ސާފަށް ތައްޔާރުވުމަށް ކުޅުނު ފުރަތަމަ މެޗުން ގައުމީ ޓީމު މޮޅުވެއްޖެ
ސާފަށް ތައްޔާރުވުމަށް ކުޅުނު ފުރަތަމަ މެޗުން ގައުމީ ޓީމު މޮޅުވެއްޖެ

ސާފް ސުޒުކީ ކަޕަށް ތައްޔާރުވުމަށް ގަތަރުގައި ކޭމްޕްކޮށްފައިވާ ގައުމީ ފުޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ ޕްރެކްޓިސް މެޗުން ގަތަރުގެ ދެ ވަނަ ޑިވިޝަނުގެ އަލް-މަރްޚިޔާ ސްޕޯޓްސް ކްލަބް އަތުން 4-3 އިން ރޭ މޮޅުވެއްޖެ އެވެ.

މި މެޗުގައި ނާއިޒް ހަސަން (ދާދު) ދެ ލަނޑު ޖެހިއިރު އަނެއް ދެ ގޯލް ކާމިޔާބުކުރީ ހަމްޒާ މުހައްމަދު (ހަމްޕު) އާއި މުހައްމަދު އާރިފް (ބަކާ) އެވެ. ކެޕްޓަން އަކްރަމް އަބްދުލްގަނީ މުޅިން ފިޓްނުވާތީ ރޭގެ މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ބަކާ އެވެ.

ރޭގެ މެޗު ރާއްޖޭން ފެށީ 4-2-3-1 ގެ ފޯމޭޝަނަކަށެވެ. ސެންޓްރަލް ޑިފެންސަށް ސަމްދޫހު މުހައްމަދާއި ސަމޫހު އަލީ (ސަމުއްޓެ) ކުޅުނުއިރު ފަޅިން ޑިފެންސް ލައިން ބެލެހެއްޓީ މުހައްމަދު ސާމިރާއި ހުސެއިން ނިހާނެވެ. ޑިފެންސް ކުރިމަތިން މެދަށް ކުޅުނީ ބަކާ އާއި މުހައްމަދު އުމެއިރެވެ. އެޓޭކިން ތިން ކުޅުންތެރިންގެ ތެރެއިން އިބްރާހިމް ވަހީދު ހަސަން (އިއްބެ ވަހީދު) މެދަށް ކުޅުނުއިރު ދެ ފަޅިން ބޭނުންކުރީ ހަމްޕު އާއި އިބްރާހިމް މަހުދީ (ފޭދޫ) އިއްބެ އެވެ. ފޯވާޑަކީ ދާދެވެ.

އެފްއޭއެމުން އަންނަނީ ޕާކިސްތާނާ އެކު އެކުވެރިކަމުގެ މެޗެއް މި މަހު 26 ގައި ގަތަރުގައި ކުޅެން ރާވަމުންނެވެ. އެކަމަކު އަދި ޕާކިސްތާން ޓީމުގެ ދަތުރު މުޅިން ހަމަނުޖެހޭތީ މެޗުގެ ކަންކަން ފައިނަލެއް ނުވެ އެވެ. ކޯޗު ޕީގާ ސެގާޓް ވަނީ މި މެޗުތަކުގައި ވިސްނާނީ ނަތީޖާ އަށް ނޫން ކަމަށާއި ވީހާ ވެސް ގިނަ ކުޅުންތެރިން ޓެސްޓްކުރަން ކަމަށް ބުނެފަ އެވެ.

އަންނަ މަހު 4-15 އަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބާއްވާ ސާފް ސުޒުކީ ކަޕުގައި ވާދަކުރަން ގައުމީ ޓީމު އެ ގައުމަށް ފުރަނީ ރާއްޖެ ނައިސް ސީދާ ދޯހާ އިންނެވެ. ރާއްޖެ ހިމެނެނީ އިންޑިއާ އާއި ސްރީ ލަންކާއާ އެކު ގްރޫޕް ބީ ގަ އެވެ. އަނެއް ގްރޫޕުގައި އޮތީ ޕާކިސްތާނާއި ބަންގްލަދޭޝާއި ނޭޕާލް އަދި ބޫޓާނެވެ.