14 އޯގަސްޓް 2018 - 10:56

ތެހެރާން (އޮގަސްޓް 14) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރާ މަޝްވަރާ ކުރާނެ އެއްވެސް ގޮތެއް ނެތް ކަމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.
"ކޮންމެ ހާލަތެއް މެދުވެރިވެގެން މަޝްވަރާ ކުރަން ޖެހުނަސް އެމެރިކާގައި މިހާރު އޮތް ސަރުކާރާ އެއްވެސް މަޝްވަރާއެއް ނުކުރާނެ،" އީރާނުގެ ބޮޑެތި މައްސަލަތަކުގައި ފަހު ބަސް ވިދާޅުވާ ޚާމަނާއީ ވިދާޅުވި އެވެ.
ޚާމަނާއީ ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކުގައި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ތަފާތު ވާހަކަތައް ދައްކާ ކަމަށެވެ.
"މިކަމާ ގުޅޭ ގޮތުން އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ އެމެރިކާއާ ހަނގުރާމަ ކުރުމެއް ވެސް އަދި މަޝްވަރާ ކުރުމެއް ވެސް ނޯންނާނެއޭ،" ޚާމަނާއީ ވިދާޅުވި އެވެ.
ދުނިޔޭގެ ބޮޑެތި ބާރުތަކާ އެކު އީރާނުން 2015 ވަނަ އަހަރު ސޮއިކުރި ނިއުކްލިއާ އެއްބަސްވުމުން މެއި މަހު އެމެރިކާ ވަކިވުމަށް ފަހު ޓްރަމްޕް ވަނީ އީރާނާ މަޝްވަރާ ކުރަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެއްވެސް ޝަރުތެއް ނެތި އީރާނުގެ ރައީސް ހަސަން ރޫހާނީއާ ބައްދަލު ކުރެއްވުމަށް ޓްރަމްޕް ވަނީ ހުށަހަޅުއްވައިފަ އެވެ.
ޓްރަމްޕަށް ރައްދު ދެއްވައި ރޫހާނީ ވިދާޅުވީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުގައި އީރާނާ އޮތްހާ ދުވަހަކު އެމެރިކާއާ މަޝްވަރާ ކުރުމެއް ނޯންނާނެ ކަމަށެވެ.
ދަތިކުރުމުގެ ފުރަތަމަ ފިޔަވަހީގެ ފިޔަވަޅުތައް އީރާނާ ދެކޮޅަށް ވަނީ އޮގަސްޓް 7 ވަނަ ދުވަހު އަޅައިފަ އެވެ. އަދި ދެ ވަނަ ފިޔަވަހީގެ ފިޔަވަޅުތައް ނޮވެމްބަރު 5 ވަނަ ދުވަހު އަޅާނެ އެވެ.