13 އޯގަސްޓް 2018 - 16:01

ކުއާލަ ލަމްޕޫރު (އޮގަސްޓް 13) - މެލޭޝިއާގެ އިންވެސްޓްމަންޓް ބޭންކް 1އެމްޑީބީގެ ކޮރަޕްޝަން ފައިސާ އިން ގަނެފައިވާ ކަމަށް ބެލެވޭ ޕްރައިވެޓް ޖެޓް ވެސް މެލޭޝިއާ އަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބޮޑު ވަޒީރު މަހާތިރު މުހައްމަދު ވިދާޅުވެއްޖެ އެވެ.
1އެމްޑީބީގެ ބޮޑު ޚިޔާނާތުގައި އެންމެ ބޮޑަށް ތުހުމަތުކޮށްފައިވާ އެކަކު ކަމަށްވާ ވިޔަފާރި ވެރިޔާ ލޯ ޓައެކް ޖޯ ގަނެފައިވާ ބޮމްބާޑިއާ ގްލޯބަލް 5000 މަރުކާގެ ޖެޓް މިހާރު އޮތީ ސިންގަޕޫރުގެ ސެލެޓާ އެއާޕޯޓުގަ އެވެ. އެ ޖެޓް ސިންގަޕޫރުން ހިފެހެއްޓީ މިދިޔަ އަހަރު އެވެ. އެއީ ޖެޓް ގަނެފައި ވަނީ 1އެމްޑީބީގެ އެއް ބިލިއަން ޑޮލަރުގެ ކޮރަޕްޝަން ފައިސާ އިން ކަމަށް ތުހުމަތު ކުރެވޭތީ އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަހާތިރު ވިދާޅުވީ ގެއްލިފައިވާ ހުރިހާ ފައިސާއެއް އަނބުރާ ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
1އެމްޑީބީގެ ކޮރަޕްޝަން ފައިސާ އިން ގެނެފައިވާ ކަމަށް ބެލެވޭ 250 މިލިއަން ޑޮލަރުގެ ސުޕަ ޔޮޓް މިދިޔަ ހަފުތާގައި ވަނީ މެލޭޝިއާ އަށް ގެންގޮސްފަ އެވެ. ކްލާންގް ބަނދަރުގައި މިހާރު އޮތް ޔޮޓް ވެސް ގެނެފައި ވަނީ ލޯ އެވެ. ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ ވަރަށް ގާތް މީހެއް ކަމަށްވާ ލޯ ހައްޔަރު ކުރަން މެލޭޝިއާގެ އެންޓި-ކޮރަޕްޝަން އެޖެންސީން ވަނީ އަމުރު ނެރެފަ އެވެ. ނަމަވެސް ލޯ މިހާރު އުޅޭ ތަނެއް ނޭނގެ އެވެ.