15 އޯގަސްޓް 2018 - 15:10

އީދު ބަންދާ ދިމާކޮށް، ކަނޑުމަގުން ދަތުރުކުރާ އުޅަނދުތަކުގައި ސަލާމަތީ ކަންކަން ފުރިހަމަކޮށްފައި ހުރޭތޯ ބެލުމަށް ކޯސްޓް ގާޑުން އޮޕަރޭޝަނެއް ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ ސަލާމަތީ ސެޓްފިކެޓުގައި ބުނާ ކަންކަން އުޅަނދުތަކުގައި ފުރިހަމަ ވޭތޯ ކޯސްޓް ގާޑުން ބަލާނެ އެވެ. އެގޮތުން، މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުތަކުގެ ކެޕްޓަނުންގެ ލައިސެންސް އޮތްތޯ ވެސް ބަލާނެ އެވެ.
ކޮންމެ އަހަރަކު ވެސް އަޟްހާ އީދާ ދިމާކޮށް މި އޮޕަރޭޝަންތައް ހިންގަނީ، މިއީ ވަރަށް ގިނަ ބަޔަކު ކަނޑުމަގުން ދަތުރުކުރާ ދުވަސްވަރަކަށް ވާތީ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މާލެ ބަނދަރު ސަރަހައްދުން ފުރި ބައެއް އުޅަނދުތަކާއި މާލޭ ބަނދަރަށް ވަން ބައެއް އުޅަނދުތައް އިއްޔެ ވަނީ ޗެކްކޮށްފަ އެވެ. އަދި އަތޮޅުތަކާއި ރަށްރަށުގައި ވެސް މި އޮޕަރޭޝަން ކުރިއަށް ދާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރުން އިއްޔެ ވަނީ އަންނަ ހޮނިހިރު ދުވަހާ ހަމަ އަށް މުޅި ރާއްޖެ އަށް ވިއްސާރަވެ، މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށްފަ އެވެ. ހުޅަނގު މޫސުމުގެ ވިއްސާރައާ އެކު ކަނޑު ގަދަވާނެތީ، ދަތުރު ކުރުމުގައި ސަމާލު ވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.