15 އޯގަސްޓް 2018 - 10:10

އާދިއްތަ ދުވަހާ ގުޅޭ
މަންމަގެ ވާހަކަ މި ގޭތެރޭގަ އެކަކު ވެސް ދެން ދައްކައިގެން ނުވާނެ." ޖިނާ ބުންޏެވެ.
ރޮށި ފުށުންޖަހައިލުމަށް ފަހު އަނެއް ރޮށި ދަމަން ފަށައިފައި ޒޫނާ ގަޑިއަށް ބަލައިލިއެވެ. ގަޑިން ހަތެއް ޖަހަނީއެވެ. ހެނދުނުގެ ވަގުތެވެ. ޒޫނާ ހުރީ ވަރަށް ހަމަޖެހިފައެވެ. ހަޔާތުގައި ގިރާކުރަންޖެހުނު އުސް އޮޅިތަކަށް ފަހު ހީ ވެސް ނުކުރާހާ އަވަހަށް ހުވަފެން ޙަޤީޤަތަކަށް ވީއެވެ. އެންމެ ބޭނުންވި މީހާގެ އަންބަކަށް ވެވުނީއެވެ. ޒޫނާ ދެކޭގޮތުގައި ޒޫނާއަކީ ނަސީބުވެރިޔެކެވެ. ކުރިޔަށް އޮތީ އުފާވެރި ދުވަސްތަކެކެވެ. އަމާން ދުވަސްތަކެކެވެ. ނުވަތަ އެއީ ތޫފާން އައުމުގެ ކުރިން ދުނިޔެމައްޗަށް ވެރިވާ ކަހަލަ ހަމަހިމޭންކަމެއް ހެއްޔެވެ؟
"ބަލާބަލަ!" އަޒީޒާގެ އަޑުއިވުނެވެ.
ޒޫނާ ބަލައިލިއެވެ. އަޒީޒާ ކޮޓަރީގެ ދޮރު ލައްޕައިލައިފައި، އިސްތަށިގަނޑަށް ހުޅިޖަހަމުން އައިސް ޒޫނާ އަތުން ދޭފަތް އަތުލިއެވެ.
"ގެންގުޅޭ މީހާ ރަށަށް ފޮނުވާލާފަ، މަންމައަށް އަންގައިވެސް ނުލާ މިހާރު ރޮށި ފިހެ ނިންމާލަނީ ދޯ؟" އަޒީޒާ ހިނިއައިސްފައި ބުންޏެވެ. "ނޫނޭވާ ގަދަ!"
"ގެނޭ މަގޭ އަތަށް،" ޒޫނާ އެދުނެވެ. "މިއަދުގެ ފަހުން މަންމައަށް ވެސް ޗުއްޓީ!"
އަޒީޒާ ނުދޭންހުއްޓައި، ގަދަކަމުން ކަހަލަ ގޮތަކަށް ޒޫނާ ދޭފަތް އަތުލިއެވެ. ހެމުންހެމުން އަޒީޒާ ގޮސް ސޯފާގައި އިށީނެވެ.
"ހުންނާނެ ޕާން ވެސް،" އަޒީޒާ ބުންޏެވެ. "މި ގޭގަ އުޅޭނީ ހުސް ޑައިޓު ކުދިން. އަހަރުމެން ދެމައިން ކަންނޭނގެ ރޮށިތައް ހުސްކުރަންޖެހޭނީ. ޒޫނާޔާ އިންފަހުން ޖިނާ މާ ބޮޑަށް ކެއުމާ ދުރުވެއްޖެ! ކުރާނެ ކަމެއް ނެތިއްޔާ މަންމަ މިދަނީ ކިޔަވައިލަން. އަންނާނަން ސޫރަތް ނިންމައިލައިފަ."
އަޒީޒާ އަލުން ކޮޓަރިއަށް ވަނެވެ. އޭރު ޒޫނާގެ ފުރަގަހުން ފިޔަވަޅެއްގެ އަޑު އިވެއެވެ.
"ޒޫނާ!" ޖިނާ ގޮވައިލި އަޑުއިވުނެވެ.
ޒޫނާ އެނބުރިލިއެވެ. އަދި އެނބުރު ގޮތަށް ހުއްޓުންއަރައިފައި ހުއްޓެވެ. ރޮށި އަނދާކަމެއް ވެސް ޒޫނާއަކަށް ނޭނގެއެވެ. ކުރިމަތީގައި ހުރީ ޖެނީއެވެ. އިތުރު އެންމެ ފިޔަވަޅެއް ވެސް ކުރިޔަށް އަޅާކަށް ޖެނީއަކަށް ނުކެރުނެވެ. މަންމަ ކަންތައްކުރާނީ ކިހިނެއްކަމެއް ޖެނީއަކަށް ނޭނގެއެވެ. ޖިނާ ދުރުގައި ބަލަހައްޓައިގެން ހުއްޓެވެ. ޒޫނާގެ އަތުން ދޭފަތް ދޫވިއެވެ. އެ ކަމަށް ސަމާލުކަން ނުދީ ޒޫނާ މަޑުމަޑުން އައިސް ޖެނީ ގައިގައި ބައްދައިލަން އުޅެފައި ހުއްޓުންއެރިއެވެ. ޖެނީގެ މޫނުގައި ފިރުމައިލަން އުޅެފައި އެ ކަން ވެސް ކުރާކަށް ނުކެރުނެވެ. ޖެނީއާ ދޭތެރޭގައި ކުރިން ޒޫނާއަށް ކަންތައް ކުރެވުނު ގޮތް ހަނދާންވީއެވެ. ފިރުމައިލަން ދިއްކުރި އަތް އަލުން ކުރުކޮށްލެވުނެވެ. ޖެނީއަށް ފުރަގަސްދެވުނެވެ. ރޮވެން ފެށިއެވެ. ޖެނީ ގޮސް ޒޫނާގެ ކުރިމަތީގައި ހުއްޓުނެވެ. މަންމަގެ އަތްތިލަ ގެނެސް ޖެނީގެ ކޮލުގައި ޖައްސައިލިއެވެ. ލިބުނު މައިވަންތަ ލޯބީގެ ސަބަބުން ދެ ލޯ މަރައިލެވުނެވެ.
"މި އަތުން އެންމެ ފަހަރަކު ފިރުމާލީމަ ކުރިން ވީ ހުރިހާ ކަމެއް އަހަރެން ހަނދާންނެތޭނެ،" މަޑުމަޑުން ޖެނީ ބުންޏެވެ. "މަންމަ ދެކެ އަހަރެން ހާދަ ލޯބިވެޔޭ."
ރޮއިގެންފައި ޖެނީ ގައިގައި ޒޫނާ ބައްދައިލިއެވެ.
"އަހަރެން ކަހަލަ މީހަކަށް މަންމަ ކިޔަން ހެޔޮ ވެސް ނުވާނެ،" ޒޫނާ ބުންޏެވެ. "ޖެނީ ހިތުގަޖެއްސުން ނޫންކަމެއް މަންމައަށް ކުރެވުނުތަ؟"
އަޑުންއަޑުނަގައި ނުރުޔަސް، ރުއިން ނޫންކަމެއް ދެމައިން ކުރެ އެކަކަށް ވެސް ނުކުރެވުނެވެ. ރޮށި އަނދާތީ ޖިނާ އުނދުން ނިއްވައިލިއެވެ. އުނދުން ކައިރިއަށް ނުގޮހެވެ. ޖިނާ ހުރީ ލާނެތް ހިންޏެއް އައިސްފައެވެ.
"މަންމައަށް މާފު.." މަޑުމަޑުން ޒޫނާ ބުންޏެވެ.
"މާފުކޮށްފީމޭ މަންމާ!" ޖެނީ ޖަވާބުދިނެވެ.
"އޭރު ވެސް މަ ބުނިން ޖެނީ އަދި އަންނާނޭ،" ޒޫނާ ދެންވެސް ވާހަކަދެއްކީ މަޑުމަޑުންނެވެ. "ކޮންތާކު އުޅެފަ ތި އައީ؟"
"އެކި ރަށްރަށުގަ އުޅުނީ. އަބަދުވެސް މަންމަ ގާތަށް ވަރަށް އަންނަ ހިތްވޭ،" ކުރިއްސުރެ ނިންމައިފައިވާ ޖަވާބުތައް ޖެނީ ދިނެވެ. "އެކަމަކު ނުކެރެނީ."
ޖެނީޔާ ހަތަރުކަޅި ހަމަކޮށްފައި ޖެނީގެ ލޮލުން ޒޫނާ ކަރުނަ ފުހެދިނެވެ. އަދި ޖިނާއަށް ބަލައިލިއެވެ.
"ޝުކުރިއްޔާ!" ޒޫނާ ބުންޏެވެ.
"އެއީ މީހަކަށްޓަކާ ކޮށްދިންކަމެއް ނޫން،" ޖިނާ އެ ނުކުތާ ފާހަގަކުރިއެވެ. "އަހަރެންގެ ވާޖިބެއް މި އަދާކުރީ."
ޖިނާގެ ވާހަކަތަކުން ޒޫނާއަށް ނެގުނީ އެހެން މާނައެކެވެ.
"ޖިނާ ހާދަ ރަނގަޅޭ!" ޒޫނާ ބުންޏެވެ.
ޒޫނާގެ ސިކުނޑި ރަނގަޅަށް މަސައްކަތްކުރަން ފެށީ އިރުކޮޅެއް ފަހުންނެވެ.
"ކިހިނެއް ޖެނީ އައީ؟" ޒޫނާ ސުވާލުކުރިއެވެ. "ކާކު ޖެނީ ގެނައީ؟"
ޖެނީ ބަލައިލީ ޖިނާގެ މޫނަށެވެ. ޒޫނާގެ އެ ސުވާލަށް ޖަވާބުދޭން ހަމަޖެހިފައި އޮތީ ޖިނާއެވެ.
"އަހަރެން ދޮރު ހުޅުވައިލިއިރު އޭނަ ހުރީ ދޮރުމަތީގަ،" ޖިނާ ބުންޏެވެ. "އަހަރެން ބުނީ ވަންނާށޭ. އަންނާށޭ ބުނީ ވެސް އަހަރެން."
"ބައްޕަ އަހަރެން ގެނައީ." އެއްވެސް ޖެހިލުމެއް ނެތި ޖެނީ ބުންޏެވެ.
ޒޫނާ ކުޑަކޮށް ހިތްހަމަނުޖެހުނެވެ.
"ބައްޕަ ކޮބާ؟" ޒޫނާ ސުވާލުކުރިއެވެ.
"މިހިރީނު!" ޖިނާ ބުންޏެވެ. "އަހަރެންގެ ދަރިފުޅު އަބަދުވެސް ހުންނާނީ އަހަރެން ގާތުގަ. ދޯ ދަރިފުޅާ!"
ޒޫނާ ކަރުނަ ފުހެލަމުން ޖެނީއަށް ބަލައިލައިފައި ހިނިތުންވެލިއެވެ.
"ތެދެއް؟" ޒޫނާ އެހިއެވެ. "އެ ބައްޕަ ކަމުދޭ؟"
"ކަމުނުދާންވީ ކީއްވެ؟ އަޖައިބެއް!" ޖިނާ ވަގުތުން ބުންޏެވެ. "އަސްލު ބައްޕައަކީ މިއޭ!"
ޖެނީ ހިނިތުންވެލިއެވެ. ޒޫނާގެ މޫޑު މަޑުމަޑުން ބަދަލުވިއެވެ. ނުތަނަވަސްވިއެވެ.
"ކިހިނެއްވީ؟" ޖިނާ އެހިއެވެ.
"ކާކު އެނދި ރޮށި ކާނީ؟" ޒޫނާ ކުރީ އެކަކު ވެސް ހީނުކުރާ ކަހަލަ ސުވާލެކެވެ.
ގަޑިން އަށްގަޑި ބައިވިއިރު އެންމެން ތިބީ ސައިމޭޒުދޮށުގައެވެ. ހުރިހާ އެންމެން ހަމައެވެ. ޖެނީގެ ތަށްޓަށް ރިހަ އަޅައިދިނީ އަޒީޒާއެވެ. ސައިބޯން އިން ސުހެއިލު، ކުރިމަތީގައި އިން ފަޒޭލަށް ވައްކަޅިން ބަލައިލިއެވެ. ފަޒޭލަށް ބަލައިލެވުނީ ޝާޒްލީއަށެވެ. އޭނަ އިނީ ސުހެއިލުގެ ކަނާއަތްފަރާތުގައެވެ. ޝާޒްލީ ބަލައިލީ ޖިނާއަށެވެ. އެކަކު ވެސް ވާހަކައެއް ނުދައްކައެވެ. ދަނޑިވަޅު ބަލައިފައި ޖިނާ ކަރުކެހިލިއެވެ.
"މި މޭޒަށް އިތުރުވީ ކާކުކަން ނޭނގިގެންތަ ތި އުޅެނީ؟" ޖިނާ ސުވާލުކުރިއެވެ. "އަހަރެން ކިޔައިދޭނަން. މީ ސުހެއިލް. އޭނީ ޝާޒްލީ. މީ ފަޒޭލް. ދެން އެންމެނަށް ބުނެދޭނަން މީ ކާކުކަން. މީ ޖެނީ. ހުރިހާ ކުދިންގެ ކޮއްކޮ."
ޖިނާގެ ތިން ދަރިންނަށް ވެސް ލިބުނީ ސިހުމެކެވެ. އެކަމަކު ޝާޒްލީ ވަރަށް އަވަހަށް ހިނިތުންވެލިއެވެ.
"ހުރިހާ ކުދިން ވެސް ކޮއްކޮ ދެކެ ލޯބިވާންޖެހޭނެ،" ޖިނާ އެދުނެވެ. "އެއްވެސް ތަފާތުކުރުމެއް ގެންގުޅެގެން ނުވާނެ. ޖެނީ ދެން އުޅޭނީ މި ގޭގަ. ޝާޒްލީ ކޮޓަރީގަ ޖެނީ އޮންނާނީ."
ނޭނގި ކުއްލިއަކަށް ގެއަށް އައި މެހުމާނަށް ފިނި މަރުޙަބާއެއް ކިއި ނަމަވެސް، ޖިނާ ކަންބޮޑެއް ނުވެއެވެ. ދެކެފަރިތަވާން ދުވަސްކޮޅެއް ނަގާނެކަން ޖިނާއަށް ވިސްނެއެވެ. އެންމެން އެކުވެރިވެއްޖެއްޔާ ކިތަންމެހާ ވެސް ރަނގަޅެވެ. އެހެން ނުވެއްޖެއްޔާ ދެން ހަދާނެ ގޮތް ވެސް ޖިނާއަށް އެނގެއެވެ.
ސައިބޮއި ނިމިގެން ޖެނީއަށް ކޮޓަރިދައްކަން ޝާޒްލީ ވަނެވެ.
"އެނދެއް ގެންނަންދެން އެއް އެނދު ޝެއަރކުރަން ޖެހޭނީ." ޝާޒްލީ ބުންޏެވެ.
ޝާޒްލީގެ ފަރާތުން ޖެނީއަށް ފެނުނީ ގާތްކަމެވެ. އެކުވެރިކަމެވެ. ވީމާ، ޖެނީ ވެސް އެ ފަދައިން ޖަވާބުދިނެވެ.
"އަހަރެންގެ މައްސަލައެއް ނެތް،" ޖެނީ ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "އެކަމަކު ދައްތަ ގުގުރިނުދަމަންޏާ.."
ޖެނީއާއި ޝާޒްލީ އެކުއެކުގައި ހީނގަތެވެ. ޖެނީ އެހެން ބުނީ ސަމާސާއަކަށްކަން ޝާޒްލީއަށް އެނގެއެވެ.
"އަހަރެން މިދަނީ އޮފީހަށް ދާން،" ގަޑިބަލައިލައިފައި ޝާޒްލީ ބުންޏެވެ. "ތިނެއްޖަހާއިރު ދެން އާދެވޭނީ."
ޝާޒްލީ ދިޔުމުން ޖެނީ ދޮރު ލައްޕައިލިއެވެ. އެ ކޮޓަރި ބޮޑޭ ބުނާހިތެއް ޖެނީ ނުވެއެވެ. އަނެއްކޮޅުން ޖެނީ އައީ ބޮޑު ކޮޓަރިއެއްގެ ބޭނުމަކު ނޫނެވެ. ޖެނީ ކަރުގައި އަޅައިފައިވާ ފަށަށް ދަމައިލިއެވެ. ފަށުގެ ފޫ ފެނުމުން ފުލަށް ބޮސްދިނެވެ. އެ ވަގުތު ބުޅަލެއް ގޮވައިލި އަޑު އިވުމުން ޖެނީ ސިއްސައިގެންދިޔައެވެ. އަޑު އައި ދިމާއަށް ޖެނީ ބަލައިލިއިރު ޝާޒްލީގެ ބުޅާ ފާޑަކަށް ބަލަހައްޓައިގެން އޮތެވެ. ވަރަށް ތޫލިއަޑަކުން ގޮވައިލިއެވެ. ޖެނީ ފަށުގެ ފޫ ނުފެންނަ ގޮތަށް އަނެއްކާވެސް ހެދުމުގެ އެތެރެއަށް ފަށް ލިޔެވެ. މަޑުމަޑުން ފަހަތަށްޖެހެމުން ގޮސް ކޮޓަރިން ނުކުތެވެ. އެ ބުޅަލާ ކުރިމަތިލާކަށް ޖެނީ ބޭނުމެއް ނޫނެވެ.
ރޭގަނޑު ދިހައެއްޖެހުމާ ކައިރިވަމުން އައިއިރު ފަޒޭލު އިނީ ފަޒޭލުގެ ކޮޓަރީގައެވެ. އެނދަށް އަރައި ފާރުގައި ލެނގިލައިގެންނެވެ. ސުހެއިލު އިނީ އެނދުގައި އިށީނދެގެންނެވެ. ޝާޒްލީ ހުރީ ދޮރުގެ އެތެރެފަރާތުގައި ލެނގިލައިގެން ދެއަތްއުރައިލައިގެންނެވެ. އެކަކު ވެސް ވާހަކައެއް ނުދައްކައެވެ. ނުވަތަ ދައްކާނެ ވާހަކައެއް އެކަކަށް ވެސް ނޭނގެއެވެ. ކުރިމަތިވެފައިވާ މައްސަލައާ ކުރިމަތިލާނެ ގޮތެއް ވެސް ނޭނގެއެވެ. ލައްކަ މަޝްވަރާކުރެވިއްޖެއެވެ.
"އެހެންވީމަ ދެން ކިހިނެއް ހެދޭނީ؟" ސުހެއިލު އެހިއެވެ.
"ހެދޭނެ ގޮތެއް ނެތް،" ޝާޒްލީ ބުންޏެވެ. "ސްޓެޕްމަމް މި ގެއަށް ގެންނަން ހުއްދަދިނީ ވެސް އަހަރުމެން. އަހަރެން މީ ބަލާދިޔަ މީހާ."
"އެކަމަކު އޭރު އަހަރުމެންނަކަށް ނޭނގޭ ދޯ އޭނަގެ ދަރިއެއް ހުންނަކަމެއް،" ފަޒޭލު ހިތްހަމަނުޖެހިފައި ބުންޏެވެ. "އަހަރެންނަށް އެނގިފައޮތް ގޮތުން އޭނަގެ ކިޑް މަރުވީ."
"ތި ވާހަކައޭ މަ ވެސް މި ބުނަނީ،" ޝާޒްލީ އައިސް އެނދުގައި އިށީންނަމުން ބުންޏެވެ. "ދެން ޖެހޭނީ ކެތްކޮށްލަން. އިއްޔެ ޑެޑްއަށް އޯކޭދީފަ މިއަދަކު ނުބުނެވޭނެ އޭނަ މިގެއިން ނެރޭށެކޭ."
ގޯސްހެދުމުގައި އެންމެންނަށް ބައިވެރިވެވިއްޖެއެވެ. ބަހަނާއެއް ނެތި އެ ކަމުން ރެކެވޭނެ ގޮތެއް ނެތެވެ.
"އެބައޮތް ގޮތެއް،" ގޮތެއް ވިސްނުނު ހަމައެކަނި މީހަކީ ސުހެއިލެވެ. "އަހަރުމެންނަށް ބުނެވިދާނެއްނު ބައްޕަ މެރީކުރީ އަހަރުމެންނަށް ސިއްރުންނޭ."
"ތީ ވަރަށް ސްޓްޕިޑް ޕޮއިންޓެއް ބޭބޭ،" ޝާޒްލީ ބުންޏެވެ. "ޑެޑް ނުޖެހޭނެ އަހަރުމެން ގާތުގަ ބުނާކަށް. ނުޖެހޭނެ ހުއްދަ ހޯދާކަށް ވެސް. އަނެއްކޮޅުން އަހަރުމެން ވެސް ޖެހޭނެ ވިސްނާލަން. އައިމީން ކޮންމެ ގޮތެއް ވިޔަސް އެއީ އަހަރުމެންގެ ޑެޑް. ޖެހޭނެ ރެސްޕެކްޓްކުރަން."
"ރެސްޕެކްޓް؟" ސުހެއިލު އެހިއެވެ. "ބައެއް ފަހަރު އަހަންނަށް ހީވޭ އެއީ އަހަރުމެންގެ ޑެޑްއެއް ނޫންހެން ވެސް. ހަނދާން އެބަހުރިތަ ބައްޕަ ދެއްކި ވާހަކަ؟ ހުރިހާ ކުދިން ވެސް ކޮއްކޮ ދެކެ ލޯބިވާންޖެހޭނެ.."
(ނުނިމޭ)