14 އޯގަސްޓް 2018 - 15:59

އަންކަރާ (އޮގަސްޓް 14) - އެމެރިކާގައި އުފައްދާ ހުރިހާ އިލެކްޓްރޯނިކްސް މުދަލެއް ތުރުކީން ބޮއިކޮޓް ކުރާނެ ކަމަށް ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.
ތުރުކީގައި އުފައްދާ އެލްމުނިއަމް އާއި ސްޓީމުން ދެ ގުނަ ބޮޑުކޮށް ޓެކްސް ނަގަން ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާ ގުޅިގެން އުރުދުޣާން ވިދާޅުވީ އެމެރިކާގައި އުފައްދާ އައިފޯނުގެ ބަދަލުގައި ތުރުކީން ދެން ގަންނާނީ ކޮރެއާގެ ސެމްސަން ނުވަތަ ތުރުކީގެ ވެސްޓެލްގެ އުފެއްދުންތައް ކަމަށެވެ.
"އެމެރިކާގައި އައިފޯން ހުރި ކަމަށް ވަންޏާ އެހެން ގައުމެއްގައި ސެމްސަން ފޯނު އެބަހުރި. މި ގައުމުގައި ވެސްޓެލް އެބަހުރި،" އުރުދުޣާން ވިދާޅުވި އެވެ.
ތުރުކީގެ ރައީސް ވިދާޅުވީ އެމެރިކާ އިން ވަނީ ތުރުކީއާ ދެކޮޅަށް އިގްތިސާދީ ހަނގުރާމައެއް ފަށާފައި ކަމަށެވެ. ތުރުކީގެ އިގްތިސާދަށް ކުރިމަތިވަމުންދާ މައްސަލަތަކާ ގުޅިގެން އެ ގައުމުގެ ފައިސާގެ އަގު ވަނީ ވަރަށް ބޮޑަށް ދަށަށް ދާން ފަށައިފަ އެވެ.
އެމެރިކާ އިން އަޅަމުންދާ ފިޔަވަޅުތައް ސިފަކުރައްވާ އުރުދުޣާން ވިދާޅުވީ އެއީ "ފަހަތުން އައިސް ޖެހި އެތިފަހަރެއް" ކަމަށެވެ.