ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު މީޑިއާ ކައުންސިލުން ހުޅުވާލައިފި
ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު މީޑިއާ ކައުންސިލުން ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދެމުން އަންނަ ނޫސްވެރިކަމުގެ މި އަހަރުގެ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ނޫސްވެރިންގެ މަސައްކަތް ކުރިއަރުވައި ހިތްވަރު ދިނުމުގެ މަގުސަދުގައި ދެމުން އަންނަ އެވޯޑަށް، އަށް ދާއިރާއަކުން އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ ކަމަށެވެ.

1) އިޖުތިމާއީ ދާއިރާ

2) ސިޔާސީ ދާއިރާ

3) ޝަރުއީ އަދި ގާނޫނީ ދާއިރާ

4) ވިޔަފާރި އާއި އިގްތިސޯދުގެ ދާއިރާ

5) ކުޅިވަރުގެ ދާއިރާ

6) ފޮޓޯ ޖާނަލިޒަމްގެ ދާއިރާ

7) ވީޑިއޯ ޖާނަލިޒަމްގެ ދާއިރާ

8) ފީޗާ ލިޔުމުގެ ދާއިރާ

އެ ދާއިރާތަކުގެ އިތުރުން ޚާއްސަ އިނާމުގެ ގޮތުގައި އިތުރު ދެ އެވޯޑެއް ދޭނެ އެވެ. އެއީ އެންމެ އުއްމީދީ ނޫސްވެރިޔާ އަދި ލައިފްޓައިމް އެޗީވްމަންޓް އެވޯޑެވެ. ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ދޭނެ ބޭފުޅެއް ކަނޑައަޅާނީ މީޑިއާ ކައުންސިލުންނެވެ.

އެ ދާއިރާތަކުގެ ތެރެއިން ފީޗާ ލިޔުމުގެ ކެޓަަގަރީ އަށް ވެސް ބަދަލުތަކެއް ގެނެސްފައި ވެ އެވެ. މިދިޔަ އަހަރު އަލަށް ހޮވަން ފެށި އެ ކެޓަގަރީން އެވޯޑު ދީފައި ވަނީ އެންމެ މޮޅު ފީޗާ ލިޔުމަށެވެ. ނަމަވެސް މި އަހަރު ހޮވާނީ އެންމެ މޮޅު ފީޗާ ލިޔުންތެރިއާ އެވެ.

ނޫސްވެރިންނަށް އެވޯޑު ދޭން ފެށިތާ ހަތަރު އަހަރު ވެފައިވާއިރު، އެކި ދާއިރާތަކުން މިދިޔަ އަހަރު އެވޯޑު ލިބުނު ނޫސްވެރިންނަށް ފައިސާގެ އިނާމުގެ ގޮތުގައި 15،000ރ. އާ އެކު އިތުރު އިނާމުތައް ދީފައި ވެ އެވެ.

މީޑިއާ ކައުންސިލުން ބުނީ ފޮޓޯ ޖާނަލިޒަމްގެ ދާއިރާ އަށް މަދުވެގެން 10 ފޮޓޯ ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ވީޑިއޯ ޖާނަލިޒަމްގެ ދާއިރާ އިން ހަތް ވީޑިއޯ ހުށަހަޅަން ޖެހެ އެވެ. ފީޗާ ލިއުމުގެ ދާއިރާ އިން ފަސް އާޓިކަލް ހުށަހަޅަން ޖެހޭއިރު ދެން ހުރި ދާއިރާތަކުން ހުށަހަޅަން ޖެހޭނީ ހަތް އާޓިކަލެވެ.

އެ ކައުންސިލުން އާއްމުކުރި އުސޫލުގައިވާ ގޮތުން އިނާމަށް ނަން ހުށަހަޅާ ނޫސްވެރިންނަކީ މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން އެ އަހަރުގެ ޑިސެމްބަރު 31 އާ ހަމައަށް މަދުވެގެން ނުވަ މަސް ވަންދެން މީޑިއާގައި މަސައްކަތް ކޮށްފައިވާ މީހުންނަށް ވާން ޖެހެ އެވެ.