15 އޯގަސްޓް 2018 - 07:54

ކުރިން ސްކްރީނުން އެކުގައި ނުފެންނަ ޖޯޑުތައް އެކީގައި ފެނިގެން ދިއުން ވެގެން ދާނީ ބެލުންތެރިންނަށް ވަރަށް ހާއްސަ ކަމަކަށެވެ. އަންނަ މަހު ރިލީޒްކުރާ ފިލްމުތަކުގެ ތެރެއިން ދެ ފިލްމަކުން އަލަށް ސްކްރީން ހިއްސާކުރާ ތަރިންތަކެއް ފެނިގެން ދާނެ އެވެ.
އޭގެ ތެރޭގައި އަނުޝްކާ ޝަރްމާ އާއި ވަރުން ދަވަން އެކީގައި ފިލްމަކުން ފެނިގެންދާ އިރު އަންނަ މަހުގެ 14 ގައި ރިލީޒް ކުރާ "މަންމަރްޒިޔާން" އިން ތާޕްސީ ޕައްނޫ އާއި އަބީޝެކް ބައްޗަން އަދި ވިކީ ކޯޝަލް ފެނިގެން ދާނެ އެވެ.
އަނުޝްކާ އާއި ވަރުންގެ ކެމިސްޓްރީ ފުރަތަމަ ފަހަރަށް ބޮޑު ސްކްރީނުން ފެނިގެންދާ ފިލްމް "ސުއީ ދާގާ: މޭޑް އިން އިންޑިއާ" ގެ ޓްރެއިލާ މިހާރު މި ވަނީ ދައްކާލައިފަ އެވެ. މި ފިލްމަކީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ލިބުނު 2014 ގެ ފިލްމް "ދަމް ލަކާ ކޭ ހައިޝާ" ގެނެސް ދިން ޑައިރެކްޓަރު ޝަރަތު ކަތަރިޔާ ޑައިރެކްޓްކޮށް، ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) އިން އުފައްދާފައިވާ އިޖުތިމާއީ ފިލްމެކެވެ.
ފިލްމްގައި ކިޔައިދެނީ އިންޑިއާގެ ރަށްފުށުގައި ދިރިއުޅޭ ފަހާ ފިރިހެނަކާއި ޖަރީގެ މަސައްކަތްކުރާ އޭނާގެ އަންހެނުންގެ ވާހަކަ އެވެ. ވަރުން އާއި އަނުޝްކާ ދެމަފިރިންގެ ރޯލުން ފެނިގެންދާ ފިލްމްގައި އެ ދެ ތަރިން ކުޅެފައި ވަނީ ވަރަށް ވެސް ޑި-ގްލެމް ރޯލްތަކެވެ. "ސުއީ ދާގާ" ގެ ޓްރެއިލާ ބަލާފައި ފިލްމީ ދާއިރާގެ ވަރަށް ގިނަ ފަންނާނުން ވަނީ އެއަށް ތައުރީފުކޮށް ޓްވީޓްކޮށްފަ އެވެ.
މި ފިލްމް ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 28 ގަ އެވެ.
"ރިޕޯޓާޒް" އާއި "ކުޗް ތޯ ލޯގް ކަހޭ" ފަދަ ޓީވީ ސިލްސިލާތައް ކުޅެފައިވާ ކިރިތިކާ ކަމްރާ، 29، ވެސް ބޮލީވުޑަށް ތައާރަފުވާން ތައްޔާރުވެއްޖެ އެވެ. އޭނާގެ ފުރަތަމަ ފިލްމް "މިތުރޯން" ގެ ޓްރެއިލާ މިއަދު ދައްކައިލަން ނިންމާފައިވާ އިރު، ފިލްމް ސިނަމާތަކަށް އަންނާނީ އަނޫރާގް ކެޝަޕްގެ "މަންމަރްޒިޔާން" ރިލީޒް ކުރާ ތާރީހު ކަމަށް ސެޕްޓެމްބަރު 14 ގަ އެވެ.
ނިތިން ކައްކަރް ޑައިރެކްޓްކޮށްފައިވާ "މިތުރޯން" ގެ ބަތަލަކީ ބޮލީވުޑުން މާ ބޮޑު ކުރިއެރުމެއް ނުލިބުނު އެކްޓަރު ޖެކީ ބަގްނާނީ އެވެ. އޭނާއަކީ ޕްރޮޑިއުސަރު ވާޝޫ ބަގްނާނީގެ ދަރިފުޅެވެ. ޖެކީ ކުޅެފައިވާ ފިލްމްތަކުގެ ތެރޭގައި "ފާލްތޫ"، "ރަންގްރޭޒް" އަދި "ޔަންގިސްތާން" ހިމެނެ އެވެ.
އަކްޝޭ ކުމާރާއި ސުނިލް ޝެޓީ އަދި ޕަރޭޝް ރާވަލް މުހިއްމު ރޯލްތަކުން ފެނިގެންދާ ކޮމެޑީ ފްރެންޗައިޒް "ހީރާ ޕޭރީ" ގެ ތިން ވަނަ ބައިގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ. އަންނަ ހުކުރު ދުވަހު ރިލީޒް ކުރާ "ގޯލްޑް" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި އަކްޝޭ ވަނީ އެ ފިލްމަށް އޭނާ ތައްޔާރުވަމުން އަންނަކަން ވެސް ކަށަވަރުކޮށް ދީފަ އެވެ.
ފީރޯޒް ނަދިއަދްވާލާ ޕްރޮޑިއުސް ކުރާ "ހީރާ ޕޭރީ 3" އިން ވެސް ސުނިލް އާއި ޕަރޭޝް ފެނިގެން ދާނެ އެވެ. މި ފަހަރު ފިލްމް ޑައިރެކްޓް ކުރާނީ "މަސްތީ" ފްރެންޗައިޒްގެ ޑައިރެކްޓަރު އިންދަރް ކުމާރް އެވެ. އޭނާ މިހާރު އަންނަނީ ޑިސެމްބަރު 7 އަށް ތާވަލުކޮށްފައިވާ "ޓޯޓަލް ދަމާލް" ގެ މަސައްކަތް ކުރަމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ހީރާ ޕޭރީ 3" އަންނަ އަހަރުގެ ކްރިސްމަސްގައި ސިނަމާތަކަށް ގެންނާނެ އެވެ.
މި ސީރިޒްގެ ފުރަތަމަ ފިލްމް ޕްރިޔާދަރްޝަން ޑައިރެކްޓްކޮށް ގެނެސް ދިނީ 2000 ވަނަ އަހަރު އެވެ. އަދި "ޕިރް ހީރާ ޕޭރީ" ރިލީޒް ކުރީ 2006 ގަ އެވެ. އެ ފިލްމް ޑައިރެކްޓް ކުރީ މިދިޔަ އަހަރު މަރުވެފައިވާ އެކްޓަރު/ޑައިރެކްޓަރު ނީރަޖް ވޯރާ އެވެ.