15 އޯގަސްޓް 2018 - 07:10

އިބީޒާ، ސްޕެއިން (އޮގަސްޓް 15) – ނިއުމޯނިއާ ޖެހި ސްޕެއިނުގެ އިބީޒާގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާދެމުން ދިޔަ ބްރެޒިލްގެ ކުރީގެ ފޯވާޑް ރޮނާލްޑޯގެ ހާލު ރަނގަޅުވުމުން އިއްޔެ ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
އޭނާގެ އަމިއްލަ ގެޔެއް ހުންނަ އަދި ވަރަށް ގިނައިން ޗުއްޓީ އަށް ގޮސްއުޅޭ އިބީޒާގައި ހުއްޓާ ހާލު ދެރަވެ ހޮސްޕިޓަލުގައި އެޑްމިޓްކުރީ ހުކުރު ދުވަހު މެންދުރުފަހެވެ. އަދި އޭނާގެ އެދުމުގެ މަތިން ފަހުން ފަރުވާ ދިނީ ޕްރައިވެޓް ކްލިނިކެއްގަ އެވެ.
"ދުވަސްކޮޅެއް ކްލިނިކުގައި ހޭދަކުރުމަށް ފަހު އަހަރެމެން މިހާރު މިހިރީ ގޭގައި. އެންމެންގެ ލޯތްބާއި މެސެޖްތަކަށް ޝުކުރުއަދާކުރަން. އަދި ހާއްސަ ޝުކުރެއް އަދާކުރަން ޑޮކްޓަރުންނާއި ނަރުހުންގެ ޓީމަށް،" ރޮނާލްޑޯ ޓްވީޓްކޮށްފައިވެ އެވެ.
ފުޓްބޯޅަ ކެރިއަރު 2011 ވަނަ އަހަރު ނިންމާލި އުމުރުން 41 އަހަރުގެ ރޮނާލްޑޯ ފަހަކަށް އައިސް ބޮޑަށް ފެންނަނީ އޭނާގެ ކުރީގެ ކްލަބް ރެއާލް މެޑްރިޑާއި ފީފާގެ އެމްބެސެޑަރެއްގެ ރޯލުންނެވެ. ކޯޗިން ނުވަތަ ފުޓްބޯޅައާ ސީދާ ގުޅުން ހުރި މަގާމަކުން އޭނާ ފެނިދާނެ ކަމަށް އަދި ނުބެލެވެ އެވެ.
ރޮނާލްޑޯ ވަނީ ބްރެޒިލާ އެކު 1994 އަދި 2002 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށް ދެ ފަހަރެއް ކޮޕާ އެމެރިކާ ވެސް ދެ ފަހަރު އުފުލާލައިފަ އެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ތިން ފަހަރު އަދި ޔޫރަޕުގެ މޮޅު ކުޅުންތެރިޔާގެ ދެ ފަހަރު ހޯދާފައިވާ ރޮނާލްޑޯ ވަނީ މެޑްރިޑުގެ އިތުރުން ބާސެލޯނާ، އިންޓަ މިލާން އަދި އޭސީ މިލާނަށް ކުޅެފަ އެވެ. ކެރިއަރުގައި ދެ ފަހަރެއްގެ މަތިން ކަކުލަށް ސީރިއަސް އަނިޔާތަކެއްވެ، މުހިއްމު އުމުރެއްގައި ތިން ސީޒަން ގެއްލުނު ނަމަވެސް އޭނާ އަކީ ގިނަ ބަޔަކު ދެކޭ ގޮތުގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފޯވާޑެވެ.