14 އޯގަސްޓް 2018 - 09:55

އަންނަ މަހު 23ގައި ބާއްވާ ރިޔާސީ އިންތިހާބުގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ މީހުންގެ ފޯމުތައް މިއަދު ޕްރޮސެސްކޮށް ނިމޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ ފޯމުތައް ޕްރޮސެސް ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުން އަންނަ ކަމަށެވެ.
"މިއަދުގެ ނިޔަލަށް މަސައްކަތް ނިމޭނެ ކަމަށް އަޅުގަނޑުމެން ލަފާކުރަނީ،" އަކްރަމް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް އިއްޔެ ވިދާޅުވި ގޮތުގައި ރީ-ރަޖިސްޓްރީ ކުރުމަށް ގާތްގަނޑަކަށް 95،000 ފޯމު ލިބިފައިވެ އެވެ. ނަމަވެސް ފޯމުތައް ބަލައި ޗެކްކޮށް، ސައްހަ ނޫން ފޯމުތައް އުނިކޮށް އެންޓާ ކުރުމުން އެ އަދަދު މަދުވާނެކަން ޝަރީފް ފާހަގަކުރެއްވި އެވެ.
"95،000 މީހުންނަކީ ރަޖިސްޓްރީވި މީހުންގެ އަދަދެއް ނޫން. ފޯމުތައް އެންޓާކޮށް ހުރިހާ ކަމެއް ނިމޭއިރު އެ އަދަދު މަދުވާނެ. އެކަމަކު އަޅުގަނޑުމެންނަށް އެ އަދަދެއް އެނގޭނީ ހުރިހާ ފޯމުތަކެއް އެންޓާކޮށް ނިމުނީމައި،" އޭނާ ވިދާޅުވި އެވެ.
ރީ-ރެޖިސްޓްރޭޝަންގައި ސަރުކާރުން މަކަރު ހަދަން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެ އެވެ. ރީ-ރެޖިސްޓްރޭޝަނަށް ހުޅުވާލުމާ އެކު ފޯމު ހުށަހެޅި އެތައް ބަޔަކު އަދިވެސް ރަޖިސްޓްރީ ނުވާތީ އެކަމުގެ ޝަކުވާ ވެސް ވަނީ ބޮޑުވެފަ އެވެ.
ރިޔާސީ އިންތިހާބު ބާއްވަން މަހެއްހާ ދުވަހަށް ވެފައި ވާއިރު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ވޯޓުލާ ފޮށިތަކާއި ބޫތުތައް ރަށްރަށަށް ފޮނުވަން ފަށައިފަ އެވެ. މި އިންތިހާބުގައި 491 ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ އިރު އޭގެ ތެރޭގައި 43 ރިސޯޓާއި ރާއްޖެއިން ބޭރުގެ ހަތަރު ގައުމެއް ވެސް ހިމެނެ އެވެ.
އާއްމުކޮށްފައިވާ ވޯޓާސް ރަޖިސްޓްރީގައިވާ ގޮތުން މި އަހަރުގެ އިންތިހާބުގައި 263،183 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. އެންމެ ފަހުން 2013 ގައި އޮތް ރިޔާސީ އިންތިހާބުގައި އެ އަދަދު އުޅުނީ 239،165 ގަ އެވެ.