އެންޒޮންޒީ ރޯމާ އަށް، ބަކަޔޯކޯ މިލާނަށް
އެންޒޮންޒީ ރޯމާ އަށް، ބަކަޔޯކޯ މިލާނަށް

ރޯމް (އޮގަސްޓް 14) – ސެވިއްޔާގެ ފްރާންސް މިޑްފީލްޑަރު ސްޓީވަން އެންޒޮންޒީ އޭއެސް ރޯމާ އަށް އަދި ޗެލްސީގެ ފްރާންސް މިޑްފީލްޑަރު ޓިމެއޯ ބަކަޔަކޯ އޭސީ މިލާނާ ގުޅިއްޖެ އެވެ.

ރޯމާ އިން، ފްރާންސާ އެކު މި އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި އެންޒޮންޒީ ގަތީ 26 މިލިއަން ޔޫރޯ އަށެވެ. އެކަމަކު އޭނާ ދައްކާ ކުޅުމަށް ބަލައި ދޭ ބޯނަސްތަކާ އެކު އަގު 30 މިލިއަން ޔޫރޯ އަށް އަރާނެ އެވެ. ރޯމާގައި އެންޒޮންޒީ އަދާކުރާނީ އެ ޓީމުން އިންޓަ މިލާނަށް ވިއްކާލި ބެލްޖިއަމްގެ ރަޖާ ނައިންގޫލާންގެ ރޯލެވެ.

ޕްރިމިއާ ލީގުގެ ސްޓޯކް ސިޓީގައި ވިދާލި އެންޒޮންޒީ ސެވިއްޔާ އަށް 2015 ވަނަ އަހަރު ގެންދިޔައީ އެ ކްލަބުގެ އޭރުގެ ޑިރެކްޓަރެއް ކަމަށްވާ ރޯމާގެ މިހާރުގެ ޑިރެކްޓާ އޮފް ފުޓްބޯލް މޮންޗީ އެވެ. މި ސީޒަނުގައި އޭނާ ގެންދަން އާސެނަލުން މަސައްކަތްކުރި އެވެ.

މިދިޔަ ސީޒަނުގައި އިޓާލިއަން ލީގުގެ ތިން ވަނަ ހޯދި ރޯމާ އިން ވަނީ އާ ސީޒަނަށް އާޖެންޓީނާގެ ހަވިއޭ ޕަސްތޯރޭ އާއި ނެދަލެންޑްސްގެ ޖަސްޓިން ކްލައިވެޓާއި ސްވިޑަންގެ ގޯލްކީޕަރު ރޮބިން އޮލްސެން ފަދަ ކުޅުންތެރިން ގެނެސްފަ އެވެ. ވިއްކާލި ކުޅުންތެރިންގެ ތެރޭގައި ނައިންގޫލާންގެ އިތުރުން ގޯލްކީޕަރު އެލިސަން ބެކާ ހިމެނެ އެވެ.

މިލާނުން އުމުރުން 23 އަހަރުގެ ބަކަޔޯކޯ ގެނައީ ފަސް މިލިއަން ޔޫރޯގެ ލޯނެއްގެ ދަށުން އެއް ސީޒަނަށެވެ. އެކަމަކު މި ސީޒަން ނިމުމުން 35 މިލިއަން ޔޫރޯ އަށް އޭނާގެ ކޮންޓްރެކްޓް ދާއިމީކުރުމުގެ ފުރުސަތު ލިބެ އެވެ. އޭނާ އަކީ ޗެލްސީން މިދިޔަ ސީޒަނުގައި މޮނާކޯ އިން 44 މިލިއަން ޔޫރޯ އަށް ގަތް ކުޅުންތެރިއެކެވެ. މޮނާކޯގައި ދެއްކި މޮޅު ކުޅުން ޗެލްސީގައި ތަކުރާރެއް ނުކުރެވުނެވެ. އަމުދުން އާ ކޯޗު މައުރީޒިއޯ ސާރީގެ ސްޓައިލަށް އޭނާ ނުފެތޭތީ ބަހައްޓަން ބޭނުންނުވީ އެވެ. އެކަމަކު މިލާނުގެ ކޯޗު ޖެނާރޯ ގަޓޫސޯގެ ބެލުމުގެ ދަށުން ބަކަޔޯކޯ އަށް ކުރީގެ ވަރުގަދަ ކުޅުން އަނބުރާ އިޔާދަކުރެވޭނެ ކަމަށް އެ ކްލަބުން ދެކެ އެވެ.

އެމެރިކާގެ އެލިއޮޓް ގްރޫޕުން ދާދި ފަހުން ހިންގަން ފެށި މިލާނުން ވަނީ އާ ސީޒަނަށް އާޖެންޓީނާ ފޯވާޑް ގޮންޒާލޯ ހިގުއައިން އާއި އިޓަލީ ޑިފެންޑަރު މަޓިއާ ކަލްޑާރާ އާއި ސްޕެއިނުގެ ގޯލްކީޕަރު ޕެޕޭ ރެއިނާ ގެނެސްފަ އެވެ. މީގެ އިތުރުން ސްޕެއިނުގެ ވިންގާ ސަމޫ ކަސްޓިލެއްޔޯ އުރުގުއޭގެ ޑިއެގޯ ލަޒާލްޓް ގުޅޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެ ކްލަބުން ވަނީ ކެޕްޓަން ލިއޮނާޑޯ ބޮނޫޗީ އޭނާގެ އެދުމުގެ މަތިން ކުރީގެ ކްލަބް ޔުވެންޓަސްއަށް ދޫކޮށްފަ އެވެ.