މިއަހަރުގެ "ޓްވިޓްސަލް"ގެ ސްޕޮންސަރުންނާ އެކު ސޮއިކޮށްފި
މިއަހަރުގެ "ޓްވިޓްސަލް"ގެ ސްޕޮންސަރުންނާ އެކު ސޮއިކޮށްފި

ޓްވިޓާ ބޭނުން ކުރާ ދިވެހިންގެ މެދުގައި ބާއްވާ ފުޓްސަލް މުބާރާތް "ޓްވިޓްސަލް" ގެ މިއަހަރުގެ މުބާރާތުގެ ސްޕޮންސަރުންނާއި ޕާޓްނަރުންނާ އެކު ސޮއި ކޮށްފި އެވެ.

މިއީ ޓްވިޓާ ބޭނުންކުރާ ދިވެހިން އެކުވެރި މާހައުލަކުން ބައްދަލުވެ، ކުޅިވަރުގެ ތެރެއިން އިޖްތިމާއީ ގުޅުން ރަނގަޅު ކުރުމަށް 2009 އިން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މުބާރާތެކެވެ.

މިއަހަރުގެ މުބާރާތުގެ ޕާޓްނަރުންނާއި ސްޕޮންސަރުންގެ ގޮތުގައި ހަމަޖައްސާފައިވާ 16 ފަރާތަކާ އެކު، މުބާރާތް އިންތިޒާމްކުރާ އެމްވީ ޓްވިސްޓަލް އިން މިދިޔަ ހޯމަދުވަހު ވަނީ ސޮއި ކޮށްފަ އެވެ.

އެގޮތުން، މުުބާރާތުގެ މެއިން ސްޕޮންސަރުގެ ގޮތުގައި ހަމަޖައްސާފައި ވަނީ ހަސަން މެރިން އިންޖިނިއަރިން އެވެ. އަދި މި މުބާރާތުގައި ބައިވެރިވާ ޓީމުތައް ސްޕޮންސާ ކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ކްރެކަން އެޑްވެންޗާސް، ގޯލްޑްފާމް، ހަނީ ކޯނާ، ޗޮޕާޓް، ހުކާ މޯލްޑިވްސް، ޔޫފޮރިކް ރީޓެއިލް، އަޒުރް، ބިސްކޮލާޓާ، މޫޝާން، ކުރަހާ ރާއްޕެ އަދި ޓޫ ޓޯންސް ހިމެނެ އެވެ.

މުބާރާތުގެ ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައި ވަނީ ބީއެޗްއެމް، ސޮނީ ސްޕޯޓްސް، ގޮރިއްލާ އަދި އެފްއެސް ކޭކެސް އެވެ.

އެމްވީ ޓްވިޓްސަލްއިން ބުނި ގޮތުގައި މި މުބާރާތުގައި 1،500 ޓްވީޓް ކޮށްފައިވާ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ އެވެ. މިމަހުގެ 26 ވަނަ ދުވަހު އެފްއޭއެމް ޓާފް ދަނޑުގައި ބާއްވާ މި މުބާރާތުގައި އަށް ފިރިހެން ޓީމާއި ތިން އަންހެން ޓީމް ވާދަ ކުރަން ހަމަޖެހިފައިވާ ކަމަށް ވެސް އެތަނުން ބުންޏެވެ.