"ޒޯޔާ ފެކްޓާ" ގައި ކިޔައިދެނީ ވިރާޓް ކޯލީގެ ވާހަކަ ބާ؟
"ޒޯޔާ ފެކްޓާ" ގައި ކިޔައިދެނީ ވިރާޓް ކޯލީގެ ވާހަކަ ބާ؟

ސޯނަމް ކަޕޫރާއި ދަލްގޫރް ސަލްމާންގެ ފިލްމް "ޒޯޔާ ފެކްޓާ" ގެ ޝޫޓިން ފެށުމަށް ތައްޔާރުވަމުން އަންނަ އިރު، އެ ފިލްމް ބެހޭ ގޮތުން ތަފާތު ވާހަކައެއް މިހާރު އަންނަނީ ދެކެވެމުންނެވެ. މި ފިލަމްކީ އަނޫޖާ ޗޯހަން 2008 ގައި ނެރުނު ވާހަކަ "ޒޯޔާ ފެކްޓާ" ބިނާކޮށް ހަދާ ފިލްމެކެވެ.

ފިލްމްގެ މައިގަނޑު ވާހަކައަކީ ކްރިކެޓާއި ލޯތްބެވެ. އެޑްވަޓައިޒިން އެޖެންސީއެއްގައި މަސައްކަތްކުރާ ޒުވާން އަންހެން ކުއްޖަކު، ކްރިކެޓް ޓީމެއްގެ ނަސީބާ ގުޅިފައި އޮންނަ ގޮތް ޝައުގުވެރި ގޮތަކަށް ކިޔައިދޭ ފިލްމާ ބެހޭ ގޮތުން މީޑިއާތަކުން މިހާރު ބުނަނީ މިއީ އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އަދި ބަތަލާ އަނުޝްކާ ޝަރްމާގެ ފިރިމީހާ ވިރާޓް ކޯލީގެ ވާހަކަ ކިޔައިދޭ ފިލްމެއް ކަމަށެވެ.

މީޑިއާތަކުން ބުނެފައިވާ ގޮތުގައި "ޒޯޔާ ފެކްޓާ" ގެ ވާހަކަ އާއި ވިރާޓްގެ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅެ އެވެ.

އެކަމަކު މިކަމާ ބެހޭ ގޮތުން ފިލްމްގެ ލީޑް ބަތަލުގެ ރޯލް ކުޅޭ ދަލްގޫރްއާ މީޑިއާތަކުން ސުވާލު ކުރުމުން އޭނާ ވަނީ ފިލްމަކީ ވަކި މީހެއްގެ ވާހަކަ ކިޔައިދޭ ފިލްމެއް ނޫން ކަމަށް ބުނެފަ އެވެ. "ޒޯޔާ ފެކްޓާ" ގައި ދަލްގޫރް ކުޅޭނީ ކްރިކެޓް ކުޅުންތެރިއެއްގެ ރޯލެވެ.

"މިއީ މީގެ އަހަރުތަކެއް ކުރިން ލިޔެފައި އޮތް ހިޔާލި ވާހަކައެއް. އެހެންވެ ގަބޫލެއް ނުކުރެވޭ މިއީ ސީދާ އެއްވެސް މީހަކާ ގުޅުމެއް ހުރި ވާހަކައެއްހެނެއް،" މަލަޔާޅަމް ފިލްމްތަކުން މަޝްހޫރުކަން ހޯދި އެކްޓަރު ބުންޏެވެ.

ދަލްގޫރް ބުނީ ފިލްމްގެ ޝޫޓިން މި މަހުގެ ފަހުކޮޅު ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ. "ޒޯޔާ ފެކްޓާ" އަކީ އޭނާ ކުޅޭ ދެވަނަ ހިންދީ ފިލްމެވެ. ދަލްގޫރް ބޮލީވުޑަށް ތައާރަފުވި ފިލްމަކީ މި މަހުގެ 3 ވަނަ ދުވަހު ރިލީޒްވި "ކާރްވާން" އެވެ. އެ ފިލްމްގެ ކާސްޓުންގެ ތެރޭގައި އިރްފާން ހާން ވެސް ހިމެނެ އެވެ.

އަބީޝެކް ޝަރްމާ ޑައިރެކްޓް ކުރާ "ޒޯޔާ ފެކްޓާ" ރަސްމީކޮށް އިއުލާން ކުރީ މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހު އެވެ. މި ފިލްމް ސިނަމާތަކަށް އަންނާނީ އެޕްރީލް، 5، 2019 ގަ އެވެ.

"ތެެރޭ ބިން ލާދިން" ފަދަ ފިލްމްތައް ގެނެސް ދިން އަބިޝެކް އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ ދާދި ފަހުން ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ޖޯން އަބްރަހަމްގެ "ޕަރްމަނޫ: ދަ ސްޓޯރީ އޮފް ޕޮކްރާން" އެވެ.