ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންތައްތައް އަމާންކަމާއެކު ކުރިއަށްގެންދަން ނަވާޒު އެދިވަޑައިގެންފި
ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންތައްތައް އަމާންކަމާއެކު ކުރިއަށްގެންދަން ނަވާޒު އެދިވަޑައިގެންފި

އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންތައްތައް ވީހާ ވެސް އަމާންކަމާއެކު ކުރިއަށް ގެންދިއުމަށް އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒު މިއަދު އެދިވަޑައިގެންފި އެވެ.

ސްޕެޝަލިސްޓް އޮޕަރޭޝަން (އެސްއޯ) ގެ ފުލުހުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ނަވާޒު ވަނީ އިންތިޚާބާ ގުޅޭ ސަލާމަތީ ކަންތައްތައް ވީހާ ވެސް އޮމާންކަމާއެކު ކުރިއަށް ގެންގޮސް، އިންތިޚާބުގެ ހުރިހާ ކަމެއް އަމާންކަމާއެކު ނިންމާލުމަށް ހުރިހާ ފުލުހުން މަސައްކަތް ކުރަން އެދިވަޑައިގެންފަ އެވެ.

އިސްކަންދަރުކޮށީގައި ބޭއްވެވި އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނަވާޒު ވިދާޅުވީ މަސައްކަތްތަކުގައި އަބަދު ވެސް ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ގާނޫނީ ޒިންމާ ފުރިހަމަ ގޮތުގައި އަދާކޮށް، ހިދުމަތްތަކަށް ހުއްޓުމެއް އައުމުގެ ފުރުސަތު ނުދީ ކުރިއަށް ދާން ޖެހޭނެ ކަން ފާހަގަކުރެއްވި އެވެ.

އެ ބައްދަލުވުމުގައި، އަންނަ މަހުގެ 23ގައި ބާއްވާ އިންތިޚާބުގެ ސަލާމަތީ އޮޕަރޭޝަންގެ ކޮމާންޑަރު، އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު ހަމްދޫން ރަޝީދާއި އެސްއޯ ފުލުހުންގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އިންތިޚާބަށް ކުޑަތަން ވެފައިވާއިރު ފުލުހުން މިހާރު އަންނަނީ ވޯޓު ލާ ދުވަހަށް ތައްޔާރުވުމަށް ތަފާތު ޓްރެއިނިންތައް ހަދަމުންނެވެ.