ކާޖޮލްގެ "ހެލިކޮޕްޓާ އީލާ" ގައި އަމީތާބް ބައްޗަންގެ ހާއްސަ ފެނިލުމެއް
ކާޖޮލްގެ "ހެލިކޮޕްޓާ އީލާ" ގައި އަމީތާބް ބައްޗަންގެ ހާއްސަ ފެނިލުމެއް

ފިލްމެއްގެ މަންޒަރަކުން ސިކުންތަކަށް އަމީތާބް ބައްޗަން ފެނުނަސް އޭނާގެ ފޭނުން ވަރަށް އުފާވާނެ އެވެ. އަމީތާބް ވަނީ މިހާތަނަށް ވަރަށް ގިނަ ފިލްމްތަކެއްގައި ހާއްސަ ފެނިލުންތަކެއް ގެނެސް ދީފަ އެވެ.

މިދިޔަ ފެބްރުއަރީ މަހު ރިލީޒް ކުރި އަކްޝޭ ކުމާރްގެ "ޕެޑްމޭން" ގައި ވެސް އަމީތާބްގެ ހާއްސަ ފެނިލުމެއް ހިމެނެ އެވެ.

އަންނަ މަހުގެ 7 ގައި ރިލީޒްކުރާ ކާޖޮލްގެ "ހެލިކޮޕްޓާ އީލާ" އަކީ ވެސް އަމީތާބް ވަރަށް ހާއްސަ މަންޒަރަކުން ފެނިގެން ދާނެ ފިލްމެކެވެ. އެކަން ޑައިރެކްޓަރު ޕްރަދީޕް ސަރުކާރް ވަނީ ކަށަވަރު ވެސްކޮށް ދީފަ އެވެ.

އޭނާ ބުނި ގޮތުގައި "ހެލިކޮޕްޓާ އީލާ" އިން އަމީތާބް ފެނިގެން ދާނީ އޭނާ ހަމަ ކޮންމެހެން ވެސް ފެންނަން ޖެހޭ ކަހަލަ މަންޒަރަކުންނެވެ. އަދި އެ މަންޒަރު ކުޅެދޭން އެދުމުން ވަގުތުން އޭނާ އެކަމަށް އެއްބަސްވި ކަމަށް ވެސް ޕްރަދީޕް ބުންޏެވެ.

"ފިލްމްގެ ވަރަށް ވެސް މުހިއްމު މަންޒަރަކުން އަމީތާބް ފެނިގެން ދާނީ. މީގެ ކުރިން އަހަންނާ އެކު ވެސް އަދި މި ފިލްމްގެ ބަތަލާ ކާޖޮލް އާއި ފިލްމްގެ ޕްރޮޑިއުސަރު އަޖޭ ދޭވްގަން [ކާޖޮލްގެ ފިރިމީހާ] އާ ވެސް އަމީތާބް ވަރަށް ބޮޑު ގާތް ކަމެއް އޮންނާތީ އަހަރެމެންގެ ހުށަހެޅުން އޭނާ ވަގުތުން ގަބޫލު ކުރި،" މުމްބާއީ މިރާ އަށް އޭނާ ބުންޏެވެ.

"ހެލިކޮޕްޓާ އީލާ" އިން އަމީތާބް ފެނިގެންދާ މަންޒަރުގެ ކުރިމަރާ ނުލައި ޕްރަދީޕް ބުނީ ފިލްމް ބަލައިލުމުން އަމީތާބް ފިލްމަށް މުހިއްމުވާ ސަބަބު ބެލުންތެރިންނަށް އެނގިގެން ދާނެ ކަމަށެވެ.

މި ފިލްމަކީ އެކަނިވެރި މަޔަކާއި އޭނާގެ ޒުވާން ފިރިހެން ދަރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. "ހެކިލޮޕްޓާ އީލާ" ގައި ކާޖޮލްގެ ދަރިފުޅުގެ ރޯލް ކުޅެފައި ވަނީ މި އަހަރު އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ހޯދި ބެންގާލީ އެކްޓަރު ރިދީ ސެން އެވެ.

މީގެ އިތުރު ކާސްޓުންގެ ތެރޭގައި ނީހާ ދޫޕިއާ އާއި ޓޯޓާ ރޯއި ޗައުދަރީ ވެސް ހިމެނެ އެވެ.

"ހެލިކޮޕްޓާ އީލާ" ކެމިއޯއަކަށް އަމީތާބް އެއްބަސްވި އިރު، އޭނާ މީގެ ކުރިން ވެސް ވަނީ ކާޖޮލްއާ އެކު ފިލްމެއްގެ މަސައްކަތްކޮށްފަ އެވެ. އެއީ 2001 ގެ "ކަބީ ހުޝީ ކަބީ ޢަމް" އެވެ.

މި ވަގުތު "ބުރައްމަސްތުރާ" ގެ މަސައްކަތް އަމީތާބް، 75، ކުރަމުން އަންނަ އިރު، އޭނާ ވަރުގަދަ ރޯލެއް ކުޅެފައިވާ "ތަގްސް އޮފް ހިންދުސްތާން" އަންނަ ނޮވެމްބަރު މަހުގެ 7 ގައި ސިނަމާތަކަށް އަންނާނެ އެވެ.