރްފާނަށް އަވަސް ޝިފާއަކަށް އެދެން،" ވިޖޭގެ ބަޔާނުގައި ބުންޏެވެ.
ކެންސަރުގެ ނާދިރު ވައްތަރެއް ކަމަށްވާ ނިއުރޯއެންޑޮކްރިން ޓިއުމާ (ނެޓްސް) އަށް ލަންޑަނުގައި ފަރުވާ އިރްފާން ހޯދަން ފެށި ފަހުން އޭނާގެ ތިން ފިލްމެއް ވަނީ ސިނަމާ އައިސްފަ އެވެ. އެއީ މިދިޔަ މަހުގެ 3 ގައި ރިލީޒް ކުރި "ކާރްވާން" އާއި އެޕްރީލް 6 ގައި ރިލީޒް ކުރި "ބްލެކްމެއިލް" ގެ އިތުރުން ޖުލައިގައި ރިލީޒް ކުރި ހޮލީވުޑްގެ ފިލްމް "ޕަޒަލް" އެވެ.
އިރްފާން ބަލިވި އިރު، އޭނާ ގެންދިޔައީ ދީޕިކާ ޕަދްކޯންއާ އެކު ކުޅެން ހަމަޖެހިފައި އޮތް، ވިޝާލް ބަރަދްވާޖް ޕްރޮޑިއުސް ކުރާ ފިލްމެއްގެ މަސައްކަތަށް ވެސް ތައްޔާރުވަމުންނެވެ. އެކަމަކު އޭނާގެ ބައްޔާ އެކު އެ ފިލްމް ވަނީ މަޑުޖައްސާލައިފަ އެވެ.