މިއީ ޒަމާނީ، ސްމާޓް ފޮއްޓެއް
މިއީ ޒަމާނީ، ސްމާޓް ފޮއްޓެއް

ކިތަންމެ ދިގު ދަތުރަކަސް ކުރު ދަތުރަކަސް ހިފައިގެންދާ ފޮށީގެ ސަލާމަތާ މެދު މިހާރު ކަންބޮޑުވާ މީހުން ގިނައެވެ. ސަލާމަތީ ގޮތުން އެއާޕޯޓުތައް ކިތަންމެ ވަރުގަދަކޮށްފައި ހުއްޓަސް، ފަސިންޖަރުންގެ ފޮށިތަންމައްޗާ މެދު ވިސްނާނީ ފަސިންޖަރުންނެވެ. އެހެން ބަޔަކު އެކަމާމެދު ވިސްނާކަށް ބޭނުމެއްނުވާނެއެވެ. ދަތުރުވެރިން އެހާ ވެސް ގިނައެވެ. ބާޒާރުގައި މިހާރުވެސް އެކި ފާޑުފާޑަށް ބަންދުކުރެވޭ ފޮށި އެބަހުއްޓެވެ. އެކަމަކު ސްމާޓްފޮށިތައް މަދެވެ. ލުމްޒަގް މަރުކާގެ ފޮށިތަކަކީ ސްމާޓްފޮށީގެ ދުނިޔެއަށް އުފަންވި އިންގިލާބީ ފޮށްޓެކެވެ.

ލުމްޒަގް ފޮށި ފަރުމާކޮށްފައިވަނީ ޒަމާނީ މުހިއްމު 7 ސިފައެއް ހިމަނައިގެންނެވެ. ފޮށި ގެއްލިގެން ކަންބޮޑުވުމާއި، ފޮށީގައި ހުރި ތަކެއްޗާ މެދު ހާސްވުމާއި، ފޮށްޓަށް އަޅަންވާ ސާމާނު ހަމައަށް އެޅުނުތޯ ބެލުމާއި، ފޮށްޓަށް ލާފަ އޮތް ޓެބްލެޓްގެ ޗާޖުދިޔުމާއި މިފަދަ ކަންކަމަކީ މީގެ ފޮށި ގެންގުޅޭ މީހަކަށް މާ ބޮޑު ކަމެއް ނޫނެވެ. އެއީ އެކަންކަމާމެދު ވިސްނާނީ ހަމައެކަނި ފޮށީގެ ވެރިފަރާތެއް ނޫނެވެ. ސީދާ ފޮށި ވެސް އެ ޒިންމާ ނަގައެވެ.

މި ފޮށި ފަރުމާކޮށްފައިވަނީ ދަތުރުމަތީގައި ޑިވައިސްތައް ޗާޖުކުރެވޭ ގޮތަށެވެ. އަނދިރީގައި ފޮށި ހުޅުވައިގެން އުޅެންޖެހިއްޖެނަމަ ފޮށި ތެރޭގައި ދިއްލާނެ ބޮތްކެއް ހުރެއެވެ. ފޮށްޓަށް ލީ އެއްޗިއްސާއި އޭގެ ތެރޭން އެއްޗެއް މަދުވާ ނަމަ އަންގައިދޭނެ ނިޒާމް ވަނީ ހަމަޖެހިފައެވެ. ފޮށީގެ ފަހަތުގައި ހުންނަ ކެމެރާއަކުން ފަހަތުގައި ވަނީ ކޮންކޮން ކަންކަމެއްކަން ވަގުތުން އަންގައިދޭނެއެވެ. މީހަކު ފޮށި ހުޅުވަން އުޅޭނަމަ އެލާމަކުން ފޮށީގެ ވެރިޔާއަށް އިންޒާރުގެ މެސެޖު އަންނާނެއެވެ. އަދި ކަނޑައެޅިފައިވާ ދުރިމިނަށްވުރެ ފޮށި ތިމާއާ ދުރަށް ހިނގައްޖެނަމަ އެކަމަށްވެސް އެލާމެއް އަޅާނެއެވެ. ފޮށި އޮތީ ކިހާ ހިސާބެއްގައި ކަން ވަގުތުން ވަގުތަށް ބަލައިލެވޭނެއެވެ. އިންޓަރނެޓް ކަނެކްޝަނެއް ނެތް ހިސާބެއްގައިވެސް ވައިފައި އިން ގުޅޭނެ މަގު މި ފޮށީގެ ތެރޭން ތަނަވަސްކޮށްދެއެވެ.

ލުމްޒަގް ފޮށީގެ ތިން ބާވަތެއް ވިއްކަން ހުރެއެވެ. އެއީ ބުރަކަށީގައި އަޅުވާ ދަބަހާއި، ހުރަހަށް އަޅުވާ ދަބަހާއި ލަގޭޖްގެ ގޮތުގައި ބޭނުންކުރާ ފޮށްޓެވެ. މިއިން ކޮންމެ ބާވަތެއްގައިވެސް އިސްވެ ބަޔާންކުރި ހުރިހާ ސިފަތަކެއް ހުރެއެވެ. މި ފޮށިތައް މިވަގުތު ވިއްކަން ހުރީ ތިން ކުލައަކުންނެވެ.