ހޮނިހިރާ ހަމަ އަށް މުޅި ރާއްޖެ އަށް ވިއްސާރަވާނެ: މެޓް
ހޮނިހިރާ ހަމަ އަށް މުޅި ރާއްޖެ އަށް ވިއްސާރަވާނެ: މެޓް

އަންނަ ހޮނިހިރު ދުވަހާ ހަމަ އަށް ވެސް މުޅި ރާއްޖެ އަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދު ބުނެފި އެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް)ގެ އޮފިޝަލަކު ވިދާޅުވީ މިހާރު ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ. އެހެންކަމުން ކޮޅިގަނޑުގެ ތެރޭގައި ވައިގަދަވެ، ކަނޑު ގަދަވުމާއެކު މި ހަފުތާ އެއްކޮށް ރާއްޖެ އަށް ވިއްސާރަކުރާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އާ ހަމައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މ. މުއްޔަށެވެ. އެއީ ގަޑިއަކު 65 މިލިލީޓަރުގެ ވާރޭ އެވެ.

ވައިޖެހޭނެ ކަމަށް މެޓުން ލަފާކުރަނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 13-23 މޭލަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.

ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރާއްޖޭގެ ދެކުނުގެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

ކުރިއަށް މި އޮތީ އީދު ބަންދެވެ. އެހެންވެ ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެ އެވެ.