03 އޯގަސްޓް 2016 - 21:29

ރާއްޖޭގެ އިގުތިސާދާއި ކުޑަކުދިން އަދި ތާރީހާ ގުޅޭ ތިން ފޮތެއް އިސްލާމިކް މިނިސްޓްރީން މިއަދު ނެރެފި އެވެ.
ސަލްސާ ރޯޔަލް ރެސްޓޯރެންޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ "އަލްއަންޝިތަތުއްތިޖާރިއްޔާ ފީ ޖުމްހޫރިއްޔަތިލް މާލްދީފް 2015"، "އަލްމާލްދީފް މިއުޒަނަތުލް އިސްލާމް ފިލް މުހީތުލް ހިންދީ" އަދި "ކުޑަކުދިންނާއި އިސްލާމްދީން" ނެރެފަ އެވެ.
"އަލްއަންޝިތަތުއްތިޖާރިއްޔާ ފީ ޖުމްހޫރިއްޔަތިލް މާލްދީފް 2015" އަކީ ވިޔަފާރި އާއި އިގުތިސާދާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން ތައްޔާރުކުރި ފޮތެކެވެ. އަރަބި ބަހަށް މި ފޮތް ތަރުޖަމާ ކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރެވެ.
އެ ފޮތުގައި ރާއްޖޭގެ ކުރީގެ އިގުތިސޯދާއި މިހާރުގެ ހާލަތަށާއި ވިޔަފާރިއާ ގުޅޭ މުހިއްމު މައުލޫމާތުތަކެއް ހުންނާނެ ކަމަށް އެ ފޮތް ނެރެދިނުމަށް ފަހު، ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި އެވެ.
އަލްމާލްދީފް މިއުޒަނަތުލް އިސްލާމް ފިލް މުހީތުލް ހިންދީ ނުވަތަ ރާއްޖެ އާއި އިންޑިޔާ ކަނޑުގައިވާ އިސްލާމީ މުންނާރާ ގުޅޭގޮތުން ލިޔުއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރެވެ. އަރަބި ބަހުން ލިޔުއްވާފައިވާ މި ފޮތުން ރާއްޖޭގެ ތާރީހާއި އާދަކާދަ އާއި އިޖުތިމާއީ އަދި އިގުތިސާދީ ގޮތުން ރާއްޖެ ކުރީގައި އޮތް ހާލަތާއި މިހާރު އޮތް ހާލަތުގެ މައުލޫމާތު ހިމަނާފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
"ކުޑަކުދިންނާއި އިސްލާމްދީން" ފޮތަކީ ކީރިތި ގުރުއާނާބެހޭ މަރުކަޒުގެ ރައީސް އިބްރާހިމް ރަޝީދު މޫސާ ދިވެހި ބަހަށް ތަރުޖަމާކުރައްވާފައިވާ ފޮތެކެވެ. މިއީ ޔުނިސެފްގެ އެދުމުގެ މަތިން، އަލް އަޒްހަރުގެ އިލްމުވެރިންގެ ކޮމެޓީއަކުން އެކުލަވައިލި ދިރާސާއެއްގެ ދިވެހި ތަރުޖަމާ އެވެ.
މިި ފޮތުގައި ކީރިތި ގުރުއާނާ ސުންނަތުގައި ކުޑަކުދިންނަށް ދީފައިވާ އިނާޔަތާ އިހުތިމާމް އަދި އިސްލާމް ދީނުގައި ކުޑަކުދިންގެ މަގާމާއި ހައްގުތަކުގެ މައްޗަށް އަލިއަޅާވާލާފައިވެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު ނާޒިމާއި ސައުދީން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރު މުތްރިކް އަބްދުﷲ އައްދައުސްރީ އަދި އިސްލާމިކް މިނިސްޓްރީގެ އިސްބޭފުޅުން ބައިވެރިވަޑައިގެންނެވި އެވެ.