ކުޅުންތެރިން "ނުލިބުމުން" ޔުނައިޓެޑުން ޑިރެކްޓަރެއް ހޯދަނީ!
ކުޅުންތެރިން "ނުލިބުމުން" ޔުނައިޓެޑުން ޑިރެކްޓަރެއް ހޯދަނީ!

މެންޗެސްޓާ (އޮގަސްޓް 14) – ނިމިގެން ދިޔަ ޓްރާންސްފާ ބާޒާރުގައި މާބޮޑު ވިޔަފާރިއެއް ނުކުރި އެތައް ބަޔެއްގެ ނުރުހުން އަމާޒުވި މެންޗެސްޓާ ޔުނައިޓެޑުން އެ ކްލަބުގެ ޓްރާންސްފާގެ ކަންކަމަށް ހާއްސަ ސްޕޯޓިން ޑިރެކްޓަރެއް ހޯދުމުގެ މަސައްކަތް ފަށައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޔުނައިޓެޑުގެ ޓްރާންސްފާގެ މަސައްކަތް މިހާރު ބޮޑަށް ބަލަހައްޓަނީ ކްލަބުގެ އެގްޒެކެޓިވް ވައިސް ޗެއާމަން އެޑް ވުޑްވަޑެވެ. ދުނިޔޭގެ އެންމެ ބޮޑު އާމްދަނީއެއް ލިބޭ ކްލަބުގެ ގޮތުގައި އޮތް ނަމަވެސް ޔުނައިޓެޑަށް މަތީ ފަންތީގެ ކުޅުންތެރިން ހޯދުމަށް ދަތިތަކާ ކުރިމަތިލާން ޖެހެ އެވެ. މި ފަހަރު ވެސް ކޯޗު ހޯސޭ މޮރީނިއޯ ފަސް ޑިފެންޑަރުންގެ ލިސްޓެއް ދިން ނަމަވެސް އެކަން ކާމިޔާބެއް ނުކުރެވެ އެވެ.

އެހެންވެ ޔުނައިޓެޑުން ބަލަމުން އަންނަނީ އިޓަލީ އާއި ސްޕެއިން ލީގުގެ ކްލަބްތައް ފަދައިން ޓްރާންސްފާތަކަށް ހާއްސަ ސްޕޯޓިން ޑިރެކްޓަރެއް ގެންނަން ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޔުނައިޓެޑުން އެންމެ ބޮޑަށް ބޭނުންވަނީ ރޯމާގެ ޑިރެކްޓާ އޮފް ފުޓްބޯލް މޮންޗީ ނުވަތަ ޔުވެންޓަސްގެ ސްޕޯޓިން ޑިރެކްޓާފަބިއޯ ޕަރަޓިޗީ އެވެ. މީގެ އިތުރުން މިހާރު އަޔަކްސްގައި މަސައްކަތްކުރާ ޔުނައިޓެޑުގެ ކުރީގެ ގޯލްކީޕަރު އެޑިން ވެން ޑަ ސާ އާއި އިޓަލީގެ ނޮވާރާގެ ޑޮމެނިކޯ ޓެޓީ އަކީ ވެސް އޮޕްޝަންތައް ކަމަށްވެ އެވެ.

މީގެ ތެރެއިން މޮންޗީ އަކީ ސެވިއްޔާގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށް ފަހު ރޯމާއާ ދާދި ފަހުން ގުޅުނު ޑިރެކްޓަރެކެވެ. ސެވިއްޔާ 2000 ވަނަ އަހަރު ރެލިގޭޓްވުމުން ކްލަބް ކޮޅަށް ޖެހުމަށްޓަކައި ޑިރެކްޓާ އޮފް ފުޓްބޯލްގެ މަގާމާ ހަވާލުވެ ކްލަބުގެ ޔޫތު ސިސްޓަމް ރަނގަޅުކޮށް ކުޅުންތެރިން ސްކައުޓް ކުރުމުގެ މަސައްކަތް ފެށި އެވެ. ސާޖިއޯ ރާމޯސް އާއި ހެސަސް ނަވާސް ފަދަ ކުޅުންތެރިން ސްކައުޓްކޮށް އަދި މުޅި ދުނިޔޭގައި 700 ސްކައުންޓުގެ ނެޓްވޯކެއް ގާއިމްކުރި އެވެ. އެޑްރިއާނޯ، ޑެނީ އަލްވެސް، ޖޫލިއޯ ބަޕްޓިސްޓާ، ސޭޑޫ ކެއިޓާ އަދި އިވާން ރަކިޓިޗް ފަދަ ކުޅުންތެރިން ކުޑަ އަގެއްގައި ގެނެސް، ބޮޑު އަގުގައި ވިއްކާލައި އޭނާ ވަނީ ކްލަބަށް 200 މިލިއަން ޔޫރޯގެ ފައިދާއެއް ހޯދައިދީ އަދި ލީގުގެ ރަނގަޅު ހިސާބެއްގައި ކްލަބް ބާއްވައިދީފަ އެވެ.

ޔުވެންޓަސްގެ ޕަރަޓިޗީ އަކީ އެ ކްލަބުގެ ޖެނެރަލް މެނޭޖަރު އަދި މިވަގުތު ދުނިޔޭގައި ހުރި އެންމެ ވަރުގަދަ އެއް ޓްރާންސްފާ ސްޕެޝަލިސްޓް ޖިސެއްޕޭ މަރޯޓާގެ އެއް އަތެވެ. އޭނާ ވަނީ މަރޯޓާއާ އެކު މީގެ ކުރިން ސަމްޕްޑޯރިއާގައި މަސައްކަތްކޮށްފަ އެވެ. ޔުވެންޓަސް 2007 ގައި ރެލިގޭޓްވެ ވެއްޓުނު އަނދަވަޅުން އަރައިގަނެ، އިޓަލީގެ އެއް ވަނަ ޓީމަށް އަލުންވެ އަދި ޔޫރަޕުގެ ގަދަބާރަކަށް ވުމުގެ ފަހަތުގައި އޮތް އެންމެ ބޮޑު އެއް ސަބަބަކީ 2010 ވަނަ އަހަރު މަރޯޓާ އާއި ޕަރާޓީ އެ ކްލަބާ ގުޅި ފެށި މަސައްކަތެވެ. ޔުނައިޓެޑުގެ ޒުވާން ކުޅުންތެރިން ޕައުލް ޕޮގްބާ ހިލޭ ގެނައުމަށް އޭގެ އަހަރުތަކެއް ފަހުން އެ ކްލަބަށް އޭނާ ވިއްކާލީ އޭރުގެ ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 105 މިލިއަން ޔޫރޯ އަށެވެ.