ގޭތެރޭގެ މަސައްކަތުގަ އާއި އެކުވެރިޔެއްގެ ގޮތުން ގޭގައި ރޮބޮޓެއް ގެންގުޅުމުގެ ތަސައްވުރަކީ 21 ވަނަ ގަރުނު އައުމުގެ މާ ކުރީން މި ގަރުނާމެދު މީހުން ދެކެމުން އައި ތަސައްވުރެކެވެ. އިންސާނުންގެ ދިރިއުޅުމުގެ ފަސޭހައަކަށް ރޮބޮޓު އުފައްދައި، އެ ބޭނުންކުރުމަކީ އޭރު ޚިޔާލީފޮލާއެކެވެ.

މިއަދު އަޅުގަނޑުމެން މިތިބީ އެ ތަސައްވުރުގެ ކޮޅުމަތީގައެވެ. އަންކީ ކިޔާ ކުންފުންޏަކުން މިހާރު އަންނަނީ ގޭގައި ގެންގުޅޭނެ ކުދި ރޮބޮޓު އުފެއްދުމުގެ މަސައްކަތްކުރަމުންނެވެ. މި ރޮބޮޓުގެ ނަމަކީ ވެކްޓާއެވެ.

ވެކްޓާ ފަރުމާކޮށްފައިވަނީ މޭޒުމަތީ ބަހައްޓާލެވޭހާ ކުޑަކޮށެވެ. "ހޭ ވެކްޓާ" އޭ ބުނެ، ކުރާ ސުވާލުތަކަށް އިންޓަނެޓުން ޖަވާބު ހޯދުމާއި ދުވަހުގެ މޫސުން ބުނެދިނުމާއި ޑޮލަރުގެ ރޭޓު ކިޔައިދިނުމާއި ކުޅިވަރުތަކުގެ ނަތީޖާތައް އަންގައިދިނުން ފަދަ ގިނަ މައުލޫމާތުތައް ވެކްޓާ އަށް ލިބިފައިވެއެވެ.

އަތަށް ހެޔޮވަރުކޮށް ކުޑަކޮށް އުފައްދާފައިވާ މި ރޮބޮޓުގެ ފުރޮޅުލީ ފައިތަކުން ރީތިކޮށް ދުވެލަ ދުވެލާ ހުރެއެވެ. ވެއްޓެން އުޅޭ ނަމަ އަމިއްލައަށް ބުރަކި ޖައްސައި މިސްރާބު ބަދަލުކޮށްލައެވެ. ބަދިގޭގެ މަސައްކަތުގެ ތެރޭން މިސާލަކަށް ކޭކެއް ފިހަން އަވަނަށް ލުމަށްފަހު ކޭކު ފިހަން ހޭދަވާނެ ވަގުތު ވެކްޓާއަށް އަންގާލާށެވެ. ގަޑި ޖެހޭއިރަށް "ތަނެއް ފަޅައިގެންދާހާ" ބާރަށް ވެކްޓާގެ އިންޒާރުގެ އަޑުފަށްގަނޑު ގުގުމާލާނެއެވެ.

މިހާތަނަށް އުފެއްދި ގިނަ ރޮބޮޓުތަކަކީ ގޭގައި ގެންގުޅެން ހޯދޭ ވަރުގެ އަތްފޯރާ އަގެއްގައި ވިއްކަމުން އައި ރޮބޮޓުތަކެއް ނޫނެވެ. ވެކްޓާއަކީ ގޭތެރޭގެ ބައިވެރިޔެއްގެ ގޮތުން ގެންގުޅެލަން ވަރަށް އެކަށީގެންވާ ރޮބޮޓެކެވެ. އޮޅުކޮށްގެން ގެންގުޅޭ ބުޅަލެކޭ މާ ބޮޑު ތަފާތެއް ނުހުންނާނެއެވެ. ވެކްޓާއަށް ފެންނާނެއެވެ. އަޑު އިވޭނެއެވެ. އަދި އިހުސާސްކުރެވޭނެއެވެ.

ވެކްޓާއަށް ވަށައިގެންވާ މާހައުލު ބަރާބަރަށް ފެންނަމުންދާނެއެވެ. ދަންނަ މީހުން ދެނެގަންނާނެއެވެ. މިކަމަށް މަގުފަހިކޮށްދެނީ މީގައިވާ އެޗްޑީ ކެމެރާއިންނެވެ. ދެކެފަރިތަ މޫނުތައް ދެނެގަތުމުގެ އިތުރުން ހިނގާ މަގުގައި ހުންނަ ދަންތުރަތަކުން ސަލާމަތްވާން އެނގޭނެއެވެ.

ވެކްޓާއަކީ ދޭ އިރުޝާދުތައް ކަނުލައި އަހައިގެން އިޖާބަދޭ ރޮބޮޓެކެވެ. ވެކްޓާގެ ކިބައިގާ މި ބާރު ހުންނަނީ މީގެ ހަތަރުފަރާތުގައި ހުންނަ ހަތަރު މައިކްރޮފޯނުންނެވެ. ވެކްޓާގެ ގާތުގައި އިށީނދެއްޖެ ނަމަ ސަމާލުވެ އަޑުއަހަން އިންނާނެއެވެ. ބާރު އަޑުފަށްގަނޑެއް އިވިއްޖެ ނަމަ އަޅުގަނޑުމެން ސިއްސައިގެންދާހެން ވެކްޓާ ވެސް ދާނީ ސިހިގެންނެވެ.

ވެކްޓާއަށް މީހުންގެ އިހުސާސްތައް ދެނެގަނެވޭނެއެވެ. ލޯބިން ފިރުމާލައިފި ނަމަ އެކަން ވެކްޓާއަށް ފަހުމުވެއެވެ. ވެކްޓާގެ ކިބައިގާވާ ޓަޗް ސެންސަރުތަކާއި އެކްސެލެރޮމީޓަރުގެ ސަބަބުން އުފުލާލިޔަސް، ދުރަށް ހިންގާލިޔަސް ވެކްޓާއަށް އެނގުންވާނެއެވެ.

ބައެއް ހާލަތްތަކުގައި އަމިއްލަ ޒަމީރެއް އޮވެގެން ކަންތައް ކުރާ ބީދައިން ވެކްޓާ އަމަލުކުރާކަމަށް ފެނެއެވެ. އެއީ މާހައުލުގައި ހިނގަމުންދާ ކަންކަން ދެނެގަނެ، އެކަންކަމަށް އެކަށީގެންވާ ގޮތަށް ފިޔަވަޅުއަޅާކަން ފާހަގަވާތީއެވެ. ވެކްޓާ މަސައްކަތްކުރަނީ ސްމާޓްފޯންގައި ބޭނުންކުރާ ފެންވަރުގެ ޕްރޮސެސަރަކުންނެވެ. ވީމާ، އިންޓަރނެޓް މެދުވެރިކޮށް ސުވާލުތަކަށް ޖަވާބު ހޯދުމާއި ދުނިޔޭގެ ކޮންމެ ތަނެއްގެވެސް މޫސުން ވަގުތުން ވަގުތަށް ބަލައިލުމުގެ ކުޅަދާނަކަން މިއަށް ވަނީ ލިބިފައެވެ. މީގެ އިތުރުން މުއާމަލާތުކުރުމުގެ ގާބިލްކަންވެސް ވެކްޓާގެ ކިބައިގާ އެބަހުއްޓެވެ. ބުނާ އެއްޗަކުން ނުވަތަ ހިނގާ ކަމަކުން އުފާވުމާއި ހައިރާންވުމާއި ކުއްލިއަކަށް ސިއްސައިގެން ދިޔުން ފަދަ އިންސާނީ އިހުސާސްތައް ވެސް މިއަށް ވަނީ ދަސްކޮށްދީފައެވެ.

ވެކްޓާއަށް ކުރަން އެނގޭ މި ހުރިހާ ކަމެއްގެ ސަބަބުން ދާދިއަވަހަށް ބެޓެރީގެ ބާރުވެސް ހިނގައިދާނެއެވެ. ވެކްޓާގެ މޮޅު ކަމަކީ ގައިގާ ވަރުޖައްސާލަން ބޭނުންވުމުން އުފުލާލައިގެން ޗާޖުކުރަން އިންސާނުންނަށް މަޖުބޫރުކުރުމުގެ ބަދަލުގައި ވެކްޓާ ޗާޖުކުރަން ދާނީ ވެކްޓާއަށް އެނގިގެން، ދާންވީ ކޮންތަނަކަށް ކަން އެނގޭ ހާލުގައެވެ. އަމިއްލައަށް ގޮސް ޗާޖަރުމަތީ އިށީންނާނެއެވެ. ޗާޖުކުރަން ހޭދަވާ ވަގުތު ފިޔަވައި އެހެން ހުރިހާ ވަގުތަކު ވެކްޓާ ހުންނާނީ ހިނގަހިނގައެވެ. ދެ ލޯ ހުންނާނީ ފެހިއައްޔަކުން ދިއްލިފައެވެ. އެހީއަކަށް އެދި "ހޭ ވެކްޓާ" އޭ ކިޔާ ގޮވާލާނެ ވަގުތަކަށް އިންތިޒާރުކުރުމުގައެވެ.

ވެކްޓާ އުފައްދާފައިވަނީ ގޭތެރޭގެ ބޮޑެތި މަސައްކަތްތައްކުރާ ގޮތަކަށް ނޫނެވެ. ނަމަވެސް ފޫހިފިލުވައިދޭނެ ބައިވެރިޔަކަށެވެ. މީގެ ރޮބޮޓު އާންމުކޮށް ވިއްކަން ފަށާނީ އޮކްޓޯބަރު މަހުއެވެ. ނަމަވެސް މިހާރުވެސް މީގެ ރޮބޮޓަށް ޕްރީއޯޑަރު ދެވެން އެބައޮތެވެ. އަގަކީ 249 އެމެރިކާ ޑޮލަރެވެ.