18 އޯގަސްޓް 2018 - 08:45

ފަތަން ނޭނގޭ މީހުން ކަނޑުއަޑީގެ ރީތިކަމުން ހިތް އުފާކުރަން ބޭނުން ނަމަ ކޮންމެވެސް ވަސީލަތެއްގެ ބޭނުންހިފަން ޖެހިދާނެއެވެ. ޓްރައިޑެންޓް ސްކޫޓާއަކީ މިފަދަ މީހުންނަށް ކަމުދާނެ އެއްޗަކަށް ވެދާނެއެވެ.

ޓްރައިޑެންޓް އަންޑަވޯޓަ ސްކޫޓާ އަކީ ކަނޑުއަޑީގައި ދުއްވަން ފަރުމާކޮށްފައިވާ އުފެއްދުމެކެވެ. ހަމައެކަނި ހިފާ އަތްގަނޑަކާ ދެ ބުރަފައްޗާއެކު އުފައްދާފައިވާ މި ސްކޫޓާއަކީ ފީނާ މީހުން، ކަނޑުއަޑީގެ 50 މީޓަރު އަޑިއަށް ފޯރުކޮށްދިނުމުގައި އެހީތެރިވެދޭނެ އުޅަނދެކެވެ. މީގައި އިނގިއްޔަކުން ފިތާލާ ފިތަކުން ބޭނުން ދުވެއްޔެއް އިޚްތިޔާރުކުރެވޭނެއެވެ. އެއީ ގަޑިއަކު 3.6 ކިލޯމީޓަރާއި ގަޑިއަކު 7 ކިލޯމީޓަރުގެ ދުވެއްޔެވެ. މި ދެ ދުވެލިން ކުރެ ދުވެއްޔެއް އިޚްތިޔާރުކުރުމަށް ފަހު ގަޑިއެއްހާއިރު ދުއްވާލެވޭނެއެވެ.
މި ސްކޫޓާގައި އަޅުވާފައިވަނީ 26 ވޯލްޓު، 6000އެ މްއޭއެޗު ލިދިއަމް ބެޓެރީއެކެވެ. މި ބެޓެރީ ފުރިހަމައަށް ޗާޖުކުރަން ހޭދަވާނީ ދޮޅުގަޑިއިރެވެ. ދުއްވަމުންދާއިރު ބެޓެރީ ބާރުދަށްވާ ނަމަ އެކަން އަންގައިދޭން ކުޑަ ބޮތްކެއް ނިވިދިއްލޭނެއެވެ. ދުއްވަމުން ފޮޓޯ ނަގަން ފަސޭހަކޮށްދިނުމަށްޓަކައި ގޯޕްރޯ އަޅުވާނެ ޖާގަ ވެސް މި ސްކޫޓާގައި ހުރެއެވެ. މީގެ ބަރުދަނުގައި ހުންނަނީ 3.5 ކިލޯގްރާމެވެ. ސަލާމަތީ މުހިއްމު ސިފަތަކެއް ވެސް މި ޓްރައިޑެންޓް ސްކޫޓާގައި ހިމެނެއެވެ. އެންމެ ފާހަގަކުރެވޭ ކަމަކީ ކުޑަކުދިންނަށް މީގެ ދުވެލި ބާރުކޮށް މަޑުކޮށް ނުހެދޭނެހެން ތަޅުލެވޭކަމެވެ. މިއަހަރުގެ ޑިސެމްބަރ މަހު ބާޒާރަށް ނެރެން މަސައްކަތްކުރަމުންދާ މި އުފެއްދުން އާންމުކޮށް ވިއްކަން ހަމަޖެހިފައިވަނީ 699 ޑޮލަރަށެވެ.