03 އޯގަސްޓް 2016 - 18:38

އެމްޑީޕީގެ ޕާލަމެންޓް ގްރޫޕުގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އިދިކޮޅު އިއްތިހާދުގެ ހިޔަނި ފޮރިން މިނިސްޓަރު މުހައްމަދު ނަސީމް (ކެރަފާ ނަސީމް) ވެސް ފުލުސް އޮފީހަށް ހާޒިރުކުރަން ނިންމައިފި އެވެ.
ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މިރޭ 9:30 އަށް ޝަހީދު ހުސެއިން އާދަމް ބިލްޑިންގަށް ހާޒިރުވާން އިބޫއަށް އެންގީ، ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި، ބަލަމުންދާ މައްސަލައެއްގެ ހެކިބަސް ނެގުމަށެވެ.
ނަސީމް ހާޒިރުކުރުވަނީ ކޮން އިރަކުކަމެއް އަދި ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި ސާފެއް ނުވެ އެވެ. އޭނާ މާލޭގައި ނޫޅުއްވާތީ ފުލުހުން ފޮނުވި ޗިޓާ އަދި ހަވާލެއް ނުވެ އެވެ. ނަސީމް ދިރިއުޅުއްވަނީ ލަންކާގަ އެވެ.
ފުލުހުންނާ ގުޅޭ ޓްވީޓެއް ކޮށްގެން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވެސް ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގާފައިވެ އެވެ. އަދި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން އުފައްދާފައިވާ އިއްތިހާދު، މޯލްޑިވްސް ޔުނައިޓެޑް އޮފޮޒިޝަންގައި ހިމެނިވަޑައިގަންނަވާ ތިން ބޭފުޅަކާއި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. މުހައްމަދު އިޔާޒު އަބްދުލް ލަތީފު ވެސް ފުލުސް އޮފީހަށް ހާޒިރުކޮށްފައިވެ އެވެ. މީގެ އިތުރުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވެސް ރޭ ފުލުސް އޮފީހަށް ހާޒިރުކުރި އެވެ.