އިންޑިއާ ފައިސާ ޗައިނާގެ ކުންފުންޏަކުން ޗާޕްކުރާ ވާހަކަ ދޮގުކޮށްފި
އިންޑިއާ ފައިސާ ޗައިނާގެ ކުންފުންޏަކުން ޗާޕްކުރާ ވާހަކަ ދޮގުކޮށްފި

ނިއު ދިއްލީ (އޮގަސްޓް 14) - އިންޑިއާ ފައިސާ ޗާޕް ކުރަން ޗައިނާގެ ކުންފުންޏަކަށް ހަވާލުކުރި ވާހަކަ ނިއު ދިއްލީން ދޮގުކޮށްފި އެވެ.

ސައުތު ޗައިނާ މޯނިން ޕޯސްޓުން ބުނެފައި ވަނީ އިންޑިއާ ފައިސާ ޗާޕް ކުރުމުގެ ކޮންޓްރެކްޓް ޗައިނާގެ ކުންފުންޏަކަށް ދީފައިވާ ކަމަށެވެ. މި ޚަބަރު ވަނީ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ޝެއާކޮށްފަ އެވެ. އަދި އިންޑިއާގެ އެތައް ބަޔަކު ވަނީ އެކަމާ ނުރުހުން ފާޅު ކުރަން ފަށައިފަ އެވެ. އެއީ ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ވެސް އެތައް ބަޔަކު ދަނީ ބުނަމުންނެވެ.

"އިންޑިއާ ފައިސާ ޗާޕް ކުރަން ޗައިނާގެ ކުންފުންޏަކަށް ދިން ކަމަށް ބުނާ ވާހަކައިގެ އެއްވެސް އަސްލެއް ނެތް. އިންޑިއާ ފައިސާ ޗާޕް ކުރާނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ އިންޑިއާ ސަރުކާރުގެ ޗާޕްޚާނާތަކުގައި،" އިންޑިއާގެ އިކޮނޮމިކް އެފެއާޒް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ސައުތު ޗައިނާ މޯނިން ޕޯސްޓުން ބުނެފައި ވަނީ ޗައިނާ ބޭންކްނޯޓް ޕްރިންޓިން އެންޑް މިންޓިން ކޯޕަރޭޝަނަށް ވަނީ އިންޑިއާގެ އިތުރުން އެހެން ބައެއް ގައުމުތަކުގެ ފައިސާ ވެސް ޗާޕް ކުރުމުގެ ކޮންޓްރެކްޓް ލިބިފައި ކަމަށެވެ. އޭގެ ތެރޭގައި ތައިލެންޑް، ބަންގްލަދޭޝް، ސްރީ ލަންކާ، މެލޭޝިއާ، ބްރެޒިލް އަދި ޕޮލެންޑް ހިމެނޭ ކަމަށް ބުނެފައިވެ އެވެ.