ކުރު ރާސްތާ އާ މިސައިލެއް އީރާނުން ދައްކާލައިފި
ކުރު ރާސްތާ އާ މިސައިލެއް އީރާނުން ދައްކާލައިފި

ތެހެރާން (އޮގަސްޓް 14) - އާ ޖީލުގެ ކުރު ރާސްތާ މިސައިލެއް އީރާނުން ދައްކާލައިފި އެވެ.

އީރާނުގެ މީޑިއާތަކުން ބުނީ މިސައިލް ގާބިލްކަން އުފައްދަން އަދިވެސް އިތުރަށް މަސައްކަތް ކުރާނެ ކަމަށެވެ. އީރާނުން އާ މިސައިލެއް ދައްކާލާފައި މި ވަނީ އެމެރިކާއާ އެކު މަޝްރަހު ހޫނުވެފައިވާ ދުވަސްވަރެއްގަ އެވެ.

ރަސްމީ ބްރޯޑްކާސްޓާ އައިއާރުއައިބީ އިން ބުނީ ފާތިހް މުބީން މިސައިލް ވަނީ ކާމިޔާބު ކަމާ އެކު ޓެސްޓްކޮށްފައި ކަމަށާއި އެއީ އެއްގަމާއި ކަނޑުގެ އަމާޒުތަކަށް ވެސް ހަމަލާ ދެވޭ ވަރުގެ ގާބިލްކަން ލިބިގެންވާ މިސައިލެއް ކަމަށެވެ.

"އީރާނުގެ ރައްޔިތުންނަށް ވައުދުވެފައިވާ ފަދައިން މިސައިލް ޓެކްނޮލޮޖީގެ ގާބިލްކަން ހޯދުމުގައި އެންމެ ތަންކޮޅެއް ވެސް ފަހަތަށް ނުޖެހޭނަން،" ދިފާއީ ވަޒީރު އާމިރު ހާތަމީ ވިދާޅުވި އެވެ.

އާ މިސައިލް ދަތުރުކުރާ ދުރުމިން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އީރާނުން ކުރިން ދައްކާލި މި ބާވަތުގެ މިސައިލްތައް 200-300 ކިލޯ މީޓަރަށް ދަތުރު ކުރެ އެވެ.

އެމެރިކާގެ އޮފިޝަލުން ބުނެފައި ވަނީ އީރާނުން ދާދި ފަހުން ހޮރްމޫޒް ކަނޑުއޮޅީގައި ބޭއްވި އަސްކަރީ ތަމްރީނުތަކުގައި ވަނީ ފާތިހް-110 މިސައިލް ޓެސްޓްކޮށްފައި ކަމަށެވެ. އެމެރިކާގެ ޖެނެރަލުން ބުނެފައި ވަނީ އެއީ އެ ގައުމަށް މެސެޖެއް ދޭން ބޭއްވި ތަމްރީނުތަކެއް ކަމަށެވެ.