14 އޯގަސްޓް 2018 - 14:23

ދުނިޔޭގެ އެންމެ ބޮޑު ކޮންޓެއިނާ ޝިޕިންގް ކުންފުނި މާސްކް ލައިނުން ރާއްޖޭގައި އަލުން އޮޕަރެޝަންތައް ފަށައިފި އެވެ.
މާސްކް ލައިނުން ވަނީ ކޮންމެ ހަފުތާއަކު ރާއްޖެ އާއި ކޮލަމްބޯއާ ދެމެދު ދަތުރުތައް ބޭއްވުމަށް ނިންމައިފަ އެވެ. އެ ކުންފުނިން ވަނީ 18-26 ދުވަހުގެ ތެރޭގައި މުދާ ޓްރާންސިޓް ކުރުމުގެ ޔަގީންކަން ދީފަ އެވެ.
"ރާއްޖޭގައި ފުޅާވަމުން އަންނަ ފަތުރުވެރިކަމުގެ މާކެޓުގެ ސަބަބުން ދުނިޔޭގެ އެހެނިހެން ވިޔަފާރިތަކަށް ދޮރު ހުޅުވިގެންދާނެ. ރާއްޖޭން ކުރާ ވިޔަފާރީގެ ގާތްގަނޑކަށް 90 ޕަސެންޓަކީ އިންޑިއާ، ލަންކާ އަދި ޗައިނާއިން އެތެރެ ކުރާ މުދާ. އެހެންވެ، ކޮންމެ ހަފުތާއަކު ރާއްޖެއާއި ލަންކާއާ ދެމެދު ކުރެވޭ ދަތުރުތަކުގެ ސަބަބުން މި ސަރަހައްދުގައި ވިޔަފާރީގެ މުއާމަލާތްތައް އިތުރަށް ހަރުދަނާ ވެގެން ދާނެ ކަމަށް ގަބޫލުކުރެވޭ،" މާސްކް ލައިންގެ މި ސަރަހައްދުގެ މެނޭޖިން ޑައިރެކްޓާ ސްޓީވް ފެލްޑާއާ ހަވާލާދީ ބޭރުގެ ބައެއް ނޫސްތަކުން ބުންޏެވެ.
މާސްކް ލައިނަކީ އިންޑިއާ، ލަންކާ އަދި ޗައިނާގެ ޓްރޭޑް ލޭންތަކުގައި ދަތުރުކުރުމުގެ އެންމެ ތަޖުރިބާ އެއް ކުންފުންޏެވެ. އެ ކުންފުނިން މިހާރު އަންނަނީ އެޑްވާންސްޑް ރިމޯޓް ކޮންޓެއިނާ މެނެޖްމެންޓް ފަދަ، މުދާ އުފުލުގެ އައު ޓެކްނޮލޮޖީތައް ވެސް ބޭނުން ކުރަމުންނެވެ.
މާސްކް ލައިނަކީ 1928 ވަނަ އަހަރު ޑެންމާކުގައި އުފެދުނު ކުންފުންޏެކެވެ. އެ ކުންފުނީގެ 374 އޮފީހެއް 116 ގައުމެއްގައި ހުރެ އެވެ. އަދި އެ ކުންފުނިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 786 އުޅަނދެއް އޮޕަރޭޓްކުރެ އެވެ.